Fuvahmulakga real estate usoolun flat gannan tharuheebeh neiy
image
ޏ. ފުވައްމުލައް--
0 ކޮމެންޓް
 

ފުވައްމުލަކުގައި ރިއެލް އެސްޓޭޓް އުސޫލުން ފްލެޓް ގަންނަން ތަރުހީބެއް ނެތް

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފުވައްމުލައް ސިޓީގައި ތަރައްގީ ކުރި 200 ފްލެޓުގެ ތެރެއިން 60 ފްލެޓެއް ވިޔަފާރީގެ އުސޫލުން ދޫކުރަން އޭރު ނިންމި ނަމަވެސް މިހާރު އެ ފްލެޓުތައް ސޯޝަލް ހައުސިން ޔުނިޓުގެ ގޮތުގައި ދޫކުރަން ނިންމާފައިވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ.
އެރަށުގައި ތަރައްގީ ކުރަން ފެށި 200 ފްލެޓުގެ ތެރެއިން 120 ފްލެޓު ހާއްސަކުރެވިފައި ވަނީ ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށެވެ. އަދި 20 ފްލެޓެއް ހާއްސަ ކުރެވުނީ ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށެވެ. އަދި ބާކީ ފްލެޓުތައް ސަރުކާރުން އޭރު ނިންމާފައި ވަނީ ރިއަލް އެސްޓޭޓް ނުވަތަ ގެދޮރުވެރިކަމުގެ ވިޔަފާރި އުޞޫލުގެ ދަށުން ވިއްކުމަށެވެ.

އެކަމަކު ފުވައްމުލަކު ކައުންސިލުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝިރާރު ސީއެންއެމް އަށް ވިދާޅުވީ ބާކީ 60 ފްލެޓު ވިއްކަން އުޅުނު ނަމަވެސް އެކަމަށް އާއްމުންގެ މާ ބޮޑު ތަރުހީބެއް ނެތް ކަމަށެވެ. އެހެންކަމުން ފްލެޓު ލިބުނު މީހުންގެ ލިސްޓަށް ހުށަހަޅާ ޝަކުވާތައް ބެލުމަށް ފަހު، އެ 60 ފްލެޓު ވެސް ސޯޝަލް ހައުސިން ގެ ދަށުން ދޫކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސީއެމްއޭސީން އިމާރާތް ކުރި އެ ފްލެޓްތަކަކީ ތިން ކޮޓަރީގެ ފްލެޓުތަކެކެވެ. އެގޮތުން އެތަނުގެ ޑައުންޕޭމަންޓުގެ ގޮތުގައި 19000 ރުފިޔާ ދައްކަން ޖެހޭ ކަމަށް ޝިރާރް ވިދާޅުވިއެވެ.

އެ ފްލެޓުތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ ފްލެޓު ލިބޭ ލިސްޓު މިހާރު އިއުލާނުކޮށްފައިވާއިރު އެ ލިސްޓަށް މިމަހުގެ 27 ގެ ކުރިން ޝަކުވާ ހުށަހަޅަން ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

ތޭރަ ހާސް މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލަކުން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2006 ވަނަ އަހަރެވެ. ގޯތި ދޫނުކުރާތާ މިހާރު 12 އަހަރު ފާއިތުވެފައިވާއިރު ބޯހިޔާވަހިކަމުގެ މައްސަލަ އެރަށަށް ވެސް ބޮޑު ކަމަށް ޝިރާރު ފާހަގަކުރެއްވި އެވެ.
ހިޔާލު