thin rashehge tharahgeege mashroo hingumah faisaa ge ehee dhenee
image
ބުދަ ދުވަހު ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހޯމް މިނިސްޓްރީ
މިއުނާ ހަސަން
0 ކޮމެންޓް
 

ތިން ރަށެއްގެ ތަރައްގީގެ މަޝްރޫއު ހިންގުމަށް ފައިސާގެ އެހީ ދެނީ

ތިން ރަށެއްގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ފައިސާގެ އެހީ ދިނުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒުގައި ބުދަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފައިސާގެ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރ. ކިނޮޅަހާއި، ހދ. ވައިކަރަދޫ އަދި ރ. އަނގޮޅިތީމުގައި ހިންގުމަށް ހަމަޖެހިފައިވާ ތަފާތު ތިން ޕްރްޖެކްޓަކަށެވެ.

އެގޮތުން ރ. ކިނޮޅަހަށް ފައިސާގެ އެހީ މިނިސްޓްރީން ދެނީ އެރަށު ހިތްފަސޭހަމައިޒާން ހެދުމަށެވެ. ބަޠޫޠާ މަންޒިލް ފޭސް ދޭއް ހެދުމަށް މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 298،953.00 (ދެލައްކަ ނުވަދިހަ އަށްހާސް ނުވަސަތޭކަ ފަންސާސް ތިން ރުފިޔާ) އެވެ. ކިނޮޅަސް ކައުންސިލުން މިމަޝްރޫއަށް 180،000.00 (އެއްލައްކަ އަށްޑިހަ ހާސް ރުފިޔާ) ޚަރަދުކުރާނެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓާ އަލީ ނަޒީރެވެ. ކިނޮޅަސް ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަހުމަދު ހުސެއިންއެވެ.

ބުދަ ދުވަހުގެ ރަސްމިއްޔާތުގައި ރ. އަނގޮޅުތީމަށް ފައިސާގެ އެހީދިނުމަށް ސޮއިކޮށްފައި ވަނީ އެރަށުގައި މަގު ބައްތި ޖެހުމަށެވެ.

މި މަޝްރޫޢަށް މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 295،500.00 (ދެލައްކަ ނުވަދިހަ ފަސްހާސް ފައްސަތޭކަ ރުފިޔާ) އެވެ. އަނގޮޅިތީމް ކައުންސިލުން މިމަޝްރޫއަށް 180،300.00 (އެއްލައްކަ އަށްޑިހަ ހާސް ތިންސަތޭކަ ރުފިޔާ) ޚަރަދުކުރާނެއެވެ.

އަނގޮޅިތީމާއި އެކު ވެވުނު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރެވެ. ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ޤާސިމް ހުސައިންއެވެ.

މި ދެރަށުގެ އިތުރުން ހދ. ވައިކަރަދޫ ކައުންސިލަށް ފައިސާގެ އެހީތެރިކަން ދެނީ އެރަށު ޤަބުރުސްތާން ވަށާފާރު ރޭނުމަށެވެ. މިމަޝްރޫޢަށް މިނިސްޓްރީގެ ފަރާތުން 300،000.00 (ތިންލައްކަ ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. ވައިކަރަދޫ ކައުންސިލުން މިމަޝްރޫޢަށް 55،540.00(ފަންސާސް ފަސްހާސް ފައްސަތޭކަ ސާޅީސް ރުފިޔާ) ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.

އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ސޮއި ކުރެއްވިއިރު ވައިކަރަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް މެމްބަރު އިބްރާހީމް މުޙައްމަދެވެ.

ކުދި އަދި މެދު ފަންތީ ރަށްތައް އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ޕާރކް ހެދުމަށް ހަ ރަށަކަށް، މަގުބައްތި ޖެހުމަށް ހަ ރަށަކަށް، ޤަބުރުސްތާން ވަށާފާރު ރޭނުމަށް ހަތަރު ރަށަކަށް އަދި ނެރުބައްތި ޖެހުމަށް އެއް ރަށަށް ފައިސާގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފައިސާގެ އެހީ ދިނުމަށް ރަށްތައް ކަނޑައެޅީ ޢާއްމުކޮށް ހުޅުވާލައި، ކައުންސިލްތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެންނެވެ.
ހޯމް މިނިސްޓްރީ
ހިޔާލު