Sarukaaruge hama ekani edhumakee viyafaareege faidhaa in tax dhekkun: Economic Minister
image
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ސަރުކާރުގެ ހަމައެކަނި އެދުމަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ދެއްކުން: އިކޮނޮމިކް މިނިސްޓަރު

ވިޔަފާރިވެރިންގެ ފަރާތުން ސަރުކާރުން ހަމައެކަނި އެދޭކަމަކީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ދެއްކުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދައުވަތަކަ މަޖިލީހުގެ ޖަލްސާ އަށް ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ވިޔާފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ވިޔަފާރިވެރިންނަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ވިޔަފާރި ރަޖިސްޓްރީކުރުމަށް ކުރިން ކުރަންޖެހޭ ގިނަކަންތައްތަކެއް ބިލްގެ ސަބަބުން ކުރަން ނުޖެހޭނެކަމަށާއި، ވިޔަފާރިއާ ގުޅޭ ހުރިހާކަމެއް އެއްފުރާޅެއްގެ ދަށަށް ގެނެސްދެވޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފައްޔާޒް ވިދާޅުވީ ސަރުކާރުން ހޯދައިދޭ ހުރިހާ ލުއިފަސޭހައެއްގެ ބަދަލުގައި ވިޔަފާރިވެރިން ހަމައެކަނި ކޮށްދޭން ޖެހޭނެ ކަމަކީ ޓެކްސް ދެއްކުން ކަމަށެވެ.

"ކުންފުންޏަކުން ރަޖިސްޓްރީކޮށްފަ ކެންޓީނެއް ހިންގަނީ. އަޅުގަނޑުމެންގެ ހުއްދައެއް އަލުން ނަގާކަށް ނުޖެހޭނެ. 200 ރުފިޔާ މަހުފީ ދައްކާކަށް ނުޖެހޭނޭ. އެއް މަހު ނުދެއްކިގެން ޖޫރިމަނާ އަރައިގެން އެހުއްދަ ބާތިލްވާ ބާތިލްވުން ނިމުމަކަށް މި ގެންނަނީ. އަޅުގަނޑުމެން ހަމައެކަނި ބޭނުންވަނީ އެބޭފުޅުން މަސައްކަތްކޮށްފަ ފައިދާ ހޯދައިފަ އޭގެ ޓެކްސް ސަރުކާރަށް ދިނުން. އެހެންވީމަ ވަރަށް ބޮޑު ލުއި ފަސޭހައެއް ވެގެން މިދަނީ." މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކޮނޮމިކް މިނިސްޓްރީން މިހާރު ކުރިއަށް ގެންދާ، ނޭޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓްގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރުމާއި ބެހޭ ހުރިހާ ކަމެއް އެއް ފުރާޅެއްގެ ދަށަށް ގެނެވޭނެކަމަށެވެ. އެގޮތުން ހުރިހާ ވިޔަފާރިއެއްގެ ހުއްދަތައް އެމިނިސްޓްރީން ލިބިގެން ދާނެ ނިޒާމެއް ގާއިމުކުރުގެ މަސައްކަތް މިހާރުކުރަމުން އަންނަކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މި އިސްލާހުގެ މައިގަނޑު މަގްސަދެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއްގެ މައުލޫމާތު އެމިނިސްޓްރީއަށް އެނގުމެވެ. ބިލް ފާސްވެއްޖެނަމަ އެ މައުލޫމާތު އާންމުންނަށް ވެސް ލިބޭނެ އިންތިޒާމް ގާއިމްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެއިތުރުން މިހާރު އޮންނަ އުސޫލާއި ހިލާފަށް، ސަރުކާރުގެ މުއައްސަސާއަކުން ވިޔަފާރިއާ ގުޅޭ ރަޖިސްޓްރީއެއް ދީފިނަމަ، އާންމު މީހާގެ ބަދަލުގައި އެމައުލޫމާރު މިނިސްޓްރީއާ ހިއްސާކުރަންޖެހޭނީ އެ މުއައްސަސާއަކުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއިސްލާހުގެ ސަބަބުން ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރިކުރުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ ކަމަށް ބައެއް މެންބަރުން ބުނާ ބުނުން މިނިސްޓަރު ފައްޔާޒް ވަނީ ދޮގުކުރައްވައިފައެވެ. މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ ކަންކަން ރެގިއުލޭޓްކުރާނީ ފޮރިން އިންވެސްޓްމަންޓް ގާނޫނުންކަމަށާއި މިބިލްގެ ހަމައެކަނު ބޭނުމަކީ ހުރިހާ ވިޔަފާރިއެއް ރަޖިސްޓްރީ ކުރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބިދޭސީން ވިޔަފާރިކުރާ މައްސަލަ ފަހަތުގައި ތިބީ ދިވެހިންކަމަށެވެ. އެގޮތުން ބިދޭސީން ކުރާ ވިޔަފާރިތައް ރަޖިސްޓްރީކޮށްފައިވަނީ ދިވެހިންގެ ނަމުގައި ކަމުން ބިދޭސީ ވިޔަފާރިއާ ދިވެހި ވިޔަފާރިއާ ވަކިކުރުމަކީ ދަތިކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު ފުރަތަމަ ވުޖޫދުވެފައިވަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ދުވަސްވަރުއެވެ. ނަމަވެސް އެ ގާނޫނު ފާސްކޮށް ތަންފީޒުކުރަންފެށީ އެމްޑީޕީގެ ވެރިކަން ވެއްޓުނު ފަހުން ގެނާ ބަދަލުތަކަކާއެކުއެވެ.

ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ވިޔަފާރިކުރުމަށް ދައްކަންޖެހޭ ގިނަ ފީތަކެއް އުވާލާއިރު، ހަމައެކަނު ދައްކަންޖެހެނީ ރެޖިސްޓްރީ ފީއެކެވެ.

މަޖިލީހުގައި ކުރިޔަށްދާ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނާއި ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވަން ފައްޔާޒް ބޭނުންފުޅުވާކަމަށް ނަޝީދު ވިދާޅުވިއެވެ.
ހިޔާލު

އަހުމަދު

ރަނގަޅު ނިންމުމެއް. ޢަހަރެން ތާއީދު. މިހާރު ދައްކަން ޖެހޭ ފީތައް ގިނަކަމުން ވާނުވާ ނޭނގެ.