1 Million fathuruverin athuvehje, target haasil kureveyne kamuge ummeedhu bodu: Ali Waheed
image
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު.-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
1 ކޮމެންޓް
 

އެއް މިލިޔަން ފަތުރުވެރިން އަތުވެއްޖެ، ޓާގެޓް ހާސިލް ކުރެވޭނެ ކަމުގެ އުންމީދު ބޮޑު: އަލީ ވަހީދު

މި އަހަރު ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، މި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް އެއް މިލިޔަން ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ނޫސްވެރިންނާ ބައްދަލުކޮށް މިނިސްޓަރު ވިދާޅުވީ، އަހަރު ނިމޭއިރު މި ސަރުކާރުން ކޮންމެ އަހަރަކަށް ގެންނަން އަމާޒު ހިފައިފައިވާ 1.5 މިލިޔަން ޓޫރިސްޓުންގެ ޓާގެޓް ހާސިލް ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން އެކަން ހާސިލް ކުރުމަށް މަސައްކަތް ކުރަނީ ތަފާސްހިސާބަށް ބަލައިގެން ކަމަށާއި، ކުރިއަށް އޮތް މަހު އިތުރު މަސައްކަތްތައް ކޮށްގެން އެ އަދަދަށް ފަތުރުވެރިން ގެނެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކާ އަޅާ ބަލާއިރު، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު 17 ޕަސެންޓް އިތުރުވެފަ އެވެ. އަދި މި އަހަރުގެ އެ މުއްދަތުގައި އާންމުކޮށް އޮކިއުޕަންސީ އުޅެނީ 64 ޕަސެންޓްގަ އެވެ.

މިއަހަރުގެ ޖުލައި މަހަށް ބަލާއިރު ވެސް މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ އަށް ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި 132،144 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކުރި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ހިޔާލު

Sameen

ޓޫރިޒަމް ބޮއިކޮޓްކޮށް ރާއްޖެއަށް ޓޫރިސްޓުން އަޔަނުދޭން މަސައްކަތް ކުރާބަޔަކު މިހާރު ނޫޅޭ އެހެންވީމަ ފަތުރުވެރިން އަންނަ އަދަދުވެސް ގިނަވާނެތާ ޔާމީނުގެ ސަރުކާރު އޮތް އިރު ރީދޫ ބައިގަނޑުގެ މަސައްކަތަކަށް ވެފަ އޮތީ ރާއްޖެ ބަނޑަށް ޖައްސައިގެންވެސް ޔާމީނު ވެރިކަމުން ވައްޓާލުން