Laamarukazee nizaam harudhanakurumaai gulhey mahaasinthaa fashaifi
image
ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބާއްވާ ޑީސެންޓްރަލައިޒޭޝަން ސިމްޕޯޒިއަމްގެ ތެރެއިން.-- ފޮޓޯ: ފިނޭންސް މިނިސްޓްރީ
0 ކޮމެންޓް
 

ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމާއި ގުޅޭ މަހާސިންތާ ފަށައިފި

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާއި ގުޅޭގޮތުން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބާއްވާ "ޑީސެންޓްރަލައިޒޭޝަން ސިމްޕޯޒިއަމް" މިއަދު ފަށައިފި އެވެ.
އަތޮޅާއި، ސިޓީ އަދި ރަށު ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުން ބައިވެރިކޮށްގެން ޓްރާންސްޕޭރެންސީން ބާއްވާ ވޯކްޝޮޕް މިއަދުން ފެށިގެން ދެ ދުވަހަށް ކުރިއަށް ދާނެ އެވެ. ކުރުނބާ މޯލްޑިވްސްގައި ބާއްވާ އެ ވޯކްޝޮޕް ފައްޓަވައިދެއްވީ މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފިިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ހިންގުމުގެ ނިޒާމުގައި ރައްޔިތުން ބައިވެރިވުމާއި ބާރުވެރިކަން އިތުރުކުރުމަށްޓަކައި ވާރު ޕްރޮޖެކްޓުގެ ދަށުން ބާއްވާ ވޯކްޝޮޕްގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ތެރޭގައި ލޯކަލް ކައުންސިލް ކޯޑިނޭޝަން ޔުނިޓެއް ގާއިމްކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ނޭޝަނަލް ޑެވެލޮޕްމެންޓް މާސްޓާ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް ނިމުމުން ވެސް ކައުންސިލްތައް އިތުރަށް ބާރުވެރި ކުރެވޭނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާއިރު ދައުލަތަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދޭން ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.

ޓްރާންސްޕޭރެންސީގެ އެގްޒެކެޓިވް މެނޭޖަރު ވިދާޅުވީ ތައުލީމާއި، ސިއްހަތާއި، ވަޒީފާ އަދި ސިޔާސީ ބާރުތައް މާލޭގައި އެކަނި އޮންނަ އޮތުމަށް ނިމުމެއް ގެންނަން ޖެހޭ ކަމަށެވެ. އަދި މިހާރުން މިހާރަށް ކައުންސިލްތަކުން އަތުލާފައިވާ ބާރުތައް އަނބުރާ ކައުންސިލްތަކަށްދީ، ރައްޔިތުން ބާރުވެރި ކުރުވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ ޓްރާންސްޕޭރެންސީން ހިންގާ މިފަދަ ދެ ވަނަ ވޯކްޝޮޕެވެ. އެ ޖަމިއްޔާ އިން ވަނީ މި އަހަރުގެ ތެރޭގައި މިފަދަ އިތުރު ތިން ވޯކްޝޮޕެއް ބާއްވަން ނިންމައިފަ އެވެ. މިއަދު ފެށި ވޯކްޝޮޕްގައި "ޑީސެންޓްރަލައިޒޭޝަން ރިވިއު"ގެ ނަމުގައި ރާއްޖޭގެ ލާމަރުޒަކީ ނިޒާމާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ހިމެނޭ ފޮތެއް ވެސް ވަނީ ނެރެފަ އެވެ.
ހިޔާލު