Membarunge kohthah komme dhuvahku gaaiygandakah 14,000 rufiyaa!
image
މަޖިލީހުގެ ބައެއް މެމްބަރުން-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

މަޖިލީހުގެ މެންބަރުންގެ ކޮއްތަށް ކޮންމެ ދުވަހަކު ގާތްގަނޑަކަށް 14،000 ރުފިޔާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކެއުމާއި ބުއިމަށް ކޮންމެ ދުވަހަކު ގާތްގަނޑަކަށް 14،000 ރުފިޔާ ހޭދަވާކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ ކެއުމާއި ބުއިމަށް ހިނގާ ހަރަދު އޮޅުން ފިލުވުމަށް އެދި އާންމު ރައްޔިތަކު މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ. އަދި އެކަން މަޖިލީހުގެ މެންބަރުންގެ ސަމާލުކަމަށް ގެނައުމަކީ މުހިންމުކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާ އޮންނަ ކޮންމެ ދުވަހަކު ކޮއްތަށް ކޮންމެ މެމްބަރަކަށް ދުވާލަކު 159.88 ރުފިޔާ ހަރަދުވާ ކަމަށެވެ.

"މިތަނުގެ ކޮއްތަށް ދުވާލަކު މަޖިލީހުގެ މެންބަރަކަށް މި ޖެހެނީ 159.88 ރުފިޔާ. އެއީ މިތަނުގައި ބައްދަލުވުން ހިނގާ ކޮންމެ ދުވަހަކަށް. ދެން އަޅުގަނޑު ހިތުން މެންބަރުންނަށް ލިބިވަޑައިގަންނަވާ ކޮއްތުން ބައެއް އަރުވާ މި ތަނުގެ މުވައްޒަފުންނަށް ވެސް. އެހެންވީމާ އެ ޖެހޭ އަދަދަށްވުރެ ހަގީގަތުގައި މެންބަރުންނަށް ކޮއްތެއް ލިބިވަޑައެއް ނުގަންނަވާ." މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު އެއިން ކޮންމެ ބޭފުޅަކަށް ކޮއްތުގެ ގޮތުގައި 159.88 ރުފިޔާ ހަރަދުކުރާނަމަ އެއް ދުވަހުގެ ކޮއްތުގެ ހަރަދު ޖުމްލަ 13،909.56 ށް އަރައެވެ. ހަފްތާގެ ތިން ދުވަހު މަޖިލިސް އޮންނައިރު އެއީ ހަފްތާއަކަށް 41،728.68 ރުފިޔާއެވެ.

ނަޝީދު ވިދާޅުވީ މަޖިލިސް އިދާރާއިން ހޭދަކޮށްގެން މެންބަރުންނަށް ކޮއްތު ދިނުމުގެ އުސޫލަކީ އެންމެ ރަނގަޅު އުސޫލު ނޫން ކަމަށް ރައްޔިތުންނަށާއި މަޖިލިސް މެންބަރުންނަށް ފެންނަނަމަ އެ އުސޫލަށް ބަދަލުތަކެއް ގެނެވިދާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ގާނޫނު ހަދާ މަޖިލީހެއްގެ އެންމެ ބޮޑު ބޭނުމަކަށް ވެފައި އޮތީ "ބޮޑުން އެކީ ސައިބޯލުން" ކަމަށެވެ. އަދި އެކަން ފެށީގެން އައީ 1932 ވަނަ އަހަރުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރުންގެ ކެއުމާއި ބުއިމުގެ ކަންކަން ހަވާލުކޮށްފައިވަނީ އަމިއްލަ ފަރާތަކަށްވާ އިރު، މެންބަރުންނަށް އެފަދަ ބޮޑު ހަރަދެއްކުރާތީ ގިނަ އަދަދެއްގެ އާންމުން އަންނަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.
މަޖިލިސް ސަރުކާރު
ހިޔާލު