Supreme Court ge fandiyaaru Didi e court ah hushahelhi mahsalaige aduehumeh maadhamaa
image
ސަސްޕެންޑް ކޮށްފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ.-- ފޮޓޯ: ސަން
0 ކޮމެންޓް
 

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ އެ ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ

ގިނަ މައްސަލަތަކެއްގައި ތުހުމަތު ކުރެވިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑް ކޮށްފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ޖޭއެސްސީ އާ ދެކޮޅަށް އެ ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލް ކޮށްފި އެވެ.
ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމުމާއި އެކު އޭނާ ސްޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓަށް ބަލައިގަނެ، ޖޫން މަހުގެ 13 ވަނަ ދުވަހު ވަނީ ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ. އެގޮތުން އޭރު ސްޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ އެ ކޯޓުގެ ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ފަސްކުރުމާއި، އެ މައްސަލަ އާ ގުޅިގެން ސްޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ޖޭއެސްސީން އެއްވެސް އިޖުރާއަތެއް އެއްވެސް ސިފައެއްގައި ކުރިއަށް ނުގެންދިއުމަށް އަމުރު ކޮށްފަ އެވެ.

އެ މައްސަލާގައި ބާއްވާ ފުރަތަމަ އަޑުއެހުން އޮންނާނީ މާދަމާ 13:15ގަ އެވެ. އަދި އެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

ނަމަވެސް އެ އަމުރާއި ގުޅިގެން ޖޭއެސްސީން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނިންމާފައިވަނީ އެ އަމުރަކީ ގާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ށ) އާއި ޖޭއެސްސީގެ 21 ވަނަ މާއްދާގެ (ށ) އިން ލިބިދީފައިވާ ބާރަށް ހުރަސް އެޅޭ ގޮތަށް، ޖޭއެސްސީގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބަށް ހުރަސް އަޅާ އަމުރެއް ކަމަށެވެ. އެހެންކަމުން އެ ކޮމިޝަނުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން އިއްޔެ ނިންމާފައިވާ ނިންމުމަކީ ތަންފީޒުވަމުންދާ، ދެމިއޮތް ނިންމުމެއް ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ނިންމާފައިވާ ނިންމުމާއި ގުޅިގެން އެ ފަނޑިޔާރުގެ މައްޗަށް އިތުރު އެއްވެސް ފިޔަވަޅެއް، ސްޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ނޭޅުމަށް ޖޭއެސްސީ އާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް ވެސް ސްޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

ނަމަވެސް ސްޕްރީމް ކޯޓުގެ އެ އަމުރު ޖޭއެސްސީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް ބަލައެއް ނުގަނެ އެވެ. އަދި އޭ އަމުރަށް އަމަލު ކުރުމަށް ސްޕްރީމް ކޯޓުން ފަހުން ވެސް އިތުރު އަމުރެއް ނެރުނު ނަމަވެސް އެ އަމުރަށް ވެސް އެއްވެސް ތަނަކުން އަމަލެއް ނުކުރެ އެވެ.

އެ އަމުރުތައް ސްޕްރީމް ކޯޓުން ނެރެފައި އޮއްވާ، އެ މައްސަލަ ހުށަހެޅި ފަނޑިޔާރު ދީދީ ވެސް ވަނީ ޖޭއެސްސީން ބަލަމުން ގެންދިޔަ މައްސަލަ އަށް އެއްބާރުލުންދީފަ އެވެ. އަދި ހުޅުވާލެވިގެން އަޑުއެހުން ބޭއްވުމަށް އޭނާ އެދުމުން ޖޭއެސްސީން ވަނީ ހުޅުވާލެވިގެން ޓީވީން ވަގުތުން ދައްކައިގެން، ފަނޑިޔާރު ދީދީގެ ތަހުގީގެއް ބާއްވައިފަ އެވެ.

ފަނޑިޔާރު ދީދީގެ މައްސަލަ ބެލި ޖޭއެސްސީގެ ކޮމިޓީން ވަނީ އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ފެންނަ ކަމަށް ޖޭއެސްސީ އަށް ހުށަހަޅައިފަ އެވެ. ޖޭއެސްސީންގެ ތަހުގީގު ކޮމިޓީން ފަނޑިޔާރު ދީދީ ފަނޑިޔާރު ދީދީ މަގާމުން ވަކިކުރަން ފެންނަ ކަމަށް ނިންމި އިރު، ފުލުހުން ވެސް ގެންދަނީ އޭނާ އާ ގުޅޭ މައްސަލަތަކެއް ތަހުގީގު ކުރަމުން ކަމަށް ވެއެވެ.
ހިޔާލު