Hekibas nudhehvaane kamah vidhaalhuve Luthufee kuri post delete kurahvaifi
image
އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ-- ފޮޓޯ: ރާއްޖެއެމްވީ
3 ކޮމެންޓް
 

ރައީސް ޔާމީންގެ މައްސަލާގައި ހެކި ނުދެއްވާނެ ކަމަށް ބުނެ އޭސީސީގެ ކުރީގެ ރައީސް ކުރި ޕޯސްޓް ޑިލޓްކޮށްފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ މައްސަލާގައި، އެމަނިކުފާނާއި ދެކޮޅަށް ހެކިބަސް ނުދެއްވާނެ ކަމަށް ވިދާޅުވެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ ކުރެއްވި ޕޯސްޓް ޑިލީޓް ކުރައްވައިފި އެވެ.
ލުތުފީ މިއަދު ފޭސްބުކަށް ކުރެއްވި ޕޯސްޓް ޑިލިޓްކުރި ސަބަބު ސާފުކޮށްދީފައެއް ނުވެއެވެ. މިވަގުތު މެލޭޝިއޭގައި ދިރިއުޅުއްވާ ލުތުފީ ވިދާޅުވީ ރައީސް ޔާމީންގެ މައްސަލާގައި "ދޮގު ހެކި" ދޭން ބޭނުންނުވާކަމަށެވެ.

ލުތުފީ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ދޮގު ބަޔާނާއި ދޮގި ހެކިބަސް ދިނުމަށް މަޖުބޫރުކުރުވަން ސަރުކާރުގެ ފަރާތްތަކުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި އެހެން އެކަން ނުކޮށްފިނަމަ ފުރާނައަށް ނުރައްކާވާނެކަމުގެ އިންޒާރު ދީފައިވާކަމަށް ވެސް ލުތުފީ ވިދާޅުވިއެވެ.

ލުތުފީ ވިދާޅުވީ މަޖުބޫރުކޮށް އިންޒާރުދިން ކަމުގައިވީ ނަމަވެސް، އެއްވެސް ފަރާތަކާއި ދެކޮޅަށް ދޮގުހެކިބަސް ނުދެއްވާނެކަމަށެވެ. އަދުލުރުވެރި ހެކިބަހެއް އަދާކުރުމުގެ ފުރުސަތު ނެތްކަމަށާއި އަދުލުވެރި ހެކިބަހެއް އަދާކުރެވޭނެ މާހައުލެއް ގާއިމުވެފައިނުވާކަމަށް ވެސް ލުތުފީ ވިދާޅުވިއެވެ.

ލުތުފީ ވިދާޅުވީ މިސަބަބުތަކުގެ އިތުރުން ފުރާނައަށް ނުރައްކާތެރިވާނެކަމުގެ ބިރު އޮތްކަމަށްޓަކައި ރައީސް ޔާމީންގެ ޝަރީއަތުގައި ހެކިބަސް ދިނުމުން ތަނާޒުލުވާކަމަށެވެ.

ލުތުފީ ވަނީ އެންމެ ފަހުން އޮތް ރައީސް ޔާމީންގެ ޝަރީއަތުގައި، އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒު ރަޝީދު ދިން ހެކިބަސް ވެސް ދޮގުކުރައްވައިފައެވެ. ހެކިބަސްދެމުން މުއައްވިޒް ވަނީ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާއި ބެހޭގޮތުން، ރައީސް ޔާމީނާ ބައްދަލުކޮށް ސުވާލުކުރެއްވި ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ލުތުފީ ވިދާޅުވީ މުއައްވިޒްއާ އެއްކޮށް ވެސް އަދި ވަކިންވެސް ރައީސް ޔާމީނާއި ބައްދަލުކޮށްފައިނުވާނެކަމަށެވެ. އަދި އެފައިސާއަކީ ދައުލަތުގެ ފައިސާކަމަށް ކަނޑައަޅާ، ދައުލަތަށް އަނބުރާ ފައިސާ ދެއްކުމަށް ފޯނުގެ ޒަރީއާއިން ވެސް ރައީސް ޔާމީންގެ ކިބައިން އެދިފައިނުވާނެކަމަށް ލުތުފީ ވިދާޅުވިއެވެ.

ލުތުފީ އިން ވަނީ މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އޭނާއަށް އިންޒާރުދީ ވަޒީފާއިން ވަކިކުރާނެކަމުގެ ބިރުދެއްކި ކަމަށް ވިދާޅުވެފައެވެ. އެމައްސަލާގއި ސަރުކާރާއި ދެކޮޅު ފަރާތްތަކުން ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

ކުއްލި މައްސަލައިގެ ބަހުސްގައި ގިނަ މެންބަރުންގެ ވާހަކަ ހުރީ ލުތުފީއާ ދެކޮޅަށެވެ. އަދި މަޖިލީހުން ވަނީ އެމައްސަލަ ބޭރުކޮށްލައިފައެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި މުއައްވިޒްގެ ހެކިބަސް ނަގާފައިވާ އިރު، މިމައްސަލާގެ އަޑުއެހުމެއް މާދަމާއަށް ވަނީ ތާވަލްކޮށްފައެވެ.
ހިޔާލު

މަނިކުގެމަނިކު

މިފެންނަނީ މިމީސްމީހުންގެ ފެންވަރު! ކީކޭބުނާނީ! ރައްޔިތުންނަށް އޮޅުވާލެވޭނެއޭހީކޮށް ތިބާލައިލީ ލައިގެންހުރި ސޯޓު! ނޫނޭ ނޫނޭ ސާބަސް!

އަހުމަދު

ދޮގު ހެކިދެއްވާކަށް ނުވާނެ.. އެކަމަކު ދައުލަތުގެ މިނިވަން މުއައްސަސާއެއްގައި މަސައްކަތް ނުކުރައްވާދުވަސްތަކަށް މުސާރަވެސް ނަންގަވާކަށްވެސްނުވާނެ...

ގޮބޮޅިއަލީ

ލުތުފީއަށް ނުކެރޭނެކަން އިނގޭ މާކުރިންވެސް ކޮރަޕްޝަން ހުއްޓުވަންލީމީހާ ކޮރަޕްޝަން ހިންގީމަ ދެން ހެކިބަސް ދޭން ޖެހިލުންވާނެދޯ ފްލެޓްތަކާ ވިޔަފާރިތަކާ ދީގެން ގަނެލައިފަދޯ ހުރީ