Anekkaaves America ge drone eh vattaalaifi
image
އެމެރިކާގެ އަސްކަރިއްޔާގެ އެމްކިއު-9 ޑްރޯނެއް-- ފޮޓޯ: އެމެރިކާ އެއާ ފޯސް
0 ކޮމެންޓް
 

ޔަމަން މަތިން އެމެރިކާގެ އަސްކަރިއްޔާގެ ޑްރޯނެއް ވައްޓާލައިފި

ޔަމަންގެ މަތިން ދިޔަ އެމެރިކާގެ އަސްކަރިއްޔާގެ އެމްކިއު-9 ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފި އެވެ.
މި ޑްރޯން ވައްޓާލުމުގެ ޒިންމާ ނަގާފައި ވަނީ ޔަމަންގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހޫތީންނެވެ. ވައިގެ ސަލާމަތީ ބާރުތަކުން އެމެރިކާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ހޫތީގެ ތަރުޖަމާނަކު ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވެސް ޔަމަން މަތިން ދިޔަ އެމެރިކާގެ ޑްރޯނަކަށް ހަމަލާދީ ވަނީ ވައްޓާލައިފަ އެވެ. އެމެރިކާއިން ވަނީ ޖޫން މަހު ހޫތީން ދިން ހަމަލާއަކީ އީރާންގެ ބައިވެރިވުމެއް އޮތް ކަމެއް ކަމުގައި ބުނެފަ އެވެ.

އެމެރިކާގެ ޑްރޯނެއް ވައްޓާލާފައި މިވަނީ އެމެރިކާ އާއި އީރާނުގެ ދެމެދުގައި ދެކޮޅުވެރިކަން ވަރުގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ. އެމެރިކާއިން ދަނީ ޔަމަންގައި އުޅޭ އަލް ގައިދާގެ ޖަމާއަތަށް އަމާޒުކޮށްގެން ޑްރޯން ލޯންޗް ކުރަމުންނެވެ.

އޮފިޝަލުން ބުނި ގޮތުގައި ހޫތީ ޖަމާއަތުން ޑްރޯން ވައްޓާލީ ބާރުގަދަ މިސައިލްތަކެއް ޖަހައިގެންނެވެ.

މި އަހަރުގެ ޖޫން މަހު އީރާނުގެ އަސްކަރިއްޔާ އިން ވެސް ވަނީ އެމެރިކާގެ އަސްކަރިއްޔާގެ ސާވެލަންސް ޑްރޯނެއް ވައްޓާލައިފަ އެވެ. އީރާނުން ބުނެފައި ވަނީ އެމެރިކާގެ ޑްރޯން ވަނީ ގަވާއިދާ ހިލާފަށް އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަދެފައި ކަމަށެވެ. ނަމަވެސް އެމެރިކާގެ އަސްކަރިއްޔާ އިން އެކަން ދޮގު ކުރެ އެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ޑްރޯން އުދުހެމުން ދިޔައީ ބައިނަލްއަގުވާމީ ވައިގެ ސަރަހައްދުގައި ކަމަށެވެ. ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވީ އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމައެއް ފަށައިފި ނަމަ ހީވެސް ނުކުރާ ފަދަ ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށެވެ.
ހިޔާލު