Hekiveriyaa Court in beyrugai rahdhu dhinumakee Shareeathah nufoozu foaraane kameh: Faaiz
image
އޭސީސީ ގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހަސަން--
މާއިދާ މުހައްމަދު ރަޝާދު
4 ކޮމެންޓް
 

ހެކިވެރިޔާ ކޯޓުން ބޭރުގައި ރައްދު ދިނުމަކީ ޝަރީއަތަށް ނުފޫޒު ފޯރާނެ ކަމެއް: ފާއިޒު

ކުރިއަށްދާ ޝަރީއަތެއްގައި އިންސާފު ގާއިމުކުރުމަށްޓަކައި ފޯރުކޮށްދެވިދާނެ މުހިއްމު މައުލޫމާތުތަކެއް އެނގޭ މީހަކު ޝަރީއަތުން ބޭރުގައި މައްސަލައާ ގުޅޭ މައުލޫމާތު އާއްމުކުރުމަކީ ޝަރީއަތަށް ނުފޫޒު ފޯރާނެ ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވެއްޖެ އެވެ.
ފޭސްބުކްގައި ފާއިޒު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލާގައި، އެމަނިކުފާނާއި ދެކޮޅަށް ހެކިބަސް ނުދެއްވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެ ގިނަ ވާހަކަތަކެއް ފޭސްބުކްގައި ލިޔުއްވާފައި ވާތީ އެވެ.

އެކަމާއި ގުޅިގެން ފާއިޒު ވިދާޅުވީ، މައްސަލައާ ގުޅޭ މައުލޫމާތު އާއްމު ކުރުމަކީ މައްސަލައަށް އަސަރު ކުރާނެ ކަމެއް ކަމަށާއި އެމީހަކީ މައްސަލައިގައި ޝަފަހީ ހެއްކެއް ކަމުގައި ވާނަމަ، އެމީހަކާމެދު އެކޯޓަކުން އެޅިދާނެ ފިޔަވަޅުތަކެއް ވެސް ހުންނާނެ ކަމަށެވެ.

"ދެ ހެކިވެރިންގެ ތެރެއިން، ޝަރީއަތަށް ހެކިބަސްދީ ފައިވާ ހެކިވެރިޔާގެ ހެކިބަހަށް އަނެއް ހެކިވެރިޔާ ކޯޓުން ބޭރުގައި ރައްދު ދިނުމަކީ ހިނގަމުންދާ ޝަރީޢަތަށް ނުރަނގަޅު ނުފޫޒު ފޯރާނެކަމެއް،" ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވެއެވެ.

އޭގެ އިތުރުން ހެކިބަސް ދީފައިވާ ފަރާތް ކްރޮސް އެގްޒެމިން ކުރުމުގެ މަސައްކަތް ނުނިމެނީސް، ޝަރީއަތުން ބޭރުގައި އެ ހެކިވެރިޔާގެ ބަސް ދޮގުކުރަން އަނެއް ހެކިވެރިޔާ މަސައްކަތް ކުރުމަކީ ވެސް އިންސާފަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ފާއިޒު ވިދާޅުވި އެވެ.

އޭސީސީއަކީ ވަކި ބާވަތެއްގެ ޖިނާއީ ތަހުގީގުކުރާ މުއައްސަސާއެއް ކަމުން އެ މުއައްސަސާއިން ހޯދާ މައުލޫމާތުތަކަކީ އެ މައްސަލައަކާ ގުޅިގެން ޝަރީއަތަށް ބޭނުންވާނެ މުހިައްމު މައުލޫމާތުތަކަށް ވެސް ވެދާނެ ކަމަށާއި އެހެންވެއްޖެ ނަމަ އެ މައުލޫމާތަކީ ނުދީ ހިފެހެއްޓޭ ޒާތުގެ ފިކުރީ މުދަލެއް ނޫން ކަމަށް ވެސް ފާއިޒު ވިދާޅުވި އެވެ.

"އޭސީސީ ފަދަ ތަހުގީގު އިދާރާ އަށް ލިބިފައިވާ މައްސަލައާ ގުޅުން ހުރި ޝަފަހީ މަޢުލޫމާތަކީ އެތަނުގެ އިސްވެރިންނަށް ނޫނީ ނުއެނގޭނެ މައުލޫމާތެއް ކަމުގައިވާނަމަ، އެމައުލޫމާތެއް ޝަރީއަތަށް ދޭން ޖެހޭނެ،" ފާއިޒު ވިދާޅުވި އެވެ.

"އިސް މަގާމުގައި ހުރުމުގެ ސަބަބުން މަޤާމުގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ މަޢުލޫމާތު ޝަރީޢަތަށް ބޭނުންވެއްޖެ ހިނދެއްގައި ނުދީ ހިފެހެއްޓުމަކީ އިންޞާފު ޤާއިމުކުރުމަށް އެޅޭ ހުރަހެއް،" ފާއިޒުގެ ޕޯސްޓުގައި ލިޔުއްވާފައި ވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދޮގު ބަޔާނާއި ދޮގި ހެކިބަސް ދިނުމަށް ސަރުކާރުގެ ބާރުވެރި ފަރާތްތަކުން މަޖުބޫރު ކުރުވުމަށް މަސައްކަތް ކުރާ ކަމަށާއި އެހެން އެކަން ނުކޮށްފިނަމަ ފުރާނައަށް ނުރައްކާވާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ލުތުފީ އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވެއެވެ.

ލުތުފީ ވިދާޅުވީ މަޖުބޫރުކޮށް އިންޒާރުދިން ކަމުގައިވީ ނަމަވެސް، އެއްވެސް ފަރާތަކާއި ދެކޮޅަށް ދޮގު ހެކިބަސް ނުދެއްވާނެ ކަމަށެވެ. އަދުލުރުވެރި ހެކިބަހެއް އަދާކުރުމުގެ ފުރުސަތު ނެތް ކަމަށާއި އަދުލުވެރި ހެކިބަހެއް އަދާ ކުރެވޭނެ މާހައުލެއް ގާއިމުވެފައި ނުވާ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

ލުތުފީ ވިދާޅުވީ މި ސަބަބުތަކުގެ އިތުރުން ފުރާނައަށް ނުރައްކާތެރިވާނެ ކަމުގެ ބިރު އޮތްކަމަށްޓަކައި ރައީސް ޔާމީންގެ ޝަރީއަތުގައި ހެކިބަސް ދިނުމުން ތަނާޒުލުވާ ކަމަށެވެ.

ލުތުފީ ވަނީ އެންމެ ފަހުން އޮތް ރައީސް ޔާމީންގެ ޝަރީއަތުގައި، އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒު ރަޝީދު ދިން ހެކިބަސް ވެސް ދޮގުކުރައްވައިފަ އެވެ. ހެކިބަސް ދެމުން މުއައްވިޒް ވަނީ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާއި ބެހޭ ގޮތުން، ރައީސް ޔާމީނާ ބައްދަލުކޮށް ސުވާލުކުރެއްވި ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ލުތުފީ ވިދާޅުވީ މުއައްވިޒްއާ އެއްކޮށް ވެސް އަދި ވަކިން ވެސް ރައީސް ޔާމީނާއި ބައްދަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ފައިސާއަކީ ދައުލަތުގެ ފައިސާ ކަމަށް ކަނޑައަޅާ، ދައުލަތަށް އަނބުރާ ފައިސާ ދެއްކުމަށް ފޯނުގެ ޒަރީއާއިން ވެސް ރައީސް ޔާމީންގެ ކިބައިން އެދިފައި ނުވާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.

"ދޮގު ހެކި" ދޭން ބޭނުން ނުވާ ކަމަށް ވިދާޅުވެ ލުތުފީ ކުރެއްވި ޕޯސްޓު ރޭގެ ވަގުތެއްގައި ވަނީ ޑިލީޓްކޮށްލާފަ އެވެ. އެގޮތުން ފޭސްބުކަށް ކުރެއްވި ޕޯސްޓް ޑިލިޓްކުރެއްވި ސަބަބު ސާފުކޮށްދީފައެއް ނުވެ އެވެ.
ހިޔާލު

ޙަސަން

ޟެލޭޝިއާއިން ފްލެޓް ބައްލަވާގަތީ މިދުވަސް އަންނާނެކަން އެނގޭތީ ފިލާ އޮންނަންވެގެން. އާދައިގެ ވަޒީފާތކުގަ އަނގައާއި އަތާދިމާނުވެ އުޅެ ސަރުކާރުގެ މަތިފަޑީގެ މަގާމެއް ލިބުނީމަ ކުއްލިއަކަށް މުއްސަނދިވާކަން މީމިރާއްޖޭގެ އެންމެން ދަންނަ ހަޤީގަތެއް. ލުތުފީ ތިޔަ މަގާމުގައި ހުރިއިރު ލުތުފީއަކީ މިފާއިތުވި ދުވަސްތަކުގައި އެތަށް ޖަރީމާއެއް ހިންްގާފައި ހުރި މީހެއްކަން އެނގޭ ބައިވަރު މީހުން އެބަތިބި މިރާއްޖޭގަ.

ޓޮމް

ލުތުފީ ހައްޔަރުކުރުމަށް ގޮވާލަން

ކެޔޮޅު

ލުތިފީ މިހާރު ތިޔަ ހުރީ އަމިއްލައަށް މަޅިއަރާ ފަސްބައި ހަޑިވެ ކިލަނބުވެފައި.

ޒަބީބު

ހަސަން ލުތްފީގެ މި ޒާތީ އަދި ނޭއްގާނި އަމަލުން ހާމަކޮށްދޭ ކަންކަމަކީ:

1- ހަސަން ލުތްފީ އަކީ އޭސީސީ ފަދަ ހައްސާސް އަދި ޒިއްމާދާރު މުއައްސަސާއެއްގެ ވެރިއަކަށް ހުންނަން ކުފޫ ހަމަވާ މީހެއް ނޫންކަން.
2- ހަސަން ލުތްފީގެ ފަހަތުގައި ދައުލަތަށް ގެއްލުން ދެނިވި ފޮރުވިފަިވާ އެތައް އަމަލުތަކެއް ވާކަން.
3- ޙަސަން ލުތްފީ ދިވެހި އުއްމަތަށް ޚިޔާނަތްތެރިވެ އެކަމުންވެސް ރެކިގެން އުޅެވިދާނެ ކަމަށް ހީކުރާކަން.
4- ހަސަން ލުތްފީ ހައްޔަރު ކުރެވުނު ގޮތަކަށް ހައްޔަރު ކޮށްގެން ގެނެސް އޭނާގެ މައްޗަށް ޝަރީއަތް ކުރުން ދިވެހި ދަުލަތަށް މަޖުބޫރު ވެއްޖެކަން.