Meyvaa alhaa gahakah balhi ukaane: Gasim
image
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް-- ފޮޓޯ: ދަ އެޑިޝަން
0 ކޮމެންޓް
 

މޭވާ އަޅާ ގަހަކަށް ބަޅި އުކާނެ: ގާސިމް

މޭވާ އަޅާ ގަހަކަށް ބަޅި އުކާނެ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިފާއު ކުރައްވައިފި އެވެ.
ބ. އަތޮޅު ޖޭޕީއާ ގުޅުނު 65 މީހެއްގެ ފޯމު ރަސްމީކޮށް ހަވާލު ކުރުމަށް ރޭ ޖޭޕީ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް އެހެން ވިދާޅުވީ ރައީސްގެ އެކައުންޓަށް ފައިސާތަކެއް ޖަމާވި ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެންނެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެކައުންޓަށް މިހާވަރެއް ޖަމާވެއްޖެއޭ. އެހާ ވަރެއް ޖަމާވެއްޖެ އޭ. އަހްމަދު އަދީބު އަތުން 37 މިލިއަން ރުފިޔާ ނަގައިފިއޭ. އެ އެއްޗެކޭ، މި އެއްޗެކޭ، ތާކުންތާކު ނުޖެހޭ ހަގީގަތެއް ނެތް ވާހަކަ. ޕްރޮޕެގެންޑާ ފަތުރާ މީހުން ފަތުރާނެ. އެއީ އަބަދުވެސް އެކަން އޮންނަ ގޮތް، ވާނެވެސް ގޮތް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ އެފަދަ ތުހުމަތުތަކާއި އިލްޒާމް އަޅުވަމުން ދަނީ "މިއަދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އެމަނިކުފާނު ވަޑައިގަތީމަ" ކަމަށެވެ.

"އޭގެ ކުރިން ދައްކާކަށެއް ނޭނގުނު. ނުދައްކާ އެއްވެސް މީހަކު، އެކަމަކު މިއަދު ދައްކާނެ،" ރައީސްއާ ބެހޭ ގޮތުން ފަތުރަމުން ދަނީ ދިގު ވާހަކަތަކެއް ކަމަށް ގާސިމް ތަކުރާރުކޮށް ވިދާޅުވި އެވެ.

މި ސަރުކާރުން ކުރާ މަސައްކަތަށް ތައުރީފު ކުރައްވަމުން، ގާސިމް ވިދާޅުވީ ރައީސް ސޯލިހަށް އެކި ކަހަލަށް ތުހުމަތު އަމާޒު ކުރަމުން ގެންދަނީ އެމަނިކުފާނު ކުރައްވާ މަސައްކަތުގެ ސަބަބުން ކަމަށެވެ.

"މޭވާ އަޅާ ގަހަކަށް ބަޅި އުކާނެ" ކަމަށް ގާސިމް ވިދާޅުވި އެވެ.

ރައީސް ސޯލިހު ބޭންކު އެކައުންޓަކަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި 4.2 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 70 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މީހަކު ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ.

އޭސީސީން މިހާރު ދަނީ އެ މައްސަލާގައި ހުށަހެޅި ލިޔުންތައް ސައްހަތޯ ބެލުމަށް މަސައްކަތް ކުރަމުންނެވެ. ރައީސް ސޯލިހުގެ މައްޗަށް ކުރާ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.

ރާއްޖޭގައި ޕްރޮޖެކްޓެއް ހިންގި ބޭރު ކުންފުންޏަކު މެލޭޝިއާގައި ހުންނަ ރައީސްގެ އެކައުންޓަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާ ކަމަށް އެ މައްސަލާގައި ބުނެފައި ވެއެވެ. އެކަމަކު ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ އެކައުންޓެއް މެލޭޝިއާގައި ނުހުންނާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ އިން ރިޝްވަތުގެ ގޮތުގައި 32 މިލިއަން ރައީސަށް ލިބިވަޑައިގަތް ކަމަށް ރައްޔިތުންގެ މަޖިލީހުގައި ކުރިން ތިއްބެވި ޕީޕީއެމްގެ ދެ މެމްބަރަކު މީގެ ކުރިން ތުހުމަތު ކުރެއްވި އެވެ.

އޭސީސީން އެކަން ތަހުގީގު ކުރުމަށް ފަހު ނެރުނު ރިޕޯޓުގައި އެ ދެ މެމްބަރުން ވިދާޅުވި ކަމަށް ބުނެފައި ވަނީ އެއީ، "ސިޔާސީ ގޮތުން ދެއްކެވި ވާހަކަތަކެއް" ކަމަށެވެ.
ހިޔާލު