Speed las vegen faadu kiyaakah jaaga eh neiy: Gasim
image
ޖޭޕީގެ ލީޑަރު ގާސިމް ރައީސް ސޯލިހާއެކު-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ސްޕީޑް ލަސްވެގެން ފާޑުކިޔާކަށް ޖާގައެއް ނެތް: ގާސިމް

ސަރުކާރަށް ކަމެއް ކުރެވޭނީ ނުބައިކޮށް ކޮށްފައި ހުރި ހުރިހާ ކަމެއް ރަނގަޅު ކުރުމަށް ފަހުގައި ކަމަށާއި، ކަމެއް ނުކުރެވޭ ކަމަށް ބުނެ ފާޑުކިޔުމުގެ ފުރުސަތު އަދިއެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅުން ޖޭޕީއާ އަލަށް ގުޅުން 65 މީހެއްގެ ފޯމުތައް ހަވާލުކުރުމަށް ރޭ އޮތް ރަސްމިއްޔާތެއްގައި ގާސިމް ވިދާޅުވީ މަސައްކަތް ނުކުރެވޭތީ ނުވަތަ ރައްޔިތުންނަށް އާ ކަންތައްތަކެއް ކޮށްނުދެވޭ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔާކަށް ޖާގައެއް ނެތް ކަމަށެވެ.

"ކިހާ ވަރެއްގެ ކަންތައްތަކެއް ދޮޅު އަހަރުވީއިރު ކުރެވެނުތޯ؟ އެ ނިސްބަތައް ބަލާއިރު މިއަދުގެ ސަރުކާރުން މާ ގިނަ ކަންތައް ކުރައްވައިފި،" މިދިޔަ ސަރުކާރަށް ނިސްބަތް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ވެސް ތަރައްގީގެ މަޝްރޫއުތައް ފެއްޓީ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ފަހުން ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ހައްގު ގެއްލިފައިވާ މީހުންގެ ހައްގުތައް ހޯދައިދީ، އިންސާފު ގާއިމް ކުރުމަށް ފަހު ނޫނީ މަސައްކަތް ނުފެށޭނެ ކަމަށެވެ.

"ކުރީގެ ސަރުކާރުން ވަނީ އެތައް ގޯސްކަމެއް ކޮށްފައި. މަޖިލިސް ތެރެއިން ގާނޫނުތަކަށް ގެނެސްފައި ހުރި ބަދަލު... އެކަންކަން ރަނގަޅުކޮށްގެން ކުރިއަށް ދެވޭނީ،" އޭނާ ފާހަގަކުރެއްވި އެވެ.

ތަރައްގީގެ މަޝްރޫއުތައް ހިންގަން ވާނީ ރަނގަޅަށް ކަމަށާއި ޕްލޭނުކޮށްގެން، ސިސްޓަމެއްގެ ތެރެއިން "މަޑުމައިތިރި އުސޫލުގެ ތެރެއިން ކަންކަން ކޮށްގެން ސަސްޓެއިނަބަލް ޑެވެލޮޕްމަންޓަ" ގެނެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަށް ބުނާނީ ކެތްތެރިވާށޭ،" ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީގެ ލީޑަރު އެދިވަޑައިގެންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖެ އަށް ބޮޑު ތަރައްގީއެއް ގެންނަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެ، ގާސިމް ފާހަގަކުރެއްވި ގޮތުގައި ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުގެ އިތުބާރު ރާއްޖެ އަށް މިހާރު ވަނީ ލިބިފަ އެވެ.

"އަޅުގަނޑުމެން މިތިބީ ހަމަ ކޯލިޝަނުގައި. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ޑިމޮކްރެޓިކް އުސޫލުން ހިންގާ ވެރިކަމެއްގައި ކަންތައްތައް ހިނގަމުން ދާއިރު، ޕާޓީ ސިސްޓަމެއް އޮންނަންޏާ އެބައެއްގެ ޕާޓީ ވަރުގަދަކޮށް ބޮޑު ކުރުމަކީ އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެއް. ގައުމުގެ ކުރިއެރުމަށް ސަރުކާރުން ކުރާ ހުރިހާ ކަމެއްގައި ޖޭޕީ އަދި އަމިއްލަ ބައިވެރިވުން ލިބޭނެ،" ގާސިމް ވިދާޅުވި އެވެ.
ހިޔާލު