Supreme Court ah Azmiraldha aai Shujoon ayyan kuranee
image
ސުޖޫން (ކ) އަދި އަޒްމިރަލްދާ.-- ފޮޓޯ: ސަން
0 ކޮމެންޓް
 

ސުޕްރީމް ކޯޓަށް އަޒްމިރަލްދާ އާއި ޝުޖޫން އައްޔަން ކުރަން ލަފާއަކަށް އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން އެ ކޯޓަށް ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.
މިއީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އައްޔަން ކުރުމަށް ދެ އަންހެން ބޭފުޅެއްގެ ނަން، ރާއްޖޭގައި ނޮމިނޭޓް ކުރެވުނު ފުރަތަމަ ފަހަރެވެ.

އޭގެ ތެރެއިން ޑރ. އަޒްމިރަލްދާ އަކީ މިހާތަނަށް ރާއްޖޭގެ ހައި ކޯޓުގައި ފަނޑިޔާރު ކަން ކުރެއްވި ހަމައެކަނި އަންހެން ފަނޑިޔާރެވެ. އަދި ޕީއެޗްޑީ ހައްދަވައިގެން ރާއްޖޭގައި ފަނޑިޔާރުކަން ކުރެއްވި ދެ ބޭފުޅުންގެ ތެރޭގައި ވެސް ޑރ. އަޒްމިރަލްދާ ހިމެނެ އެވެ. އަޒްމިރަލްދާގެ އިތުރުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ފަނޑިޔާރަކީ މިހާރުގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޝުޖޫން އަކީ ރާއްޖޭގައި އައްޔަން ކުރެވުނު ފުރަތަމަ އަންހެން ދެ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅެކެވެ. އަދި އޭނާ އަކީ މިހާރު ދާދިފަހުން އިންތިހާބު ކުރެވުނު ބާ ކައުންސިލްގެ މެމްބަރެކެވެ.

ޑރ. އަޒްމިރަލްދާ އާއި ޝުޖޫން އަކީ ކުރިން އަމިއްލަ އަށް މަގާމުން އިސްތިއުފާ ދެއްވި ފަނޑިޔާރުންނެވެ. އެގޮތުން ޑރ. އަޒްމިރަލްދާ ހައިކޯތުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ 2016ގަ އެވެ. އަދި ސިވިލް ކޯޓުގެ ގާޒީ ކަމުން ޝުޖޫން އިސްތިއުފާ ދެއްވީ 2015ގަ އެވެ.

ގާނޫނު އަސާސީގައި އޮންނަ ގޮތުން ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ، ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ، މަޖިލީހަށް ފޮނުއްވާ ނަންތައް މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.
ހިޔާލު