Vaahaka: Hallakee..
image
ހައްލަކީ-
ފަތުހުﷲ އަހުމަދު
3 ކޮމެންޓް
 

ވާހަކަ: ހައްލަކީ...

ދުވަހުގެ އިރު އޭގެ ވާޖިބު އަދާކުރުމަށް ފަހު އޮއްސެމުންދާ ކަމުގެ ނިޝާންތައް އުޑުމަތީގައި ހުރި ވިލާތަކުން ފެންނަމުން ދެއެވެ. ފާތިހު ގެއަށް ދާން ހިނގައިގަތް ތަނާ ކުއްލިއަކަށް އެ އިވުނީ ހޭޅިތެރޭން މީހަކު ކުކުރާ އަޑެވެ. ހިސާބަކަށް ކައިރިވި ތަނާ އެ އަޑު އެކުގައި ކެނޑުނެވެ. ތަންކޮޅެއް ބޮޑަށް ސަމާލުކަން ދެމުން ފާތިހު ހޭޅި ކައިރީ މަޑުކޮށްލިއެވެ. އިތުރު އެއްވެސް އަޑެއް ނީވުނެވެ. މަޑުމަޑުން ފާތިހު ހޭޅިތެރެއަށް ބަލައިލިއެވެ. މިރިހި ގަސްތަކާއި ހުއި ގަސްތަކުގެ ކުރިވަނީ ކޮންމެ ވެސް ވަރަކަށް ލެނބިފައެވެ. ފާތިހު ބަލައިލީ ހޭޅިއާ އިންވެގެން އޮތް މައި މަގަށެވެ.
ކުކުރޭ އަޑު އާ ދިމާ ބިންމަތީގައި ފިޔޮޅުތަކުގެ ރޮނގެއް ކުރެހިފައި ހުއްޓެވެ. އޭނާއަށް ޔަގީންވީ މީހަކު އެތަނަށް ވަދެފައިވާކަމެވެ.

މަޑުމަޑުން ފާތިހު ހުއި ގަސްތަކާއި މިރިހި ގަސްތަކުގެ ކުރީގައި ހިފައި ދުރުކޮށްލިއެވެ. ފާތިހުގެ ދެ ލޯ ބޮޑުކޮށްލެވުނެވެ. އެއާއެކު އޭނާގެ ނޭފަތާއި އެކު އަނގަމަތީގައި އަތް އަޅައިލެވުނެވެ. ފާތިހުގެ ނޭވާ އެތެރެއަށް ހިފަހައްޓައިލަން މަޖުބޫރުވިއެވެ. މަޑުމަޑުން ފާތިހުއަށް ދެ އަތް ދިއްކޮށްލެވުނެވެ. ދެ އަތް ފުޅާކޮށްލަމުންނެވެ. އެއާއެކު ދެ އަތުގެ އަތްތިލަ ހަރަކާތްކޮށްލިއެވެ. އަންނާށޭ ބުނާ ފަދަ ގޮތަކަށެވެ.

"އާދޭ، ދޮންބެ ކަމެއް ނުކުރާނަމޭ،" ލޯބިން ފުރިގެންވަ ގޮތަކަށް ފާތިހު ގޮވައިލީ ޔައީޝް އަށެވެ. "އާދެ މިހާރު އިރު އޮއްސެނީނު. މިއަދުވެސް އެމީހުން ދޯ!"
ފާތިހު މަޑުމަޑުން ހޭޅި ތެރެއަށް ވަނެވެ. ޔައީޝް މަޑުމަޑުން ފަހަތަށް ޖެހެމުން ދިޔައެވެ. ދެ ފަރާތަށް ބޯ ހޫރަމުންނެވެ. ފާތިހު ފުން ނަޒަރަކުން ބަލައިލީ ޔައީޝް އަށެވެ. ޔައީޝްގެ ދެފައި ވަނީ ހިރަފުހުން ކަޅުފައެވެ. އޭނާ ލައިގެން އިން ރަތް ސޯޓުގެ އެއް ފައި ކުރި ވަނީ އިރިފައެވެ. ނޫކުލައިގެ ޖަރޒީ ވެސް ވަނީ ހިރަފުހުން ކަޅުވެފައެވެ. ޔައީޝްގެ މުޅި މޫނުމަތީގައި ވެސް ހުރީ ހިރަފުހެވެ. އޭނާގެ ނޭފަތުން ފައިބައިފައިހުރި އަރިދަފުހާއި ހިރަފުސް އެކުވެ ކޯތާފަތުގައި ކަޅުކުލައި ރޮނގެއް ދެމިފައި ހުއްޓެވެ.

ފާތީހުގެ ލޮލުގައި އަޅައިގަތީ ޔައީޝް ނިތްމަތީގައިވާ ދިގުދެމިފައިވާ ލޭގެ ހިމަ ރޮނގެވެ. ޔައީޝްއަށް ކޮންމެ ވެސް އަނިޔާއެއް ލިބިއްޖެކަމަށް ފާތިހުގެ ހިތް ބުނެލިއެވެ. ކުއްލި ހަރަކާތަކާއެކު ފާތިހު ތިރިވެލިއެވެ. އަދި ޔައީޝްގެ ކަނާއަތު ފައިތިލައިގައި ހިފައިލިއެވެ. ޔައީޝް ދެފަހަރަކު ފޮޅުވާލެވޭތޯ ބަލައިލިއެވެ. ފާތިހު ދުލެއް ނުދިނުމުން ޔައީޝް ގޮތްދޫކުރިއެވެ.

"މިއަދު އެމީހުން ކީއްކުރީ؟ އަވަހަށް ބުނޭ. ކޮއްކޮ ކުޅެ ނިމެންދެން ބޭބެ މިތާ ތުނޑީގައި މި އިނީ ވެސް ކޮއްކޮ ގޮވައިގެން ނޫނީ ނުދާން." ފާތިހު ޔައީޝްގެ ހޭޅިތެރެއިން ނެރެ ކޮޅަށް ބަހައްޓައިލިއެވެ.

ބަދަލުގައި ޔައީޝް ރޯންފެށިއެވެ. ގިސްލަގިސްލާފައެވެ. ޔައީޝްގެ ރުއިމުގައި އާދަޔާ ޚިލާފު ކަމެއް ހުރިކަން ފާތިހަށް ފާހަގަކުރެވުނެވެ. ޔައީޝްގެ މޫނުމަތީގައި ހުރި ނިޝާންތަކުން އެތައް ކަމެއް ފާތިހަށް ޔަޤީންކުރެވުނެވެ. މަޑުމަޑުން ފާތިހު ކުރިއަށް ހިނގައިގަތެވެ. ޔައީޝްގެ އަތުގައި ހިފައިގެންނެވެ.

"ކީއްވެތަ އަބަދު މީނައަށް ގޮތްގޮތް ހަދަނީ؟ މި ވެސް ހަމަ އަހަރުމެން ކަހަލަ އިންސާނެކޭ. ކޮންމެ ދުވަހަކު ކުޅެން އަންނަ އިރަށް ކަލޭމެން އަނިޔާކޮށް ޖެއްސުންކޮށް، ނުވިތާކަށް އެ ކުއްޖާގެ ހެދުން ބާލުވާ އެންމެން ވެގެން ފުރައްސާރަ ކުރަނީ ކޮން އުފަލެއް ލިބޭތީތަ؟ ކަލޭމެންގެ ކޮއްކޮއަކަށް ވެސް މިފަދަ ހާލަތެއް މެދުވެރިވީމަ އިހުސާސްކުރެވޭނީ އަޅާވޭން. ތަހައްމަލުކުރާ ހިތްދަތިކަން. ނިކަން ބަލައިބަލަ މި ކުއްޖާގެ މޫނު. ދެކިބަލަ ސޯޓު. ބަލައިބަލަ މި ކުއްޖާއަށް ކޮށްލާފައި ހުރިވަރު." ކުޅެ ނިންމާލުމަށްފަހު ވާހަކައިގައި ތިބި ކުދީންނާ ދިމާއަށް ފާތިހު ހިތްހަމަ ނުޖެހިގެން އެއްފަހަރާ އަމުނައިލިއެވެ.

"އަހަންނެއް ނޫން. ތި ހުރިހާ ކަމެއް ކުރި މީހަކީ މި އިއްބެ،" އަޒުހަރު އިޝާރާތްކޮށްލީ އިބްރާހިމާ ދިމާއަށެވެ. "ޔައީޝްގެ ސޯޓު ބޭލުވީ ވެސް އޭނާ. އެއްލައިލީ ވެސް."

"ކޮންމެ މީހަކު ކުރިޔަސް ގޯސްކަމެއްވާނީ ގޯސްކަމަކަށް. ﷲ އިންސާނުން ހައްދަވާފައިވަނީ އެކި ގޮތް ގޮތަށްކަން. އަހަރެން މި މައްސަލަ ފުލުހުންނަށް ހުށަނާޅާ މި ހުންނަނީ ކަލޭމެންގެ ރައްކާތެރިކަމަށް. އެކަމަކު ދެން މަޑެއް ނުކުރާނަން. ކަލޭމެންނަށް އެނގޭނެ ނުކުޅެދޭ ކުދީންނަށް ފުރައްސާރަކޮށް ގޮތްގޮތް ހަދާ މީހުންނަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު،" ފާތިހު ފުން ނޭވާއެއް ދޫކޮށްލިއެވެ. "ދެން މައްސަލަ ބަލާނީ ފުލުހުން."

ފާތިހު ޔައީޝްގެ އަތުގައި ހިފައިގެން އޭނާގެ ސައިކަލާ ދިމާއަށް ހިނގައިގަތެވެ. ފާތިހުގެ ފިޔަވަޅުތައް ހުއްޓުނެވެ. ފަސް އެނބުރި ބަލައިލިއެވެ.

"އަހަރުމެން އެންމެންގެ ފަރާތުން މަޢާފަށް އެދެން. އަހަރުމެންނަށް ނުވިސްނުނީ. ދެން އިރާދަކުރެއްވިއްޔާ އެހެން ނުވާނެ. ހަގީގަތުގައި ނުކުޅެދުނީ ޔައީޝްއެއް ނޫން. ނުކުޅެދުނީ އަހަރުމެން. ވާހަކަ ނުދެއްކުމަކީ އެއީ އޭނާ އަމިއްލައަށް ލިބިގަތް ކަމެއް ނޫން." އިބުރާހިމުގެ ފަހަތުން އެ ތަނުގައި ތިބި ހުރިހާ ޒުވާނުން ތެދުވިއެވެ. "އަހަރުމެން އުޅުނީ ޔައީޝް މޫދަށް އެއްލައިލަން. ހޭޅިގަނޑާ ހަމައަށް ދިޔައިރަށް ފާތިހު އެތަނުގައި އިންތަން ފެނުނީމަ އެ ހޭޅި ގަނޑަށް އެއްލައިލައިފަ އެންމެ އައީ. އެނގޭ މި ކުރެވުނީ ވަރަށް ބޮޑު ގޯސްކަމެއްކަން. އަދި މަޢާފު ނުލިބޭވަރުގެ ކުށެއްކަން ވެސް. އެކަމަކު ވެސް މައާފަށް އެދެން. ދެން އެހެން ނުވާނެ."

އެ ހުރިހާ ޒުވާނުން ތިބީ އިސްޖަހައިގެންނެވެ. އެންމެން އެކުގައި ޔައީޝް މޫނަށް ބަލައިލިއެވެ. ބަދަލުގައި ޔައީޝް ހިނިތުންވެލިއެވެ. އަޅައި ނުލާށޭ ބުނާފަދަ ގޮތަކަށެވެ.
"ތިޔައީ އަދި ސާދަ ފަނަރައިގެ ކުދީން ވީމަ އަހަރެން އެއްޗެކޭ ނުބުނެ މި ހުރިހާ ދުވަހު މި ހުރީ. އެކަމަކު މިއަދު ވަރަށް އުފާވެއްޖެ. އަދި އަހަންނަށް ވެސް ކަމެއް ދަސްވެއްޖެ. ހަނު ހުރުމަކީ ހައްލެއް ނޫންކަން ވެސް އެނގިއްޖެ. ހައްލު ހޯދުމަށް ވާހަކަ ދެއްކުމަކީ މުހިއްމުކަމެއް ކަން ވެސް އެނގިއްޖެ." ފާތިހު ވެސް ހިނިތުންވެލިއެވެ.

ނޯޓް: މިއީ 2017 ވަނަ އަހަރު އެސް. އެސް. ސީ އިމްތިހާނުގެ ދިވެހި މާއްދާގައި ވާހަކަ ލިޔުމަށް ދީފައިވާ ފެށުން ބޭނުންކޮށް، ގްރޭޑް 10ގެ ދަރިވަރުންގެ ފެންވަރަށް އަމާޒުކޮށްގެން ލިޔެފައިވާ ކުރުވާހަކައެކެވެ.
ހިޔާލު

ަމާން

ކުދީންގެ ލެވެލްއަށް ތިރިވެފަ އޮތްގޮތް ސަޅި.... ފަތޫއަކީ މޮޅު ލިޔުންތެރިއެއްކަން މި ސައިޓުން ސާފުވޭ ނިޝީ ދެން ޖޭ ނިވޭ

ނިޝީ

މިއީ ގުރޭޑު ދިހައެއް ގެ ފެންވަރައް ވުރެ ދައް އެއްޗެއް

ސަރޯ

ވަރަށް ރަނގަޅު ކަމެއް ފަތޫ ސަރ ތި ފެށީ.... ކުދީންގެ ފެންވަރަށް އަމާޒުކޮށް ލިޔުންތައް ލިޔެފައިވާ މިންވަރު ވަރަށް މަދު.... ކުދީންނަށް ބޭނުންތެރި މަސައްކަތަކަށްވާނެ މިކަން..