Anhenun fandiyaarukan kurun huhdhaeh noon: Fathuva Majlis
image
ވަކީލުންނަށް ހުއްދަ ދިނުމުގެ ރަސްމިއްޔާތެއްގެ ތެރެއިން: ފައިލް ފޮޓޯ
ސީއެންއެމް
4 ކޮމެންޓް
 

އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދައެއް ނޫން: ފަތުވާ މަޖިލިސް

ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް އަންހެން ދެ ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުވުއްވާފައިވާއިރު، އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހުއްދަކަމެއް ނޫންކަމަށް އިސްލާމީ ފަތުވާ މަޖިލީހުން ނިންމާފައިވާކަން ހާމަވެއްޖެ އެވެ.
މި ފަތުވާއަކީ މިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ނެރެފައިވާ ފަތުވާއެކެވެ. މި ފަތުވާ މިހާތަނަށް އާއްމުވެފައި ނުވި ނަމަވެސް ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ހައިކޯޓްގެ ކުރީގެ ފަނޑިޔާރު ޑރ އަޒްމިރަލްޑާ ޒާހިރު އަދި ސިވިލް ކޯޓްގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް ސޯލިހު އިއްޔެ އެދިވަޑައިގެންނެވު ހަބަރާއިއެކު މި ފަތުވާ މިހާރުވަނީ އާއްމު ވެފައެވެ.

ފަތުވާ މަޖިލީހުގެ ނިންމުމުން ނިންމާފައިވަނީ ކީރިތި ޤުރުއާނާއި، ރަސޫލާގެ ސުންނަތާއި، އިލްމުވެރިންގެ އިޖުމާއުއާއި ބަސްފުޅުތަކުގެ އަލީގައި އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭގޮތުން އޮންނަ ގޮތް ހޯދުމަށް ދިރާސާއެއް ކޮށްފައިވާ ކަމަށެވެ.

އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭގޮތުން އިސްލާމީ ޝަރީއަތުގައި ތިން ރައުޔެއް އައިސްފައިވާއިރު އެ ތިން ރައުޔުވެސް ފަތުވާގައި ހިމަނާފައި ވެއެވެ. އަދި ތަފުވާ މަޖިލީހުގެ ނިންމުމުގައި އަންހެނުން ފަނޑިޔާރުކަން ކުރުން ދުއްދަ ނޫންކަމަށް ކަނޑައަޅާފައިވަނީ އޭގެތެރެއިން އެންމެ ދަލީލުގެ ގޮތުން އެންމެ ބާރުގަދަ ރައުޔު ކަމުގައިވާ ފުރަތަމަ ރައުޔަށް ބުރަވެއެވެ.

1. ފުރަތަމަ ރައުޔު

ފުރަތަމަ ރައުޔަކީ ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބުގެ ގިނަ އިލްމުވެރިންނާއި، ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝީޢާއީންގެ އަލްއިމާމިއްޔާއިންނާއި، ޒައިދީންނާއި، ޚަވާރިޖުންގެ ތެރޭގައި ހިމެނީ އިބާޟީންގެ ރައުޔެވެ.

އެ ރައުޔުގެ ހުލާސާގައި މުދަލާއި ގުޅޭ ކަމަކަށް ވިޔަސް، ނުވަތަ ގިސާސާއި ހައްދުތަކާ ގުޅުންހުރި ކަމެއްގައި ވިޔަސް، ނުވަތަ އެނޫން މައްސަލައެއްގައި ވިޔަސް އެ މައްސަލަތައް ބަލައި ހުކުމްކުރުމަށް، އަންހެނަކާ ހަވާލު ކުރުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށް ބުނެފައިވާ ކަމަށް ފަތުވާ މަޖިލީހުގެ ނިންމުމުގައިވެއެވެ.

އެ ނިންމުމުގައި ބުނެފައި ވަނީ ގަޟިއްޔާއެއް ނިންމުމަށް އަންހެނަކާ ހަވާލުކުރާ މީހާވެސް އަދި ހަވާލުކުރެވުނު މީހާވެސް ފާފަވެރިވާނެ ކަމަށާއި، އެ ހުކުމަކީ ހައްގަށް ވާސިލްވި ކަމުގައިވާނަމަވެސް ތަންފީޒު ކުރެވޭނެ ހުކުމެއް ނޫން ކަމަށެވެ.

އޭގެ އިތުރުން ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ ހަތަރު ހަލީފާއިން ވެސް ފަނޑިޔާރުކަމަށް އެއްވެސް އަންހެނަކު އިސްކުރައްވާފައި ނުވާކަމަށް އެ ރައުޔުގައިވެއެވެ.

2. ދެވަނަ ރައުޔު

ދެވަނަ ރައުޔުގައި ބުނެފައި ވަނީ އިސްލާމްދީނުގައި ކަނޑައަޅައިފައިވާ ހައްދުތަކާއި، ގިސާސް ހިފުމުގެ ގަޟިއްޔާތައް ފިޔަވައި އެހެން ހުރިހާ (މާލީ މައްސަލަތަކާއި، އަންހެނުން އާދަކޮށް ދެކެއުޅޭ މައްސަލަތަކާއި އެނޫނަސް އެފަދަ) މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށެވެ. އެއީ ހަނަފީ މަޒުހަބުގެ މަދު އިލްމުވެރިންގެ ރަޢުޔެކެވެ.

3. ތިންވަނަ ރައުޔު

ތިންވަނަ ރައުޔުގައި ބުނެފައި ވަނީ އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށެވެ. މިއީ އަލްއިމާމުއްތަބަރީގެ ރައުޔެކެވެ. މި ރައުޔަށް ތާއީދު ކުރާ އެއްވެސް ދަލީލެއް ނެތް ކަމަށާއި، އަދި އެއީ އިމާމުއްތަބަރީގެ ރަޢުޔެއް ކަން އެނގޭ އެއްވެސް ލިޔުމެއް ނެތް ކަމަށް ވެސް ފަތުވާ މަޖިލީހުގެ ނިންމުމުގައިވެއެވެ. އަދި އިމާމުއްތަބަރީއަކީ ތަފްސީރާއި ތާރީހުގެ ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ އިލްމުވެރިއަކަށް ވާއިރު، އެއިން އެއްވެސް ފޮތެއްގައި މި ރަޢުޔުގެ ވާހަކަ އައިސްފައި ނުވާ ކަމަށެވެ.

މި ތިން ރައުުގެ އޭގެތެރެއިން އެންމެ ހަރުދަނާ ރައުޔަކީ ފުރަތަމަ ރައުޔު ކަމަށް ފަތުވާ މަޖިލީހުން ނިންމާފައިވަނީ އެ ރައުޔުގެ ދަލީލުތަކާއި ހުއްޖަތުތަކުގެ ވަރުގަދަކަމުންނެވެ. އަދި އެއީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ރަޢުޔަށް ވާތީކަމަށް ނިންމުމުގައި ވެއެވެ. އެީ ޖުމްހޫރު އިލްމުވެރިންގެ ރައުޔުވެސް މެއެވެ.

ފަތުވާ މަޖިލީހުން ނިންމާފައި ވަނީ އަނެއް ދެ ރަޢުޔަކީ ދަލީލުގެ ގޮތުން ބަލިކަށި ބުރަދަނެއް ނެތް ދެ ރަޢުޔު ކަމަށެވެ.
ހިޔާލު

ފަޓާސް

ފަތުވާ ކޮމެޓީއާއި، ގައުމުގެ ބަސްވިކޭ އިލުމްވެރިންގެ ރައުޔުތައް ވެރިކަމުގައި ހުންނެވި ބޭފުޅާ ގަބޫލްފުޅު ކުރައްވާނެކަމަށް އުންމީދުކުރަން. އެހެނީ މިކަމާއި އެއްކޮޅަށް ވަކާލާތު ކުރައްވާ ޢިލުމްވެރިންނަކީ ދީނީގޮތުންނާއި ދުނިޔަވީގޮތުން ވެރިކަމުގައިތިބެ ކުރެއްވި ކަންކަމާއި ގައުމުގެ ރައްޔިތުން ދެކޮޅުވެރިވެ ވެރިކަމުން ދުރުކުރި ބަޔަކަށްވާތީ އަދިވެސް އެމީހުންގެ ބަސް ދީނީކަންކަމުގައި ގަބޫލުކުރުމަށް ދެކޮޅުވާތީ އޭރުވެސް ދީނުގެ ހައްދުތަކާްއި ސާބިތު ހެކިތަކުގެ މައްޗަށް ބަލިކަށި ހެކިތަކާއި ދަލީލުތައްދައްކާ ބޭނުންހާ ގޮތެއްގޮތަށް ކަންކަން ކޮން އުޅުނު ބަޔަކަށްވާތީއެވެ. އެހެންނަށް އަޔަށް ކުރަން އުޅޭ ދެ އަންހެން ބޭފުޅުންނަކީ ﷲ އަށް ބިރުވެތިވުމުގައި އެބައިމީހުންގެ ކިބައިން އެއްވެސް ބޭރުފުށުގެ ޢަމަލެއް ފެންނަންނެތުމެވެ. ބަހުގެ ގޮތުން ބަލާއިރު އެތެރޭގައި ހުރި އެއްޗެއް ބޭރަށް ފެންނަންހުންނާނީ.

އައްލަމަކަރު

ވެރިކަން ވެއްޓުމުގެ ކޮޅުމަތި.
އިބޫއަށްވަރަށް ސަލާމް.
ތީ އަންނިގެ ރޭވުމެއް.

ޖޯކު

ފަތުވާ މަޖިލީހުގެ މެންބަރުން އަންހެންބޭފުޅުން ވަކީލް ކަމުގެ ސަނަދު ހޯދަން ކިޔަވާދިނުން ހަމަ ހުއްދަ ދޯ!
ފަނޑިޔާރުންވެސް ފަތުވާކޮމިޓީގެ ޖީބަށް އެއްޗެއްލަނިކޮށް ތިކަން ވެދާނެ!

އަލިބެއްޔާ

މިކަމުގަ އި ބޫއަށް ތާއިދު