ADR akee court maruhalaa ah vure maa faidhaa huri nizaameh: Uhthama Fandiyaaru
image
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ހޮޓެލް ޖެންގައި ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: އެމްއައިއޭސީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އޭޑީއާރަކީ ކޯޓުގެ މަރުހަލާއަށް ވުރެ މާ ފައިދާ ހުރި ނިޒާމެއް: އުއްތަމަ ފަނޑިޔާރު

އަލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން (އޭޑީއާރް) އަކީ ކޯޓު މަރުހަލާއިން މައްސަލަ ނިންމުމަށް ވުރެ މާ ފައިދާހުރި ނިޒާމެއް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު ހޮޓެލް ޖެންގައި ފެށި "ޖުޑީޝަލް އެކްސްޗޭންޖް އޮން އަލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން" ސެމިނާ ގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އޭޑީއާރް ނިޒާމުގެ ސަބަބުން ކޯޓުތަކާއި މައްސަލަ ހުށަހަޅާ ފަރާތްތަކަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

އެގޮތުން ކޯޓުތަކަށް ވުރެ އަވަހަށް މައްސަލަތައް ނިންމޭނެ ކަމަށާއި ކުރަން ޖެހޭ ގާނޫނީ ހަރަދުތައް ކުޑަވާނެކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އަދި މައްސަލަތައް ހައްލުކުރުމުގައި ކަމާ ބެހޭ ދާއިރާތަކުގެ މާހިރުން ބޭނުންކުރެވޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އަބްދުﷲ ދީދީ ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ކުރިއަރާ ދާއިރު ބޭރުގެ ގިނަ އަދަދެއްގެ އިންވެސްޓަރުން ރާއްޖޭގެ ވިޔަފާރިތަކުގައި ޝާމިލްވާން ފަށާފައިވާ ކަމަށެވެ. އަދި އެއާއެކު ގިނަ އަދަދެއްގެ މައްސަލަތަކެއް ވެސް އުފެދި ކޯޓުގައި ހިނގަމުންދާކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އޭޑީއާރް ނިޒާމުގެ ސަބަބުން މިފަދަ މައްސަލަތައް ބެލުމުގައި ދެ ފަރާތުން ބޭނުންވާ މިންވަރަށް ސިއްރުވެރިކަން ހިފެހެއްޓޭނެ ކަމަށާއި އެކަމުގެ ސަބަބުން މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ގުޅުން ހީނަރުވެގެން ނުދާނެ ކަމަށެވެ.

އާބިޓްރޭޝަން ގާނޫނު 2013 ވަނަ އަހަރު ވުޖޫދަށް އައުމާއެކު އުފެދުނު މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އެމްއައިއޭސީ) އަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ވަނީ ސިފަ ކުރައްވައިފައެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެމްއައިއޭސީގެ މަސައްކަތް ފެށެން ހަ އަހަރު ދުވަސް ހޭދަވީ ނަމަވެސް، އެ ސެންޓަރުގެ ބޯޑު އަލުން އެކުލަވާލައި، އައްޔަންކުރި ބޭފުޅުންނަކީ އެ މަގާމަށް އެންމެ ގާބިލް އަދި އިތުބާރު ކުރެވޭ ބޭފުޅުންކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވަނީ ޖުޑިޝަރީގެ ފުރިހަމަ އެއްބާރުލުން އެމްއައިސީއަށް ލިބޭނެކަމުގެ ޔަގީންކަން އަރުވައިފައެވެ. އަދި އެމްއައިސީން ވިޔަފާރީގެ ދާއިރާއަށް އިސްކަން ދީގެން ރާއްޖޭގެ ގާނޫނީ ނިޒާމަށް ކުރިއެރުންތައް ގެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖުޑީޝަލް އެކްސްޗޭންޖް އޮން އަލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން ސެމިނާއަކީ އޭޑީއާރްއާ ބެހޭގޮތުން ފަނޑިޔާރުންނަށް މައުލޫމާތު ދިނުމަށް އެޓާނީ ޖެނެރަލް އޮފީހުގެ އެހީތެރިކަމާއެކު އެމްއައިއޭސީން ބާއްވާ ސެމިނާއެކެވެ. މިމަހުގެ 23 އިން 25 އަށް ކުރިއަށްދާ ސެމިނާގައި އެމެރިކާ އާއި ސިންގަޕޫރުގެ އިތުރުން އައިސީސީގެ ފަނޑިޔާރުން ބައިވެރިވެ މައުލޫމާތު ދެއްވާނެެއެވެ.

މިއަދުގެ ސެމިނާގައި ޖުމްލަ 14 ފަނޑިޔާރުން ބައިވެރިވާކަމަށް އެމްއައިއޭސީން ބުނެއެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓާއި ސިވިލް ކޯޓުު އަދި ހައި ކޯޓުގެ ފަނޑިޔާރުން ހިމެނެއެވެ.
ހިޔާލު