Supreme Court ge fandiyaaru kamah High Court ge 4 fandiyaarun
image
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)--
0 ކޮމެންޓް
 

ހައި ކޯޓުގެ ހަތަރު ފަނޑިޔާރަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމުން އެ ކޯޓަށް އަލަށް އައްޔަނު ކުރާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރިމަތިލައްވައިފި އެވެ.
ކޯޓުތަކުގެ ގާނޫނު އިސްލާހު ކުރުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް އިތުރު ކުރުމަށް ވަނީ ނިންމާފަ އެވެ. އެއާއެކު އަލަށް އައްޔަނު ކުރާ ދެ ފަނޑިޔާރުންގެ ޖާގައަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުރުސަތު ހުޅުވާލި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އެ ފުރުސަތުގައި ހައި ކޯޓުގެ ހަތަރު ފަނޑިޔާރަކު ވަނީ ކުރިމަތިލައްވާފަ އެވެ. އެއީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

ފަނޑިޔާރު ސަމީރު ހައި ކޯޓަށް އައްޔަން ކުރީ 2011 ގައެވެ. އޭގެ ކުރިން އޭނާއަކީ ސިވިލް ކޯޓުގެ އުސް ގާޒީ އެވެ. ފަނޑިޔާރު ހަމީދަކީ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި އިންނަވާތާ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރެވެ. އޭނާ ހައި ކޯޓަށް އައްޔަން ކުރީ 2007 ގައެވެ.

ފަނޑިޔާރު ޝުއައިބް ކުރިން ހުންނެވީ ޖުވެނައިލް ކޯޓުގެ އިސް ގާޒީގެ މަގާމުގަ އެވެ. އޭގެ ކުރިން ފެމިލީ ކޯޓާއި ސިވިލް ކޯޓުގެ އިސް ގާޒީކަން ކުރެއްވި އެވެ. އޭނާ ހައި ކޯޓަށް އައްޔަނު ކުރީ 2011 ގައެވެ. ހއ. ޖުޑީޝަލް ދާއިރާގެ ކުރީގެ އިސް މެޖިސްޓްރޭޓް، ފަނޑިޔާރު ނިޔާޒު ހައި ކޯޓަށް އައްޔަނު ކުރީ 2018 ގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ދެ ފަނޑިޔާރެއްގެ ނަމާ މެދު ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެންފަ އެވެ. އެގޮތުން ޖޭއެސްސީން ވަނީ އެ ދެ ނަން ބަލައިގެންފަ އެވެ. އެއީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.

އަޒްމިރަލްދާއާއި ސުޖޫންގެ ނަން ބަލައިގަތުމަށް ނިންމި ނަމަވެސް އެމަގާމަށް ކުރިމަތިލުމަށް އިތުރު ބޭފުޅުންނަށް ވެސް ޖޭއެސްސީން ފުރުސަތު ހުޅުވާލި އެވެ. ގާނޫނު އަސާސީގައި އޮންނަ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ، ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ، މަޖިލީހަށް ފޮނުއްވާ ނަންތައް މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.

އަޒްމިރަލްދާ އާއި ޝުޖޫންގެ ނަން ފޮނުވުމާއެކު އެންމެ މަތީ ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުން ގެނައުމާ މެދު ވަނީ ހޫނު ބަހުސެއް އުފެދިފަ އެވެ. އެކަމާ ދެކޮޅަށް ފަތުވާ މަޖިލީހުން ފަތުވާ ނެރިފައި ވާއިރު، ބައެއް ދީނީ އިލްމުވެރިން ވެސް އަންނަނީ ފާޑުކިޔަމުންނެވެ. ހަމަ އެގޮތަށް ބައެއް ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުން އަންނަނީ އެކަމާ އެއް ކޮޅަށް ވެސް ވާހަކަދައްކަމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ޝަރުތަކީ ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލު ކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައި ވުމެވެ. މިހާތަނަށް އެންމެ ގިނައިން ސުޕްރީމް ކޯޓަށް އައްޔަނު ކޮށްފައި ވަނީ ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ފަނޑިޔާރުންނެވެ.
ހިޔާލު