Anhenun fnadiyaafukan kurumaki faafaeh noon: Adhaalath
image
އަދާލަތު ޕާޓީގެ ރައީސް އިމްރާން
ސީއެންއެމް
1 ކޮމެންޓް
 

އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ފާފައެއް ނޫން: އަދާލަތު

އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ފާފަވެރިވާނެކަމެއް ނޫންކަމަށާއި، އަދި އަންހެނަކު ފަނޑިޔާރުކަމަށް އައްޔަން ކުރުމަކީވެސް ފާފަވެރިވާނެކަމެއް ނޫންކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީން މިހެން ބުނީ ސްޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖޭއެސްސީގެ ލަފަޔަކަށް އެދިފައިވާ ދަނޑިވަޅުގައި އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމާމެދު ހިޔާލު ތަފާތުވެފައި ވަނިކޮށް މިއަދު އެޕާޓީން ނެރުނު ބަޔާނުފައެވެ.

އަދާލަތު ޕާޓީން ބުނީ އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމާމެދު ތަފާތު ރައުޔުތައް އައިސްފައިވާ ކަމުގައެވެ. އަދި ފަނޑިޔާރުކަމަށް އަންހެނުން އައްޔަން ކުރުމާ ގުޅިގެން އައިސްފައިވާ ރައުޔުތަކުގެ ތެރެއިން އެޕާޓީއަށް އެންމެ ބޮޑަށް ބުރަވެވެނީ ފަނޑިޔާރުކަމަށް އަންހެނަކު އައްޔަން ކުރުން ހުއްދަނޫން ކަމަށް ބުނާ ރައުޔަށް ކަމަށްވެސް އަދާލަތުގެ ބަޔާނުގައި ވެއެވެ.

ނަމަވެސް މިމައްސސަލަޔަކީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ މިމައްސަލާގައި އިލްމުވެރިން ނެރުއްވާފައިވާ ކޮންމެ ރައުޔަކަށް އަމަލުކުރި ނަމަވެސް ފާފަވެރި ނުވާނެ ކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައި ވެއެވެ.

އަދާލަތު ޕާޓީން ބުނީ އެޕާޓީން މިމައްސަލާގައި ބަޔާނެއް ނެރުނީ މިވަގުތު ދުނިޔޭގެ ބޮޑެތި އިސްލާމީ ގައުމުތަކުން މިކަމުގައި އާންމުކޮށްފައިވާ ރަސްމީ އަދި އިލްމީ ބަހުސްތަކާއި ފަތުވާތަކަށް ބެލުމަށްފަހު ކަމުގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ. އަޒްމިރަލްޑާ ޒާހިރު އަދި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމުން، އެކަމާ މެދު ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފައި ވަނިކޮށް އަދާލަތު ނެރުނު ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރުކަމަށް އަންހެނަކު އައްޔަން ކުރުމަކީ މުތުލަގުކޮށް ހުއްދަކަމެއް ނޫން ކަމަށް އޮންނަ ރައުޔަކީ އިސްލާމީ އުންމަތުގެ ގިނަ ދަންނަބޭކަލުންގެ ރައުޔު ކަމުގައެވެ.

އެ ރައުޔަކީ މިޒަމާނުގެ ވަރުގަދަ ބޮޑެތި އިލްމުވެރިން ވެސް ތާއީދު ކުރައްވާ ރައުޔުކަމަށާއި ދެވަނަ ރައުޔަކީ ހައްދާއި ގިސޯސްގެ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި އަންހެނަކު ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ކަމެއް ކަމަށް ބުނާ ރައުޔުކަމަށާއި މިޒަމާނުގެ ބައެއް އިލްމުވެރިން މި ރައުޔަށް ތާއީދު ކުރައްވާކަމަށްވެސް އަދާލަތުގެ ބަޔާނުގައި ވެއެވެ.

ތިންވަނަ ރައުޔަކީ ފަނޑިޔާރުކަމުގެ މަގާމަށް އަންހެނަކު އައްޔަންކުރުމަކީ މުތުލަގުކޮށް ހުއްދަކަމެއް ކަމުގައި ބުނާ ރައުޔެވެ. މި ރައުޔުގައި ބުނަނީ އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށެވެ. އެ ރައުޔުގައި ބުނެފައި ވަނީ މަނާވުމުގެ ދަލީލެއް އަތުވެއްޖެއުމަށް ދާންދެން ކަންކަމުގެ އަސްލަކީ ހުއްދަވުން ކަމަށާއި، މީސްތަކުގެ ތެރޭގައި ފައިސަލާކުރުމަށް އެކަށީގެންވާ މީހާގެ ހުކުމް ކުރުންވެސް ހުއްދަވެގެންވެއެވެ.

އަދި އަންހެނުންނަކީ ވެސް ޚަސްމުންގެ މެދުގައި ހުކުމް ކުރުމުގެ ގާބިލުކަން ހުރެ ކުފޫ ހަމަވާ ފަރާތެއް ކަމަށާއި، ފައިސަލާ ކުރުމުގައި އޭނާއަށް މަނައެއް ނެތް ކަމަށެވެ. އަދި ގާޒީކަމަށް އަންހެނުން އައްޔަން ކުރުން ސައްހަ ކަމަށާއި، އޭނާގެ އަންހެންވަންތަ ކަމަކީ އޭނާއަށް ހުއްޖަތް ފަހުމު ނުވާންވީ ސަބަބެއް ނޫން ކަމަށާއި، އަދި ހުކުމް ނުކުރެވެންވީ ސަބަބެއް ނޫން ކަމަށް ވެސް މި ރައުޔުގައި ބުނެފައިވާކަމަށް އަދާލަތުގެ ބަޔާނުގައި ވެއެވެ.

އަދާލަތު ޕާޓީން ބުނީ އަންހެނުން ފަނޑިޔާރުކަން ކުރުން މުތްލަގަށް ހުއްދަ ނޫންކަމަށް ބުނާ ރައުޔަށް އެޕާޓީން ބުރަވަނީ އެއީ އިސްލާމީ އުންމަތުގައި އެކި ޒަމާންތަކުގައި އުފެދިގެން އައި ބޮޑެތި އިލްމުވެރިންނާއި، އެއް ޖީލަށްފަހު އައި އަނެއް ޖީލެއްގެ އިލްމުވެރިންކުރެ، މިއަދާ ހަމައަށް އައި ހުރިހާ ޖީލެއްގެ ޖުމްހޫރު އިލްމުވެރިންގެ ރައުޔަކީ އެ ރައުޔުކަމަށްވާތީ ކަމުގައެވެ.

ނަމަވެސް މިއީ ފަނޑިޔާރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައިވާ މައްސަލައެއް ކަން ފާހަގަކޮށް އެ ޕާޓީ އިން ބުނީ ހިޔާލުތަފާތުވުން އުފެދޭ ހާލަތްތަކުގައި އަމަލު ކުރަން އޮންނަ ގޮތަކީ އަނެކާގެ ރައުޔަށް އިހްތިރާމް ކުރުމާއި އިސްލާމީ ޝަރުއީ މަސްދަރުތަކުން ނަގުލުވާ ދަލީލުތަކުގެ މައްޗަށް ބިނާކޮށް ހައްގަށް ވާސިލުވުމަށް މަސައްކަތް ކުރުން ކަމަށާއި އިހްލާސްތެރިކަމާއެކު ހިލާފީ މައްސަލައެއްގައި ވަކި ރައުޔެއް އިހްތިޔާރުކުރާ މީހާ އޭނާއަށް އިހްތިޔާރު ކުރެވުނީ އެކަމުގައި އޮންނަ ގޯސް ރައުޔުކަމުގައި ވީނަމަވެސް، ފާފަވެރި ނުވާނެ ކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައި ވެއެވެ.
ހިޔާލު

އަހަމަދު

އެ ބަޔާނުގައި އޮތީ ޢިލްމީ ޚިލާފުތަކުގައި އިޚްލާޞްތެރިކަމާއެކު ޢަމަލުކުރާ ގޮތަކުން އޭނާ ފާފަވެރި ނުވާނެ ވާހަކަ. މިސާލަކަށް މޫނު ބުުރުގާ އެޅުމާމެދު އޮތް ޚިލާފުގައި ދަލީލުގެ މައްޗަށް ބިނާކޮށް މޫނު ބުރުގާ އެޅުން ވާޖިބުކަމަށް ނުދެކޭ މީހާ އެގޮތަށް ޢަމަލުކުރުން ފާފަވެރި ނުވާނެ އެވެ.