Noosverikamuge Award haflaa anna mahu 15 gai
image
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް
0 ކޮމެންޓް
 

ނޫސްވެރިކަމުގެ އެވޯޑު ހަފުލާ އަންނަ މަހު 15 ގައި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް މިއަހަރު 40 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށާއި އެ އެވޯޑު ހަފުލާ އަންނަ މަހުގެ 15 ގައި ބާއްވަން ނިންމާފައިވާ ކަމަށް އެމްއެމްސީ އިން ބުނެފި އެވެ.
އެމްއެމްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީޑިއާ ކައުންސިލުގެ ނައިބް އަހުމަދު އާޒިފް ވިދާޅުވީ އެކި ކެޓަގަރީތަކުން މިދިޔަ އަހަރުގެ އެވޯޑަށް 40 ފަރާތަކުން ނަން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑަށް ފަސް މީޑިއާއަކުން ފަސް ނޫސްވެރިއަކު ކުރިމަތިލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އާޒިފް ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ދޭ ހާއްސަ އިނާމަށް 29 ފަރާތަކުން ވެސް ކުރިމަތިލާފައިވާ ކަމަށެވެ. އެ އިނާމުގައި ހިމެނެނީ ނޫސްވެރިކަމުގެ ރަން ގަލަމާއި ނޫސްވެރިކަމުގެ އަލިމަސް ގަލަން އަދި ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަމެވެ.

އާޒިފް ވިދާޅުވީ އެ އެވޯޑަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް އެވޯޑު ލިބޭނެ ކަމަށެވެ.

އިތުރު އެވޯޑުތައް ދޭން ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ އިޖުތިމާއީ ދާއިރާ އާއި ސިޔާސީ އަދި ވިޔާފަރީގެ އިތުރުން ކުޅިވަރާއި ފޮޓޯ ގްރަފީ އަދި ވީޑިއޯ ގްރަފީގެ އާއި ފީޗާ ލިޔުމުގެ ދާއިރާ ހިމެނެއެވެ.

އެގޮތުން އެންމެ އިންސާފުވެރި ދެފުށް ފެންނަ ގޮތަކަށް އެވޯޑު ލިބޭ މީހަކު ހޮވުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް މީޑިއާ ކައުންސިލުގެ މެމްބަރު އަހުމަދު ޖަދްވާން ވިދާޅުވީ އެ ކައުންސިލުން އެންމެ އެވޯޑުގެ އިންސާފުވެރިޔާ ހޯދުމަށް ދިރާސާ އާއި އާކައިވް މައުލޫމާތުތައް ހޯދާ ބެލުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ހިޔާލު