Sudan gai fenboduvumuge sababun 62 maru
image
ފެންބޮޑުވުމުގެ ސަބަބުން ކުޑަ ޑީންގީއެއްގައި ސޫދާންގެ ބަޔަކު ދަތުރުކުރަނީ-- ފޮޓޯ: އީޕީއޭ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ސޫދާންގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 62 މީހުން މަރުވެއްޖެ

ސޫދާނަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 62 މީހުން މަރުވެފައިވާކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާ އިން ބުނެފިއެވެ.
މިއަހަރުގެ ޖުލައި މަހުން ފެށިގެން ސޫދާނަށް ކުރަމުންދާ ވިއްސާރާގެ ސަބަބުން މިހާތަނަށް ވަނީ 200،000 އަށް ވުރެ ގިނަ މީހުންނަށް ވިއްސާރައިގެ އަސަރުކޮށްފައެވެ. ސޫދާންގެ 15 ސްޓޭޓެއްގެ މީހުންނަށް އަސަރުކޮށްފައިވާ އިރު އެންމެ ބޮޑެތި ގެއްލުންތައް ލިބިފައިވަނީ ދެކުނު ސްޓޭޓެއްކަމަށްވާ ވައިޓް ނައިލަށެވެ.

ވިއްސާރާގެ ސަބަބުން 37،000 ގެއެއް އެއްކޮށް ނުވަތަ އެކިވަރަށް ވީރާނާވެފައިވާކަމަށް އދ އިން ބުނެއެވެ. މޫސުމާބެހޭ ފަރާތްތައް ލަފާކުރާ ގޮތުގައި މިއަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ސޫދާނަށް ބޯކޮށް ވިއްސާރަކުރާނެއެވެ.

އދގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނަޓޭރިއަން އެފެޔާޒް (އޮޗާ) ގެ ތަރުޖަމާނު ޖެންސް ލާކް ވިދާޅުވީ، ފެންބޮޑުވުމުގެ ސަބަބުން އަސަރުކޮށްފައިވާ މީހުންނަށް ވީއެންމެ އަވަހަކަށް ބޯހިޔާވަހިކަމާއި، ކާނާއާއި ސިއްހީ ހިދުމަތްތަކުގެ އިތުރުން ސާފު ބޯފެން ބޭނުންވާކަމަށެވެ.

ޖުލައި މަހުން ފެށިގެން 5.8 މީހުންނަށް ކާނާ ލިބުމުގެ ދަތިކަމާއި ކުރިމަތިލާން ޖެހިފައިވާކަމަށް ލާކް ވިދާޅުވިއެވެ. މިއީ 2018 ވަނަ އަހަރުގެ ކުރީ ކޮޅާ އަޅާ ބަލާއިރު ދެ މިލިއަން އިތުރު އަދަދެކެވެ.

ގެދޮރު ގެއްލިފައިވާ ބައެއް މީހުން އާއިލާ އާއި ރަހުމަތްތެރިންނާ އެކު ދިރިއުޅެމުން އަންނައިރު ބާކީ ތިބި މީހުން ދިރިއުޅެމުން އަންނަނީ ސްކޫލުތަކާއި ބައެއް އާންމު ތަންތަނުގައެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް ޓެންޓުގެ އިތުރުން ވަގުތީހިޔާ ފޯރުކޮށްދިނުމަށް ސޫދާންގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސޫދާންގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީގެ ގޮތުގައި 1.1 މިލިއަން ޑޮލަރު މިއަހަރު ދިނުމަށް އދ އިން ވަނީ ނިންމައިފައެވެ. މިއަދަދުގެ 30 އިންސައްތައަކީ އެކި ފަރާތްތައް ހުށަހަޅާފައިވާ ފައިސާގެ އެހީއެވެ.

ފެންބޮޑުވުމުގެ ސަބަބުން ދިމާވާ ކުއްލި ހާލަތްތަކުގައި އެހީވުމަށް އިތުރު 150 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އދ އިން ލަފާކުރެއެވެ. ފައިސާގެ އެހީ ސޫދާނަށް ފޯރުކޮށް ނުދެއްވިއްޖެނަމަ އެއީ އިންސާނިއްޔަތަށް އެހީވުމަށް އެޅޭނެ ވަރަށް ބޮޑު ހުރަހެއްގެ ގޮތުގައި އޮޗާގެ ތަރުޖަމާނު ވަނީ ސިފަކުރައްވައިފައެވެ.
ހިޔާލު