Raajjeyge fathuruveri kamuge musthagbalakee thaareehaai, sagaafathaai, thimaaveshi dhemehettun: Ali Waheed
image
ވޯލްޑް ޓޫރިޒަމް ކޮންފެރެންސްގެ އިސް ބައިވެރިން-- ފޮޓޯ: މެލޭޝިއާގެ ޓޫރިޒަމް މިނިސްޓްރީ
0 ކޮމެންޓް
 

ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލަކީ ތާރީހާއި، ސަގާފަތާއި ތިމާވެށި ދެމެހެއްޓުން: މިނިސްޓަރު އަލީ ވަހީދު

ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލަކީ ތާރީހާއި، ސަގާފަތް އަދި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
މެލޭޝިއާގައި މިއަދު ފެށި ފަސްވަނަ ވޯލްޑް ޓޫރިޒަމް ކޮންފެރެންސްގެ ބައިވެރިންނާ މުހާތަބު ކުރައްވަމުން މިނިސްޓަރު ވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މުހިއްމު ކަމަށް އަލިއަޅުއްވާލައްވާފަ އެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖެ ފަދަ ގައުމުތަކުގެ ޖަޒީރާވަންތަކަން ނުގެއްލޭނެ ފަދަ ގޮތަކަށް ފަތުރުވެރިކަން ފުޅާކޮށްގެން ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން ފެށިގެން މިއަދާ ހަމައަށް އައި ގޮތާ ގުޅޭ ގޮތުން ވެސް މިނިސްޓަރު ވަނީ ކޮންފެރެންސްގެ ބައިވެރިންނަށް މައުލޫމާތު ދެއްވާފަ އެވެ.

ކުއަލަ ލަމްޕޫރުގެ ޝަންގްރިއްލާ ހޮޓަލުގައި މިއަދު ފެށި ވޯލްޑް ޓޫރިޒަމް ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ "ބިޔޯންޑް ޓޫރިޒަމް ބިޔޯންޑް އެކްސްޕެކްޓޭޝްން" އެވެ.

އެ ކޮންފެރެންސް ރަސްމީކޮށް ފައްޓަވައި ދެއްވީ މެލޭޝިޔާގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދެވެ.

ކޮންފެރެންސް ގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމުގެ މަގްސަދުގައި އަލީ ވަހީދު މެލޭޝިއާގެ ޓޫރިޒަމް މިނިސްޓަރު މުހައްމައްދީން ކެޓާޕީ އާ މަޝްވަރާ ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން ލިމްކޮކްވިންގް ޔުނިވާސިޓީގެ ދައުވަތަކަށް، އެ ޔުނިވާސިޓީގެ ރައީސް އާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ރޭވިފަ އެވެ.

އެ ބައްދަލުވުމުގައި މިނިސްޓްރީ އާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށްޓަކައި ލިމްކޮކްވިންގް ޔުނިވާސިޓީއިން ފުރުސަތު ފަހި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މެލޭޝިޔާއަކީ ދެކުނު އިރުމަތީ އޭޝިޔާ ގައުމުތަކުގެ ތެރެއިން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމެވެ.

އެ މުއްދަތުގައި 11،256 މެލޭޝިޔާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ. އަދި ފާއިތުވެ ދިޔަ އަހަރު މުޅި ޖުމުލަ 22،202 ފަތުރުވެރިން މެލޭޝިޔާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.
ހިޔާލު