Yameen ge massalaiga ithuru heki bas negun anna hafthaaga
image
ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއްގައި--
0 ކޮމެންޓް
 

ޔާމީނުގެ މަނީ ލޯންޑަރިން މައްސަލާގައި އިތުރު ހެކިބަސް ނެގުން އަންނަ ހަފްތާގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މަނީ ލޯންޑަރިން މައްސަލައިގައި ހެކިބަސް ނެގުމުގެ އިތުރު އަޑުއެހުމެއް އަންނަ ހަފްތާގެ އަންގާރަ ދުވަހަށް ތާވަލުކޮށްފި އެވެ.
ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އާދަމް އާސިފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސެޕްޓެމްބަރު 03 ވަނަ ދުވަހުގެ ހެނދުނު 10:30 އަށް އަޑުއެހުމެއް ތާވަލުކޮށްފައިވާ ކަމަށެވެ.

"ސެޕްޓެމްބަރު 03، 10:30 އަށް ރައީސް ޔާމީން މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލުކޮށް، އެމަނިކުފާނުގެ ވަކީލުންނަށް ކޯޓުން ޗިޓު ރައްދުކޮށްފި،" އެ ޓްވީޓުގައި ވެއެވެ.

ޔާމީނުގެ މަނީ ލޯންޑަރިން މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު ވަނީ ތިން މީހެއްގެ ހެކިބަސް ނަގައިފަ އެވެ.

އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މުއައްވިޒު ރަޝީދާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.

އަދީބުގެ ހެކިބަހުގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފައިސާ އަމިއްލަ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާ ހޯދަން ޔާމީން ގުޅުއްވާ ކަމަށެވެ.

"އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާލަން ބޭނުން ކެމްޕޭން އެއްވެސް ފައިސާއެއްގެ ކަމަކު އަޅުގަނޑަށް ރައީސް ޔާމީން 2015 އަކު ނުގުޅުއްވައޭ. އަދި ހަމައެހެންމެ ރިޔާސީ ލޯންޗްކޮޅު [ގޮވޮ ހާދިސާ] އަށް ފަހު ވެސް ކެމްޕޭން ފައިސާ ދިނުމަކަށް އަޅުގަނޑަކަށް ނާންގައޭ. އަދި ހަމައެހެންމެ [އެ ހާދިސާ އަށް ފަހު] އަޅުގަނޑަށް އިތުބާރު ނުކުރާކަން ދޭހަވާނެ އެއްވެސް ކަމެއް [ރައީސް ޔާމީން] ނުކުރައްވައޭ. ހަމަ އެހެންމެ މަސައްކަތުގައި ކުރިއަށް ދިއުމަށް ވަރަށް ގިނައިން ގުޅައި ހެދިއޭ،" އަދީބު ވިދާޅުވި އެވެ.

"އަދި އަޅުގަނޑު ފާހަގަ ކޮށްލަން ހަމަ ނިންމާލަމުން ވެސް، ކެމްޕޭން ފައިސާއެއް ދޭކަށް [ރައީސް ޔާމީން] ނުގުޅުއްވައޭ. އެހެނެއް ނޫނޭ، އެމްއެމްޕީއާރުސީގެ ފައިސާ ކަންތައްތަކުގައި ވަރަށް ގިނައިން ގުޅުއްވާ،" އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ހެކިވެރިންގެ ތެރެއިން ހެކިބަސް ނުނަގާ މިހާރު ތިބީ ހަސަން ލުތުފީ، މުހައްމަދު ވަސީމް އިސްމާއިލް، މޫސާ ޒަމީރު، މުހައްމަދު ލުވޭޒް އަދި މުހައްމަދު ޝަރީފެވެ. އޭގެ އިތުރުން ގިނަ ކިތާބީ ހެކިތަކެއް ވެސް ދައުލަތުން ހުށަހަޅާފައި ވެއެވެ.

ޔާމީނުގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ކުރީގެ ގަވަރުނަރު އަޒީމާ އާދަމާއި ދެ ކިތާބީ ހެއްކެވެ. އެއީ އެމްއެމްއޭ މެދުވެރިކޮށް މަނީ ލޯންޑަރިން އަމަލެއް ނުހިންގާކަން ސާބިތު ކުރަން އެމްއެމްއޭ ނޫސް ބަޔާނަކާއި، އެސްއޯއެފް މެދުވެރިކޮށް ހިންގި ވިޔަފާރި މުއާމަލާތްތަކުގެ ތެރެއިން ހޯދި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ނޫން ކަމަށް ކޯޓުން ކޮށްފައިވާ ހުކުމެކެވެ.

މަނީ ލޯންޑަރިން ދައުވާ އުފުލާފައި ވަނީ ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ހިމެނޭ ބޮޑު ކޮރަޕްޝަނުގެ ތެރެއިން ޔާމީނުގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ވަދެފައިވުމުން އެ ފައިސާ އޭސީސީގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ހެދި އެސްކްރޯ އެގްރީމަންޓާ ހިލާފަށް އެހެން ފައިސާތަކެއް ހަވާލުކުރި ކަމުގެ ތުހުމަތުގަ އެވެ.

އެ ކުށް ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ހިޔާލު