Anhen fandiyaarunnaa dhekolhah hushahelhi "boadhaa visnumah" memberunge varugadha rahdhu!
image
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އަންހެން ފަނޑިޔާރުންނާ ދެކޮޅަށް ހުށަހެޅި "ބޯދާ ވިސްނުމަށް" މެމްބަރުންގެ ވަރުގަދަ ރައްދު!

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެން ކަނބަލުން ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ އިސްލާމްދީނުގެ އަސްލުތަކާއި ހިލާފުކަމެއް ކަމަށް ބުނެ، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ މެމްބަރުން ނުރުހުން ފާޅުކޮށްފި އެވެ.
ކުއްލި މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މައްސަލަ ހުށަހެއްވީ ރާއްޖޭގެ ގިނަ ދީނީ އިލުވެރިންނާއި ބައްދަލުކޮށް އެބޭފުޅުންގެ ހިޔާލު ހޯއްދެވުމަށް ފަހުގައި ކަމަށެވެ.

ނަޝީދު ވިދާޅުވީ ކުއްލި މައްސަލަ ހުށަހެޅީ އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމާއި ގުޅޭ ގޮތުން ރައީސް ސޯލިހަށް ލަފާއެރުވުމުގެ ގޮތުން ކަމަށެވެ. މި އުއްމަތުގެ މުސްލިމުންގެ ފުރަތަމަ ފަސް ޖީލުގައި ވެސް އަންހެނަކު ފަނޑިޔާރުކަން ކޮށްފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކުއްލި މައްސަލާގެ ބަހުސްގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ އިސްލާމީ ތާރީހުގެ ކުރީކޮޅު ދިމާވި އެންމެ ބޮޑު މައްސަލަ ދިމާވީ ހުދައިބިއްޔާ ދުވަހުގައި ކަމަށެވެ. އަދި އެހާލަތުގަ އިސްލާމީ އުންމަތް ހަމައަކަށް އެޅުވީ އަންހެން ކަނބަލެއްގެ ލަފަޔަށް ބަރޯސާވެގެން ކަމަށް ވަހީދު ވިދާޅުވި އެވެ.

އަދި ފިގުހީ އެންމެ ބޮޑެތި މައްސަލަތަކުގެ ހަދީސް ރިވާކުރައްވާފައި ތިއްބެވީ އަންހެން ކަނބަލުން ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. ވަހީދު ވިދާޅުވީ އަންހެނުން ފަނޑިޔާރުކަން ކުރުމާއި ދެކޮޅަށް ވާހަކަދައްކާ ފަރާތްތަކުން އުޅެނީ ބިރު އުފައްދަން ކަމުގައެވެ.

އަންހެނުންގެ ދައުރު މަޖިލީހުގެ އިދާރީ މޭޒުން ވެސް ފެނިގެންދާ ކަމަށާއި އެމްޑީޕީގެ މަސައްކަތްތަކުގައި ވެސް ފިރިހެނުންނަށް ވުރެ އަންހެނުންގެ ދައުރު މާ ބޮޑު ކަމަށް ވަހީދު ވިދާޅުވި އެވެ. ވަހީދު ވިދާޅުވީ އެސަބަބަށްޓަކައި އެމްޑީޕީން އަބަދު ވެސް ޖިންސީ ހަމަހަމަ ކަމަށް ވަކާލާތު ކުރާނެ ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ވެސް އެކި ސިނާއަތްތަކުގައި ފިރިހެނުންނާއި އެއްވަރަށް އަންހެނުނަށް ފުރުސަތު ހޯދައިދިނުމަށް ވައުދުވެފައިވާކަން ވަހީދު ފާހަގަކުރެއްވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އަންހެނުނަށް ފަނޑިޔާރުކަން ދިނުމަކީ އިސްލާމް ދީނުގައި ހިލާފު އުފެދިފައިވާ ކަމެއްކަން ސާފުވާ ކަމަށެވެ. މިކަމުގައި އެކި ރައުޔުތައް ވާއިރު ރާއްޖެއިން ހިފަންވީ އެންމެ ފުޅާ ދާއިރާއެއްގައި އަންހެނުނަށް ފުރުސަތު ފަހިވާ ރައުޔުގައި ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ އަންހެނުންނަށް ފުރުސަތު ހަނިކުރުމަށް އޮތް ކޮޅެއްގައި ހިފާ ދަމާ ސަގާފަތް ދޫކޮށްލަން ޖެހޭ ކަމަށެވެ. އަދި އަންހެނުނަނަށް ފުރުސަތު ހޯދައިދިނުމުގައި މުސްލިމް އެހެން ގައުމުތަކަށް ބަލާއިރު ރާއްޖެ އޮތީ ވަރަށް ފަހަތުގައި ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

އެގޮތުން މެލޭޝިއާ އަދި ޕާކިސްތާންގެ އުއްތަމަ ފަނޑިޔާރުންނަށް ތިއްބެވީ އަންހެން ބޭކަނބަލުންކަމާއި ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުގައި ހަތް އަންހެން ފަނޑިޔާރުން ތިބިކަން ރޮޒައިނާ ފާހަގަކުރެއްވި އެވެ. ރޮޒައިނާ ވިދާޅުވީ ބައެއް އިސްލާމީ ގައުމުތަކުގައި 1960 އިން ފެށިގެން އަންހެނުން ފަނޑިޔާރުކަން ކުރަމުން އަންނަ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ރައީސް ސޯލިހް ދެ އަންހެނުންގެ ނަން ހުށަހެޅުމަކީ މުޅި ގައުމު އަތް ޖަހަން ޖެހޭނެ ކަމެއް ކަމަށާއި އަންހެން ދަރިންނަށް ފުރުސަތު ހޯދައިދިނުމަށް މުޅި މަޖިލިސް އެކީ ތެދުވާން ޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ކުއްލި މައްސަލައާ ބެހޭ ގޮތުން ބަހުސްކުރައްވަމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވީ އަންހެނުންނާއި މެދު ނިކަމެތިކޮށް ވިސްނާ ބަޔަކު އުޅޭތީ އެކަމާ ހިތާމަކުރާ ކަމަށެވެ. އަދި ރައީސްގެ ނިންމުމަށް ތާއީދުކުރާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

ރާއްޖެއަކީ މުސްލިމް ގައުމަކަށް ވާއިރު، ވައްކަމަށް ދީނުން ކަނޑައަޅާފައިވާ ހައްދު ކަމުގައިވާ އަތް ބުރި ކުރުން ރާއްޖޭގައި ނޯންނަނީ ކީއްވެތޯ ޖާބިރު ވަނީ ސުވާލު އުފައްދާފަ އެވެ. އެގޮތަށް އަމަލުކުރާނަމަ އަތްފައި ހުންނާނީ ވަރަށް މަދު މީހެއްގެ ކަމަށް ޖާބިރު ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސަކަށް އަންހެން ބޭފުޅަކު އިންނެވީތީ އެކަމާ އުފާކުރާ ކަމަށާއި ސުޕްރީމް ކޯޓުގައި އަންހެން ފަނޑިޔާރުން ތިބުމާއި ދެކޮޅު ފަރާތަތަކުން ދައްކަނީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ވަޒީރުންގެ މަޖިލީހާއި ގާނޫނު ހަދާ މަޖިލީހުގައި ވެސް އަންހެން ބޭފުޅުންގެ މަސައްކަތް މާ ރަނގަޅު ކަމަށެވެ. އަދި އަންހެން ބޭފުޅުންނަށް ހުރަސް އެޅޭ އެއްވެސް ކަމެއް އޮވެގެން ނުވާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ބައިނަލްއަގްވާމީ އިސްލާމީ ޖަމްއިއްޔާތަކުން، އަންހެނުނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށް އެއްބަސްވާ ކަމަށެވެ. އަދި އެއީ އިސްލާމްދީނާ ހިލާފުކަމެއް ނޫން ކަމަށާއި އެކަން ހިލާފު ވަނީ ބޯދާ ވިސްނުމާއި ކަމަށް އީވާ ވިދާޅުވި އެވެ.

ގާނޫނު އަސާސީ އިސްލާހު ކުރަމުން ދިޔަ ދުވަސްވަރުގައި، ދިވެހިރާއްޖޭގެ ވެރިކަމާ އަންހެނަކަށް ހަވާލުވެވޭނެ ގޮތަށް ގާނޫނަށް އިސްލާހެއް ގެނެސްފައިވާކަން އީވާ ފާހަގަކުރެއްވި އެވެ.

"މީކީ ގާނޫނާއި ހިލާފު ކަމެއް ވެސް ނޫން، މީކީ އިސްލާމް ދީނާއި ހިލާފް ކަމެއް ވެސް ނޫން. މި ހިލާފު ވަނީ ހަމައެކަނި ގަދީމީ ބޯދާ ވިސްނުމުގެ މީހުންގެ ވިސްނުމާ އެކަނި މި ހިލާފު ވަނީ. އަންހެނުންނަށް ނަފްރަތު ކުރާ މީހުންގެ ވިސްނުމާއި މި ހިލާފް ވަނީ. އަންހެނުންގެ ބާރުވެރި ކަމަށް ބިރު ގަންނަ މީހުންގެ ވިސްނުމާއި އެކަނި މިކަންކަން ހިލާފު ވަނީ،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ރައީސް ސޯލިހް ދެ އަންހެނުންގެ ނަން ފޮނުވުމަކީ ބުއްދިވެރި ކަމެއް ކަމަށާއި އެއީ ކުރަން މަޖުބޫރު ކަމެއް ކަމަށެވެ. އީވާ ވަނީ ކުއްލި މައްސަލަ ހުށަހެޅުއްވި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އެގޮތުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެތައް މަގާމުތަކެއްގައި އަންހެން ބޭފުޅުން ތިއްބަވާނެ ކަމަށާއި އެކަމަށް މެމްބަރު ނަޝީދު ފަރިތަވުމަށް އީވާ ވަނީ އެދިވަޑައިގެންފަ އެވެ. އަދި ދެން އޮންނަ މަޖިލީހުގެ ދައުރެއްގައި ނޮޅިވަރަމް ދާއިރާއަށް އަންނާނީ އަންހެނެއް ކަމަށް އީވާ ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވި ގޮތުގައި މިއަދު ހުށަހެޅި ކުއްލި މައްސަލައަކީ "ޓޯރާބޯރާގެ ހޮހަޅައަކުން" އައި މައްސަލައެކެވެ. އަދި މި މައްސަލައަކީ އަންހެނުންނަކީ ފިރިހެނުންނަށް ވުރެ އިންސާނިއްޔަތުކަމުގެ ގޮތުން ދަށު ދަރަޖައެއްގައިވާ ބައެއްގެ ގޮތުގައި ދޭހަވާ ގޮތަށް ހުށަހެޅިފައިވާ މައްސަލައެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.

"އަންހެނެއްގެ ރަހިމުގައި ނުވަ މަސްކޮށް، އޭނާ ވިހޭމާ ދުނިޔެއަށް އައިސް، އަންހެނަކު ކާން ދިނީމާ ކައިގެން، ބޯން ދިނީމާ ބޮއެގެން، ރަނގަޅަށް ތަރުބިއްޔަތުވެ، ރަނގަޅަށް ގައިގާ މަސްޖަހާލާ ބޮޑުވީމާ ދެން މިބުނަނީ އޭނައާ ދިމާލަށް ތީ އިންސާނެއް ނޫނޭ. މިއީ ކިހާ ލަދުވެތި ކަމެއްތޯ؟،" ކުއްލި މައްސަލައާ ބެހޭ ގޮތުން ބަހުސް ކުރައްވަމުން މީކާއީލް ވިދާޅުވި އެވެ.

މިފަދަ ކުއްލި މައްސަލައެއް ހުށަހެޅުމަކީ އަންހެން ދަރިއަކު ހުރި އިންސާނަކު ލަދު ގަންނަން ޖެހޭނެ ކަމެއް ކަމަށް މީކާއިލް ވިދާޅުވި އެވެ. މީކާއިލް ވިދާޅުވީ މިފަދަ މައްސަލައަކީ 21 ވަނަ ގަރުނުގައި ރާއްޖޭގައި ބަހުސް ކުރެވިގެން ނުވާނެ މައްސަލައެއް ކަމަށެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ ވަނީ މިކަމުގައި ދީނީ އިލްމުވެރިން ބަހުސްކުރަމުން ދާތީ އެބޭފުޅުންނަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރާއްޖޭގެ ކޯޓުތަކުން ނާއިންސާފުން މައްސަލަތައް ނިންމަމުން ދިޔައިރު އިލްމުވެރިން ހަނު ތިއްބެވި ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

އަދި އޭރުވެސް ގެއްލުނު ހައްގުތައް ހޯދައިދިނުމަށް ނިކުމެ އުޅުނީ އަންހެން ބޭކަނބަލުން ކަމަށާއި އެކަމުގައި އަނިޔާތައް ތަހައްމަލުކުރި ކަމަށް ވެސް އިމްތިޔާޒް ވިދާޅުވި އެވެ. ފަސް ފިރިހެން ފަނޑިޔާރުންގެ ތެރޭގައި އެންމެ ދެ އަންހެން ފަނޑިޔާރުން އިނުމަކީ މައްސަލައެއް ނޫން ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

ކުއްލި މައްސަލައާ ބެހޭ ގޮތުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ އެ މައްސަލާގައި ބަޔާންކޮށްފައި ވަނީ "ރޯބުހުތާން ދޮގު" ކަމަށެވެ. މަޖިލީހުގައި ތިއްބެވި ހަތަރު އަންހެނުންނަކީ ބާކީ ތިއްބެވި 83 ފިރިހެނުންނާއި އެއް ވަރަށް މަސައްކަތް ކުރާ ބައެއް ކަމަށް ޖީހާން ވިދާޅުވި އެވެ.

ޖީހާން ވިދާޅުވީ ރާއްޖޭގައި މާސްޓާސް އަދި ޑިގްރީއާ ހަމައަށް ކިޔަވާފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ އަންހެނުން ކަމަށެވެ. އަދި ޕީއެޗްޑީ ހަދަމުންދާ މީހުންގެ ތެރޭގައި ވެސް އެންމެ ގިނައީ އަންހެނުން ކަމަށް ޖީހާން ވިދާޅުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ކުއްލި މައްސަލާގައި، އިސްލާމް ދީނުގެ އަސްލު ކަމަށް ބަޔާންކޮށްފައި ވަނީ މައްސަލަ ހުށަހެޅި މެމްބަރަށް ފެނިވަޑައިގަންނަވާ ކަންތައްތަކެއް ކަމަށެވެ. އަދި ރާއްޖޭގައި އަންހެނަކު ފަނޑިޔާރުކަން ކުރުން އެއީ މައްސަލައެއްގެ ގޮތުގައި މެމްބަރަށް ފެނިވަޑައިގަތީ ކީއްވެ ކަމެއް މައްސަލާގައި ބަޔާންކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުގެ ހުށަހެޅުމަށް މި މައްސަލައަށް ބަހުސްކުރުމުގެ ވަގުތު ވެސް ވަނީ އިތުރުކޮށްފަ އެވެ. އެ ހުށަހެޅުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ވަނީ ތާއީދުކުރައްވާފަ އެވެ. މަޖިލީހުން އެގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 43 މެމްބަރުންގެ އިއްތިފާގުންނެވެ.

ބަހުސްގައި ގިނަ އަދަދެއްގެ މެންބަރުން ވަނީ ރައީސް ސޯލިހްގެ ނިންމުމަށް މަރުހަބާ ކިޔާ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އެއީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި މެމްބަރުން ވަނީ ސިފަކޮށްފަ އެވެ.
ހިޔާލު