Schoolun vakivi 65 kujjehge massala Juvenile Justice Unit ah
image
ޖުވެނައިލް ޔުނިޓް--
0 ކޮމެންޓް
 

އެކި ސަބަބުތަކާ ހެދި ސްކޫލުން ވަކިވި 65 ކުއްޖެއްގެ މައްސަލަ ޖުވެނައިލް ޖަސްޓިސް ޔުނިޓަށް

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެކި ސަބަބުތަކާހުރެ ސްކޫލުން ވަކިވި 65 ކުއްޖެއްގެ މައްސަލަ ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހަޅާފައިވާ ކަމަށް އެ ޔުނިޓުން ބުނެފި އެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ އެ ޔުނިޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ގާނޫނާ ހިލާފުވެގެން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހަޅާފައި ވަނީ 155 ކުއްޖެއްގެ މައްސަލަ އެވެ. އެ އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ ހަމަހާ އަޅާބަލާއިރު 17.6 އިންސައްތަ ދަށް އަދަދެކެވެ.

ފާއިތުވި ހަ މަސް ދުވަހު ކުށް ތަކުރާރުކޮށްގެން ހުށަހެޅިފައި ވަނީ 79 ކުއްޖެއްގެ މައްސަލައެވެ. އެންމެ ގިނައިން ހުށަހެޅިފައި ވަނީ އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުށަހެޅި މައްސަލަތަކުގެ 95 އިންސައްތަ އަކީ ފިރިހެން ކުދިންގެ މައްސަލަތަކެވެ. އަދި މިއަހަރުގެ މިހާތަނަށް އެކި ސަބަބުތަކާހުރެ ސްކޫލުން ވަކިވި 65 ކުއްޖެއްގެ މައްސަލަ އާއި ސްކޫލް ނިންމާފައިވާ 39 ކުއްޖަކާއި ސްކޫލްގައި ތައުލީމް ހާސިލުކުރަމުންދާ 29 ކުއްޖެއްގެ މައްސަލަ ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހަޅާފައި ވެއެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހުށަހެޅި މައްސަލަތަކުގައި ގިނައީ ސްކޫލްގައި ތައުލީމް ހާސިލްކުރަމުން ދިޔަ ދަރިވަރުންގެ މައްސަލަތަކެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކެވެ. އެގޮތުން އެފަދަ 55 ކުއްޖެއްގެ މައްސަލަ ހުށަހެޅިފައި ވެއެވެ.

އޭގެ އިތުރުން ވައްކަމާއި، ފޭރުމާއި، މާރާމާރީގެ މައްސަލަތައް ވެސް ހުށަހެޅިފައި ވެއެވެ. ތޫނު ހަތިޔާރު ގެންގުޅުމުގެ މައްސަލަތަކުގެ ގޮތުގައި މިއަހަރު ހުށަހެޅުނީ އެންމެ ހަތަރު މައްސަލައެވެ. މިދިޔަ އަހަރު ވަނީ އެފަދަ 13 މައްސަލައެއް ހުށަހަޅާފަ އެވެ.
ހިޔާލު