Vujoodhuga neiy fiqh academy akun baheh bunaanee kihineh?
image
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މިހާރު
0 ކޮމެންޓް
 

ވުޖޫދުގައި ނެތް ފިގުހު އެކެޑެމީއަކުން ބަހެއް ބުނާނީ ކިހިނެއް؟

ފާއިތުވި ފަސް އަހަރަކީ ރާއްޖޭގެ ގިނަ ގާނޫނުތަކަށް ބަދަލު ގެނެސް، ގިނަ އާ ގާނޫނުތަކެއް އުފެއްދި ފަސް އަހަރެވެ. އެގޮތުން އޭޕްރިލް 2016 ގައި ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގެ ނަމުގައި އަމަލުކުރަން ފެށި ގާނޫނާއެކު، އޭރު އޮތް ފިގުހު އެކެޑެމީ ވަނީ "އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް" އަށް ބަދަލުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު އެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކައަކުން ސުވާލު އުފެދުނީ އެހެންވެ އެވެ. މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އަންހެނުން ފަނޑިޔާރު ކަމަށް އައްޔަނު ކުރުމުގެ މައްސަލާގައި ފަތުވާ މަޖިލިހަށް ވުރެ ފިގުހު އެކެޑެމީން ބަހެއް ބުނުން މާ އައުލާކަން ބޮޑު ކަމަށެވެ.

"ފަތުވާ މަޖިލީހަކީ އިސްލާމިކް މިނިސްޓްރީގެ ދަށުގައިވާ މަޖިލީހެއް. ހަގީގަތުގައި މި ރާއްޖޭގައި މިފަދަ މައްސަލަތަކުގައި ބަހެއްް ބުނުމަށް އެންމެ އައުލާކަން ބޮޑީ ފިގުހު އެކަޑަމީ،" މި މައްސަލާގައި "ފެން ހިފޭ" އެއްވެސް ޖަމާއަތަކުން އަދި އެއްޗެއް ބުނެފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެހެން ވިދާޅުވިއިރު، ރާއްޖޭގެ ފިގުހު އެކެޑެމީ އުވިފައި އޮންނަތާ މިހާރު ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ފިގުހު އެކެޑެމީ އަކީ ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އުފެއްދި ތަނެކެވެ. އެތަނުން ވަނީ ސިހުރާއި، ޖިހާދަށް ދިޔުމާއި، މުސްލިމުން ފައްޅިތަކަށް ދިޔުން ފަދަ މައްސަލަތަކުގައި ފަތުވާ ނެރިފަ އެވެ.

އޭރު އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގި ފިގުހު އެކެޑެމީގެ ރައީސަކީ މަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އެވެ. އެ އެކެޑެމީ އުވާލުމަށް ފަހު ކުރީގެ ރައީސް. ޑރ. މުހައްމަދު ވަހީދު ވެސް އަލުން ވަނީ ފިގުހު އެކެޑެމީ އުފައްދަވާފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ ފުރަތަމަ ތިން އަހަރު ވެސް ފިގުހު އެކެޑެމީ އޮތެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އެ އެކެޑެމީގައި ތިއްބެވި އަދާލަތު ޕާޓީގެ ހުރިހާ ބޭފުޅުން ވަކި ކުރުމަށް ފަހު، އެކެޑެމީގެ ރައީސަކަށް ހަމަޖެއްސީ ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމެވެ. އަދި ނައިބު ރައީސަކަށް ހަމަޖެއްސީ އިބްރާހިމް ރަޝީދު މޫސާ އެވެ.

އެކަމަކު 2016 ވަނަ އަހަރު ގާނޫނަށް ގެނައި ބަދަލާއެކު 16 މެމްބަރުންގެ ފިގުހު އެކެޑެމީ ބަދަލުވެގެން ދިޔައީ ފަސް މެމްބަރުން ހިމެނޭ ފަތުވާ މަޖިލިހަށެވެ. އެއީ ރައީސް އައްޔަނު ކުރާ ދެ މެމްބަރުންނާއި، އުއްތަމަ ފަނޑިޔާރު އައްޔަނު ކުރާ ފަނޑިޔާރަކާއި، އިސްލާމިކް ޔުނިވާސިޓީގެ ބޯޑު މެމްބަރަކާއި، އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ މެމްބަރެކެވެ.

އެތަނުގެ މެމްބަރުންނާއި، ރައީސް އަދި ނައިބު ރައީސް އައްޔަނު ކުރަނީ ފަސް އަހަރުގެ ދައުރަކަށެވެ. އަދި އެތަން ހިނގަމުން ދާނީ އިސްލާމިކް މިނިސްޓްރީގެ ދަށުންނެވެ. އަދިވެސް އެތަނުގެ ރައީސަކީ ކުރީގެ ރައީސް ޔާމީން އައްޔަނު ކުރެއްވި ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމެވެ.

އަންހެން ފަނޑިޔާރުންގެ މައްސަލާގައި ފަތުވާ މަޖިލީހަށް ވުރެ ފިގުހު އެކެޑެމީން ބަހެއް ބުނުން މާ އައުލާކަން ބޮޑު ކަމަށް ނަޝީދު ވިދާޅުވީ ފަހަރެއްގައި އޮޅުމަކުން ކަމަށް ވެސް ވެދާނެ އެވެ. މިއީ ރައްޔިތުންގެ މަޖިލީހަށް ފިގުހު އެކެޑެމީއާ ގުޅޭ ގޮތުން އޮޅުމެއް އެރި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ.

ފިގުހު އެކެޑެމީ އުވުނު ފަހުން، އޯގަސްޓް 2016 ގައި ވެސް ފިގުހު އެކެޑެމީގެ މެމްބަރުން މަޖިލީހަށް ހާޒިރުކުރި އެވެ. އެފަހަރު މަޖިލީހަށް ހާޒިރުވީ އެކެޑެމީގެ މެމްބަރުންގެ ގޮތުގައި އޭރު ތިއްބެވި އިބްރާހިމް އަހުމަދާއި މުހައްމަދު ލަތީފާއި އިބްރާހިމް ރަޝީދު މޫސާ އަދި މުސާއިދު ހަސަން ތައުފީގެވެ.

އޭރު ފިގުހު އެކެޑެމީ މަޖިލީހަށް ހާޒިރު ކުރިއިރު، އެ އަހަރުގެ އޭޕްރިލް މަހު ދީނީ އެއްބައިވަންތަކަމުގެ ގާނޫނު ތަންފީޒު ކުރަން ފެށުމާއެކު އެތަން ވަނީ އުވިފަ އެވެ. އަދި އޭގެ ބަދަލުގައި އޮތީ ފަތުވާ މަޖިލިހެވެ. އެކަމަކު، މަޖިލީހުން ދައުވަތު ދިނީ ވުޖޫދުގައި ނެތް "ފިގުހު އެކަޑަމީ" އަށެވެ.

އެހެންކަމުން މަޖިލީހުގައި މިއަދު ނަޝީދު ދެއްކެވި ވާހަކައިން ވެސް ދޭހަވަނީ ވުޖޫދުގައި ނެތް ތަނެއް ވުޖޫދުގައި އަދިވެސް އޮތްހެން ހީވެގެން އުޅޭ ކަމެވެ. ވުޖޫދުގައި ނެތް ތަނަކުން އަންހެނުން ފަނޑިޔާރު ކަމަށް އައްޔަނު ކުރުމުގެ މައްސަލާގައި ބަހެއް ބުނާނީ ވަކި ކިހިނެއް ހެއްޔެވެ؟
ހިޔާލު