Supreme Court ah fandiyaarun ayyankurun mireyah agenda kohfi
image
މިރޭ ބާއްވާ ޖަލްސާގައި ފަނޑިޔާރު ކަމަށް ރައީސް ފޮނުއްވި ދެ ބޭފުޅުންގެ ނަން ފާސްކުރަން އަހާނެ.-- ފޮޓޯ: މަޖިލިސް
0 ކޮމެންޓް
 

ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން އެ ކޯޓަށް ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމާއި މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމަށް، އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީ އަށް މިރޭ ފޮނުވައިފި އެވެ.
ގާނޫނު އަސާސީގައި އޮންނަ ގޮތުން ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ، މަޖިލީހަށް ފޮނުއްވާ ނަންތައް މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ. އެގޮތުގެ މަތިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ ދެ ބޭފުޅުން ސްޕްރީމް ކޯޓަށް އައްޔަން ކުރުމާއި ގުޅޭގޮތުން ޖޭއެސްސީގެ ލަފަޔަކަށް ބުރާސްފަތި ދުވަހު އެދިވަޑައިގެންނެވުމުން، މިއަދު އެ ކޮމިޝަނުން ވަނީ އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ރައީސް އަށް ލަފާ ދެއްވައިފަ އެވެ.

މިރޭ 21:00 ގައި ފެށި މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން އެ މައްސަލަ ކޮމިޓީ އަށް ފޮނުވުމަށް ފަހު ވޯޓަށް އެހުމުގެ ކުރިން މެމްބަރުންނަށް ތިން ދުވަސް ދޭން ޖެހޭ ކަމަށެވެ.

ޖޭއެސްސީން ޝުޖޫން އާއި އަޒްމިރަލްދާ އައްޔަން ކުރުމަށް ލަފާ ދިނުން:

ޖޭއެސްސީން ވަނީ ރައީސް ފޮނުއްވި ދެ ނަމުގެ އިތުރުން ވެސް، އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލައިފަ އެވެ. އަދި ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ހަތަރު ފަނޑިޔާރަކު ކުރިމަތިލެއްވި އެވެ.

އެގޮތުން ރައީސް ފޮނުންވި ދެ ނަމުގެ އިތުރުން އެ މަގާމަށް ކުރިމަތިލީ ހައިކޯޓުގެ ހަތަރު ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒަށް ޖޭއެސްސީން ރޭ އިންޓަވިއު ކުރި އެވެ.

ރައީސް ހުށަހެޅުއްވި ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ލަފާ އެރުވީ އިންޓަވިއު އަށް ފަހު، ޖޭއެސްސީން އެކުލަވާލި ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝަރުތު ފުރިހަމަވި ބޭފުޅުން ކަނޑައެޅުމަށް އެކުލަވާލި ކޮމިޓީންނެވެ. އެގޮތުން އެ ކޮމިޓީން ތައްޔާރުކުރި ރިޕޯޓް މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ބަލައިގަތުމަށް ފާސްކޮށް، އެ ރިޕޯޓުގައި އޮތް ގޮތަށް، ރައީސް ފޮނުއްވި ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރުމަށް ލަފާ އެރުވީ އެވެ.

މިއީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އައްޔަން ކުރުމަށް ދެ އަންހެން ބޭފުޅެއްގެ ނަން، ރާއްޖޭގައި ނޮމިނޭޓް ކުރެވުނު ފުރަތަމަ ފަހަރެވެ.

އޭގެ ތެރެއިން ޑރ. އަޒްމިރަލްދާ އަކީ މިހާތަނަށް ރާއްޖޭގެ ހައި ކޯޓުގައި ފަނޑިޔާރު ކަން ކުރެއްވި ހަމައެކަނި އަންހެން ފަނޑިޔާރެވެ. އަދި ޕީއެޗްޑީ ހައްދަވައިގެން ރާއްޖޭގައި ފަނޑިޔާރުކަން ކުރެއްވި ދެ ބޭފުޅުންގެ ތެރޭގައި ވެސް ޑރ. އަޒްމިރަލްދާ ހިމެނެ އެވެ. އަޒްމިރަލްދާގެ އިތުރުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ފަނޑިޔާރަކީ މިހާރުގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޝުޖޫން އަކީ ރާއްޖޭގައި އައްޔަން ކުރެވުނު ފުރަތަމަ އަންހެން ދެ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅެކެވެ. އަދި އޭނާ އަކީ މިހާރު ދާދިފަހުން އިންތިހާބު ކުރެވުނު ބާ ކައުންސިލްގެ މެމްބަރެކެވެ.

ޑރ. އަޒްމިރަލްދާ އާއި ޝުޖޫން އަކީ ކުރިން އަމިއްލަ އަށް މަގާމުން އިސްތިއުފާ ދެއްވި ފަނޑިޔާރުންނެވެ. އެގޮތުން ޑރ. އަޒްމިރަލްދާ ހައިކޯތުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ 2016ގަ އެވެ. އަދި ސިވިލް ކޯޓުގެ ގާޒީ ކަމުން ޝުޖޫން އިސްތިއުފާ ދެއްވީ 2015ގަ އެވެ.
ހިޔާލު