Idhikolhugai iss koh thibi gina beyfulhunthakeh JP ah
image
އިދިކޮޅުގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން މިރޭ ޖޭޕީ އަށް ސޮއި ކުރުމުގެ ތެރެއިން.-- ފޮޓޯ: އަވަސް
1 ކޮމެންޓް
 

އިދިކޮޅުގައި އިސްކޮށް ތިބި ގިނަ ބޭފުޅުންތަކެއް ޖޭޕީ އަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ގިނަ ބޭފުޅުންތަކެއް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަށް މިރޭ ސޮއި ކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް، ކުނޫޒްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިރޭ އެ ޕާޓީ އާ ގުޅުނު ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީނުގެ ސަރުކާރުގައި ނައިބު ރައީސްކަން ކުރެއްވި އަބްދުﷲ ޖިހާދު އާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދުގެ އިތުރުން ކުރީގެ ގިނަ މެމްބަރުންތަކެއް ހިމެނެ އެވެ.

އެގޮތުން ރައީސް ޔާމީނުގެ ވެރިކަމުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ކުރެއްވި، ވިލިމާލެދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން އާއި ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލުގެ އިތުރުން ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް ވެސް މިރޭ ވަނީ ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރައްވައިފަ އެވެ. އަދި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރުކަން އިބްރާހިމް ފަލާހު އާއި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އައްސަދު ވެސް މިރޭ ވަނީ ޖުމްހޫރީ ޕާޓީ އަށް ސޮއި ކޮށްފަ އެވެ.

ފަލާހު މިއަދު "ސީއެންއެމް" އަށް ވިދާޅުވީ މިރޭ ސޮއި ކުރާ ބޭފުޅުންގެ އިތުރުން، ރައީސް ޔާމީން ފަހުން އުފެއްދެވި ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވެސް އަންނަ ހަފްތާގެ ތެރޭގައި ޖޭޕީ އަށް ސޮއި ކުރައްވާނެ ކަމަށެވެ. ނަމަވެސް ފަހުން އެހެން ބައެއް މީޑިއާތަކުގައި އަދުރޭ ވަނީ އެކަން ދޮގުކޮށްފަ އެވެ.

ޖޭޕީ އަށް ގުޅެން ނިންމީ، މިވަގުތު ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ފެންނާތީ ކަމަށް ފަލާ ވިދާޅުވި އެވެ. އޭގެ އިތުރުން ގުޅިގެން ގައުމު ތަރައްގީ ކުރުމަށް މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށާއި، އެކަން ކުރެވޭނީ ވެސް ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖޭޕީގެ ތެރެއިން ކަމަށް ފަލާ ގަބޫލުކުރައްވަ އެވެ. އޭގެ އިތުރުން "މިއީ ބަރާބަރު، އެއް ވަނައިގެ" ސަރުކާރެއް ކަމަށް ވެސް ފަލާ ވިދާޅުވި އެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ތެރެއިން ވެސް ރައީސް ޔާމީނަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ އެ މަނިކުފާނުގެ ޕީޕިއެމް އާއި ޕީއެންސީ ދޫކޮށް، ޖޭޕީ އާ ގުޅިފަ އެވެ.
ހިޔާލު

މުސްތަފާ

އަވަހަށް ދެން މިމީހުންނަށް ސަރުކާރުގެ ބޮޑެތި މަގާމުތައްދީ، ކޯލިޝަން ސަރުކާރެއްވީމަ ދެން މިމީހުން މިސާފުވީ. ބުނެލަން އޮތީ ތިފާޑަށް ޖަރީމާ ހިންގާފަ ދެން ރައްޔިތުން ކައިރިއަށް ވޯޓް ހޯދަން ނާއްނައްޗޭ. ރައްޔިތުން މިތިބީ ހުރިހާ ކަމެއްބަލަން.