Raees Yameen dhookoh dhiya membarunnaai JP ah faadukiyanee!
image
މެމްބަރުން ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސޯޝަލް މީޑިއާ
1 ކޮމެންޓް
 

ރައީސް ޔާމީން ދޫކޮށް ދިޔަ މެމްބަރުންނަށާއި ޖޭޕީއަށް ފާޑުކިޔަނީ

ކުރިން ވެރިކަން ކުރި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކުރީގެ އިސް ބައެއް ލީޑަރުން އެ ޕާޓީން ވަކިވެ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ރޭ ސޮއިކޮށްފައި ވާތީ، ސޮއިކުރި މެމްބަރުންނަށާއި ޖޭޕީއަށް ގިނަ ބައެއް ފާޑުކިޔުންތައް ކުރިމަތިވެއްޖެ އެވެ.
ރޭ ޖޭޕީއާ ގުޅިވަޑައިގަތީ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަސްއަދާއި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާންގެ އިތުރުން ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އިބްރާހިމް ފަލާހުގެ އިތުރުން ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެންމެ ފަހުން ނައިބް ރައީސްކަން ކުރެއްވި އަބްދުﷲ ޖިހާދު އަދި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.

އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ ދުވަހަކު ވެސް ރައީސް ޔާމީން ދޫކޮށް ވަޑައިނުގަންނަވާނެ ކުރިން ވިދާޅުވެފައިވާ ފަރާތްތަކެވެ. އެހެންވެ އެ މީހުންނަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކާއި މިހާރު އިދިކޮޅުގައި އޮތް ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނަށް ތާއީދު ކުރާ ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެގޮތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ވެއްޓި ބަލިކަށިވާ ދުވަހު، ޔާމީނު ކައިރީގައި އޭރު ތިއްބެވި އެންމެން ދުރަށް ދާނެ ކަމަށް ކުރިން 15 ވަރަކަށް ފަހަރު ވާހަކަ ދައްކަމުން ވިދާޅުވެފައިވާނެ ކަމަށެވެ.

އޭގެ އިތުރުން ވެސް ބައެއް މެމްބަރުން ޕީޕީއެމް ދޫކޮށް ވަޑައިގަތުމުގެ ކުރިން ދައްކަވާފައިވާ ވާހަކަތަކުގެ ހަނދާންތައް އާކޮށް އެކަމަށް ވެސް ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން ގާސިމް އިބްރާހީމް ރިސޯޓު ހިންގަވަނީ ނުހައްގުން ހޯއްދަވާފައިވާ ރަށްތަކުގައި ކަމަށް ނިހާން ވިދާޅުވެފައިވާތީ އެކަމަށް ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

މެމްބަރުން ޖޭޕީއަށް ސޮއި ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ފޮޓޯއެއް ހިއްސާކޮށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅު ކަނޑަން ގޮވި މީހާ އެކުރި ނުބައިކަމުގެ ބަރުދަނުން މޮޅު ސިޔާސީ މީހެއްގެ ގޮތުގައި ކިރީމާ ހައިރާން ވެއްޖެ" ކަމަށެވެ.

ރައީސް މައުމޫނަށް ތާއީދު ކުރައްވާ އަދި ކުރިން ޕީޕީއެމްގެ ކައުންސިލު މެމްބަރުކަން ކުރެއްވި އައިމިނަތު ނާދިރާ ވަނީ އެ މެމްބަރުންގެ ކޮރަޕްޝަނުގެ މައްސަލަތައް ބެލުން އަވަސް ކުރުމަށް ވެސް ގޮވާލައްވާފައެވެ.

ޖޭޕީގެ މެމްބަރުންގެ ގޮތުގައި އެ މެމްބަރުން ބަލައިގަނެފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އެޕާޓީއަށް ވެސް އަމާޒުވެފައެވެ. އަދި ސަރުކާރު ކޯލިޝަނުން ޖޭޕީ ބޭރު ކުރުމަށް ވެސް ބައެއް ފަރާތްތަކުން ގޮވާލަމުން އަންނައިރު ޖޭޕީގެ ލީޑަރު ވިދާޅުވީ ކޯލިޝަނުން ޖޭޕީ ބޭރުކުރަންދެން ތިބޭނެ ކަމަށާއި ޖޭޕީ ބޭނުން ވަނީ ޕާޓީ ބޮޑު ކުރަން ކަމަށެވެ.

އެ ޕާޓީއަށް ތާއީދު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެ މެމްބަރުން ޖޭޕީއާ ގުޅިވަޑައިގަތް މަންޒަރަކީ އުފާވެރި މަންޒަރެކެވެ. ސިޔާސީ ތަޖުރިބާކާރުންނާއި ދައުލަތުގެ އިސް މަގާމުތައް ފުރުއްވި ބޭފުޅުން ޖޭޕީއަށް ގުޅިވަޑައިގަތުމަކީ ޕާޓީގެ ކުރިމަގު އުޖާލާވެގެންދާނެ ކަމެކެވެ.

މެމްބަރުން ރައީސް ޔާމީނު ދޫކޮށް ވަޑައިގެންފައި މިވާ ދަނޑިވަޅަކީ މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް އުފުލާ ޝަރީއަތް ކުރެވެމުންދާ ދަނޑިވަޅެކެވެ. އެ ދައުވާ އުފުލާފައި ވަނީ ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ހިމެނޭ ބޮޑު ކޮރަޕްޝަނުގެ ތެރެއިން ޔާމީނުގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ވަދެފައިވުމުން އެ ފައިސާ އޭސީސީގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ހެދި އެސްކްރޯ އެގްރީމަންޓާ ހިލާފަށް އެހެން ފައިސާތަކެއް ހަވާލުކުރި ކަމުގެ ތުހުމަތުގަ އެވެ.

އެ ކުށް ސާބިތުވެއްޖެ ނަމަ ޔާމީނުގެ މައްޗަށް ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ހިޔާލު

ޒިނާ

ގައުމުގައި ހިނގި އެންމެ ބޮޑެތި ޖަރީމާތައް ހިންގައި މާލީގޮތުންނާއި ސިޔާސީގޮތުން ނުހައްގުން މުއްސަނދިވެ އާރާއި ބާރުގައި އުޅެ ވެރިކަން ބީވި ދުވަހު ހުރިހާކަމަކަށް ޒިންމާވެ ޖަލުގޮޅީގައި ޔާމީނު އެކަނިކޮށްފައި ގާސިމުގެ ނިވަލަށް ވަނީ ހިތުން ސަލާމަތް ވެވޭނެ ކަމުގެ މޮޔަ ވިސްނުމުގައިބާ ؟