Dhekolhah kulhey siyaasee kulhuntherin
image
ރޭ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރި ބައެއް ބޭފުޅުން-- ފޮޓޯ: ޖޭޕީ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ދެކޮޅަށް ކުޅޭ ސިޔާސީ ކުޅުންތެރިން

މިއީ އާ ކަމެއް ނޫނެވެ. މީގެ ކުރިން ވެސް ކަން ހިނގާފައިވާ ގޮތެވެ. ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ކަން ހިނގާނީ މިހެންނެވެ. ބައެއް އެއްޗެއްސަކީ ތަނެއްގައި އައިސް ތަތްކޮށްލުމާއެކު އެތަނަކުން ނައްޓާލަން ދަތި އެއްޗެއްސެވެ. ގަދަކަމުން އުފުރާލިޔަސް އަނެއް އެތީގެ ތަންގަނޑެއް ހިފައިގެން ނޫނީ ނުދާނެއެވެ. ގުޅުން އެހާވެސް ވަރުގަދައީއެވެ. ނަމަވެސް ދައްކަން މިއުޅެނީ މިފަދަ އެއްޗެއްގެ ވާހަކައެއް ނޫނެވެ. އެހެނެއް ނޫނެވެ. ދައްކަން މިއުޅެނީ މިއާ މުޅިން އިދިކޮޅު ބޭފުޅުންތަކެއްގެ ވާހަކައެެވެ. ސިޔާސީ ލީގްގެ އެންމެ އިސް ސަފުގައި ކުޅެމުންދާ ބައެއް ކުޅުންތެރިންގެ ވާހަކައެވެ. ބައެއް ފަހަރު ހަރުލާފައި ހުރި ކަމަށް ސިފަ ވިޔަސް، ވަގުތާއި އެއްކޮށް ސޮހިގެންދާ ކުޅުންތެރިންތަކެކެވެ. ބައެއް ޒުވާން ކުދިން ލާ ޖިންސަށް ވުރެ މިކުޅުންތެރިންގެ ހާލު ދެރައެވެ. އެއްގޮތަކަށް ވެސް އުނަގަނޑުގައި ހަރުނުލަނީއެވެ. ކަމަރެއް އަޅައިގެން ހުއްޓަސް އޭގެން ވެސް މާބޮޑު އަސަރެއް ކުރާތަނެއް ނުފެނެ އެވެ.
ލީގުގެ ނިމިދިޔަ ސީޒަނަކީ ފަހުގެ ތާރީހެއްގައި ރާއްޖެ ދުން އެންމެ ފޯރިގަދަ އެއް ސީޒަނެވެ. މުޅިން އާ ޓިމް ތަކަކާއި ކުޅުންތެރިންތަކެއް އައިސް މުޅި ލީގް ހިސޯރުކުރިއެވެ. ނަމަވެސް ފަސް އަހަރުގެ ދިގު ސީޒަނުން ގިނަ ސަޕޯޓަރުންނަށް ފެނިގެންދިޔައީ އޮޅުވާލުންތަކެވެ. މެޗްތައް ކާމިޔާބުކުރުމުގައި މަކަރާއި ހީލަތްހަދަމުން ދިޔަ ކަމުގެ ތުހުމަތުތައް ފެންމަތިވިއެވެ. ރެފްރީންނަށް ރިޝްވަތުދީގެން ބައެއް ކުޅުންތެރިންނާ މެދު ނާއިންސާފުން ކަންތައް ކުރި ކަމަށް ވެސް ސަޕޯޓަރުން ބުނެއެވެ. އެކަމާ ހެދި ބައެއް ކުޅުންތެރިން ވަނީ ދަނޑު ދޫކޮށް ގޮސްފަ އެވެ. ނަމަވެސް އާ ސީޒަން ފެށުމާއެކު އެކުޅުންތެރިންގެ ހުނަރު ދަނޑު މަތިން އަނެއްކާވެސް ފެންނަން ފަށައިިފިއެވެ. ލީގު އޯގަނައިޒް ކުރުމާއި އަލަށް ހަވާލުވި ފަރާތްތަކުން ދަނީ ރިޝްވަތު ހިފި ރެފްރީންނާއި އޮފިޝަލުން ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މިކަމުގައި ކޮންމެސް ވަރެއްގެ ކުރިއެރުންތަކެއް ވެސް ވަނީ ލިބިފައެވެ.

ކޮންމެ ސީޒަނެއްގެ ދިގުމިން ފަސް އަހަރަށް ބަދަލުކުރި ފަހުން އާ ކޮންމެ ސީޒަނެއްގައި ވެސް ލޮލުގައި ވަކިން އަޅައި ގަންނަ ކުޅުންތެރިއެއް ހުރެއެވެ. މިއީ އާދައިގެ ކުޅުންތެރިއެއް ނޫނެވެ. ކޮންމެ ސީޒަނެއްގައި ވެސް ޓީމެއް މޮޅުވުމާއި ބަލިވުމުގައި މި ކުޅުންތެރިޔާ ވަރަށް އިސް ރޯލެއް އަދާކުރެއެވެ. މި ކުޅުންތެރިޔާގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ސީޒަން ފެށޭ އިރު ހުންނަ ޓީމާއި ނިމޭއިރު ހުންނަ ޓީމުގެ ތަފާތުކަމެވެ. ސީޒަން ފެށޭއިރު ޗެމްޕިއަން ޓީމާއެކު ހުރެއްޖެ ނަމަ ނިމޭއިރު ހުންނަނީ އެޓީމާ އެންމެ ވާދަވެރި ޓީމުގައެވެ. އެގޮތުގެ މަތިން ވޭތުވެދިޔަ ދެ ސީޒަންގެ ޓްރާންސްފާ މާކެޓްގައި ވެސް އެންމެ އަގު ބޮޑު ކުޅުންތެރިއްގެ ގޮތުގައި ފެނުނީ މި ކުޅުންތެރިޔާއެވެ. ކޮންމެ ސީޒަނެއްގައި ވެސް މި ކުޅުންތެރިޔާގެ މަސައްކަތުން ޓީމަކަށް ޗެމްޕިއަންކަން ހޯދައިދިނުމަށް ފަހު، ދެން މަސައްކަތް ފަށަނީ އެޓީމު ބަލިކުރާށެވެ. ބުރަ މަސައްކަތާއި ހިއްމަތުން މިކުޅުންތެރިޔާ ކުޅޭ ކޮންމެ ޓީމެއް މޮޅުވާ ކަމަކީ ވެސް އަޖައިބުވާންޖެހޭ ކަމެކެވެ. ކިތައްމެ މޮޅަސް، ޓީމުގެ ކެޕްޓަންކަން ހޯދުމަށް ކުޅުންތެރިޔާ ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފަ އެވެ.

ކުރީ ސީޒަންތަކެކޭ އެއްފަދައިން މިސީޒަންގައި ވެސް މި ކުޅުންތެރިޔާ ނުކުތީ ޗެމްޕިއަން ޓީމާއެކުއެވެ. ނަމަވެސް މިކުޅުންތެރިޔާގެ މިސްރާބު މިހާރު ހުރީ އެހެން ދިމާލަކަށެވެ. އަމިއްލަ ޓީމެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ. މައްސަލައެއް ނޫނެވެ. ނަމަވެސް ހައިރާންކަން ލިބިގެން ދިޔައީ ކުޅުންތެރިޔާގެ ކެޕްޓަން ކަމުގެ ދަށަށް، ފާއިތުވި ސީޒަންގައި އެތައް މަކަރަކާއި ހީލަތެއް ހެދި ޓީމުގައި ތިބި ކުޅުންތެރިިން ތަކެއް ގެނައުމުންނެވެ. ޓްރާންސްފާ މާކެޓް ހުޅުވާލި ގޮތަށް، އަހްލާގަކަށް ބުންވަރަކަށް ބެލުމެއް ނެތި ޖާޒީ ބައި ބަހަން ފަށައިފިއެވެ. މި ކުޅުންތެރިންނަކީ އެހެން ކުޅުންތެރިންގެ އަތެއް، ފަޔެއް، ކަށިމައްޗެއް ބެލުމެއްނެތި ޖެހުނުތާކަށް ފައި އުކަމުން ދިޔަ ކުޅުންތެރިންތަކެކެވެ. މިފަދަ ކުޅުންތެރިންގެ މަގުސަދު މާބޮޑަށް ފަހުމް ވެފައި ނެތަސް އެއް ކަމެއް ޔަގީނެވެ. މިއީ މުޅި ދަނޑު ފުރާލާފައިވާ ކުޅި ބަލަން ތިބޭ މީހުންނަށް އެއްވެސް އިހްތިރާމެއް ކުރާ ބައެއް ނޫނެވެ.

ކޮންމެއަކަސް، މިއީ އާ ކަމެއް ނޫނެވެ. މީގެ ކުރިން ވެސް ކަން ހިނގާފައިވާ ގޮތެވެ. ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް ކަން ހިނގާނީ މިހެންނެވެ. ސީޒަންގެ ކުރީ ކޮޅު ވެސް މިދަނީ ވަރަށް ފޯރިގަދަކޮށެވެ. ނަމަވެސް ޓްރާންސްފާ މާކެޓުން ކުއްލިއަކަށް މިފެންނަން ފެށި މަންޒަރުތަކުގެ ސަބަބުން، ކުރިއަށް ހުރި މެޗްތަކުގައި އެއް ޓީމު އަނެއް ޓީމާއި އަރާރުންވެ ހަމަނުޖެހުން ހިންގާ މަންޒަރު ފެނުން ވެސް ގާތެވެ. ކުރާނީ ކީއްތޯއެވެ؟ އެފަދަ މަންޒަރުތަކެއް ނުފެންނަ ނަމަ ކުޅި ބަލާނެ މީހަކު ހުންނާނެ ހެއްޔެވެ؟ ނަމަވެސް މީހެއް ވިއްޔާ ގޮތެއް ވެސް ހުންނަން ވާނެތާ އެވެ. ދުނިޔޭގެ ކޮންމެވެސް ދިމާލެއްގައި ހަރުލަންވާނެއެވެ. ފަހަރަކު އަންހެނަކާ ކައިވެނި ކުރަމުން ދުވާ ނަމަ ދަރިފަސް ކޮޅު އޮޅި ތިމާ މީހާގެ އަގު ވެއްޓޭނެއެވެ. ހަމަ އެފަދައިން އެއްވެސް ތާކު ހަރުނުލާނަމަ ތިމާ މީހާއަށް ހެޔޮ އެދޭ މީހުން އޮޅި، އެހެން މީހުންގެ ބޭނުންތަކަށް ތިމާ ބޭނުންކުރެވެން ފަށާނެއެވެ.
ހިޔާލު