Ebbasvun thah uvaalumun badhalu dheyne gothuge usoolu kanda alhan garaareh
image
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން--
ސާޔާ އަހްމަދު
0 ކޮމެންޓް
 

ގެއްލުމުގެ ބަދަލުދޭއިރު ޖޫރިމަނާގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު މިންވަރު ކަނޑައަޅަން ގަރާރެއް ހުށަހަޅައިފި

ދައުލަތުން އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް އުވާލުމުން އެ ފަރާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލު ދޭން ޖެހޭ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އެ ގަރާރުގައި ވަނީ ހަތަރު ކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަމަށް ފާހަގަކޮށްފަ އެވެ.

ފުރަތަމަ ކަމަކަށް އޮތީ ސަރުކާރު މިނިސްޓްރީތަކާއި، ދައުލަތުގެ ކުންފުނިތަކާއި، މުއައްސަސާތަކުން އެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކުގެ ދަށުން ބަދަލު ދޭން ޖެހޭ ހާލަތެއްގައި ބަދަލުގެ ގޮތުގައި ދެވޭނެ އެންމެ މަތީ މިންވަރު ކަނޑައެޅިގެން ބަޔާން ކުރުމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ވަނީ އެއްބަސްވުންތައް އުވާލުމުން ބަދަލު ދޭން ޖެހޭ ހާލަތްތަކުގައި، އެކަމަށް ޒިންމާވަން ޖެހޭ މުވައްޒަފުންނަށް ދައުވާކޮށް، ދައުލަތުން ހަރަދު ކުރަން ޖެހުނު ފައިސާއަށް އެ ފަރާތްތައް ޒިންމާ ކުރުވުމަށް އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމެވެ.

ތިންވަނަކަ ކަމަށް އެ ގަރާރުގައި ވަނީ ނިމިދިޔަ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ބަދަލުގެ ގޮތުގައި ދައުލަތުން ހަރަދު ކުރަން ޖެހިދާނެ ކަމަށް ލަފާ ކުރެވޭ ފައިސާގެ ތަފްސީލް ބަލައި އެމައުލޫމާތު މަޖިލީހަށް ހުށަހެޅުމެވެ.

އަދި ހަތަރުވަނަ ކަމެއްގެ ގޮތުގައި އޮތީ ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލު ދޭން ޖެހޭ ހާލަތްތަކުގައި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ފައިސާއިންނާއި ދައުލަތުގެ ވަސީލަތްތަކުން ދެވޭނެ އެންމެ މަތީ މިންވަރު ގާނޫނަކުން ކަނޑައެޅިގެން ބަޔާން ކުރުމެވެ.

މިއަދު މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ކިޔުން އިއްވި އެ ގަރާރުގައި މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ އެއްބަސްވުންތަކުގެ ދަށުން އަދާކުރަން ޖެހޭ މާލީ އިލްތިޒާމްތަކާ މެދު ގެންގުޅޭ އުސޫލުތައް މުރާޖައާކޮށް، ދައުލަތުން ބުރަ ނުވާނޭ އުސޫލެއް ގާއިމް ކުރުމަށް ގޮވާލާ ކަމަށެވެ.

އޭގެ މަގްސަދަކީ އެއްވެސް ފަރާތަކަށް ނުހައްގުން މުއްސަނދިކަން ހޯދުމަށް މަގުފަހި ނުވާނެ ގޮތަކަށް އުސޫލުތައް އެކުލަވާލުން ކަމަށް ގަރާރުގެ ދީބާޖާގައި ލިޔެފައި ވެއެވެ.

"ގެއްލުންވި މީހުންނަށް ހައްގު ބަދަލު ދިނުމަކީ ދައުލަތުގެ ޒިންމާއަކަށް ވާއިރު، އެކަމުގެ ޒިންމާ މި ސަރުކާރަށް އުފުލަން ޖެހުމުން ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވެ، ހުރިހާ ރައްޔިތުންގެ ސީދާ މަސްލަހަތާ ގުޅިފައި އޮތުމުން، ޖޫރިމަނާގެ ގޮތުގައި ނެގޭނެ އެންމެ ބޮޑު އަދަދު ކަނޑައަޅާފައި އޮތުމަކީ ތަހުޒީބު މުޖުތަމައެއްގައި އަމަލު ކުރަމުންދާ އުސޫލު،" ކަމަށް ވެސް ގަރާރުގައި ބަޔާންކޮށްފައި ވެއެވެ.

އެގޮތުން ގަރާރުގައި ވަނީ ޔޫރަޕާއި އިސްލާމީ ބައެއް ގައުމުތަކުގައި މިފަދަ މައްސަލަތަކުގައި އަމަލު ކުރުމަށް އޮންނަ އުސޫލުތައް ފާހަގަކޮށްފަ އެވެ.

އޭގައިވާ ގޮތުން އިނގިރޭސިވިލާތުން އަމަލު ކުރާ ލޭޓް ޕޭމަންޓް އެކްޓުން އަރަނިވެރިޔާ އަށް ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިދެވޭނީ ސެންޓްރަލް ބޭންކުގެ ރެރެފެންސް ރޭޓުގެ އިތުރުން އަށެއް އިންސައްތައިގެ މިންވަރެކެވެ.

ޔޫރަޕިއަން ޔޫނިއަން ގާނޫނުގެ ދަށުން ޔޫރަޕްގެ ގައުމުތަކުގައި ޖޫރިމަނާގެ ގޮތުގައި ނެގޭނެ އެންމެ މަތީ އަދަދު ވަކިވަކި ގައުމުތަކުގެ ގާނޫނުގައި ކަނޑައެޅުން ލާޒިމް ކަމަށާއި އީޔޫގެ ގައުމުތަކުން ކަނޑައަޅާ އެޑިޝަނަލް ރޭޓް އެއްވެސް ހާލެއްގައި އަށެއް އިންސައްތަ އަށް ވުރެ އިތުރުވެގެން ނުވާނެ ގޮތަށް ކަނޑައަޅާފައިވާ ކަމަށް ގަރާރުގައި ވެއެވެ.

އިސްލާމީ ދައުލަތްތަކުގެ ތެރެއިން ޔޫއޭއީ ކޮމާޝަލް ކޯޑުގެ ދަށުން ޖޫރިމަނާގެ ގޮތުގައި އެންމެ މަތިން ނެގޭނެ މިންވަރަކީ އަހަރަކަށް 12 އިންސައްތަ ކަމަށާއި ގަތަރުގެ ސިވިލް ކޯޑުން ވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ނަގައިދެވެނީ އެ ގެއްލުމަކީ ހަގީގަތުގައި ވެސް ތަހައްމަލު ކުރަން ޖެހުނު ގެއްލުމެއްކަން ސާބިތުކޮށްދެވޭ ހާލަތްތަކުގައި ގެއްލުން ތަހައްމަލް ކުރަން ޖެހުނު މިންވަރަށް ބަލައިގެން ކަމަށް ފާހަގަކޮށްފައި ވެއެވެ.

ގަރާރުގައި ކަންބޮޑުވުން ފާޅުކޮށް ބުނެފައި ވަނީ ރާއްޖޭގައި އެފަދަ އުސޫލެއް ނެތުމުން ދައުލަތުން ދޭން ޖެހޭ އަދަދު އެ ފަރާތްތަކަށް ހަގީގަތުގައި ލިބެން ޖެހޭ އަދަދަށްވުރެ އެތައް ގުނައެއް އިތުރުވެ، ނުހައްގު މަންފާއަކަށް މަގު ހުޅުވިގެންދާ ކަމަށެވެ.

އެކި ފަރާތްތަކުން ވެފައިވާ އެއްބަސްވުންތައް އެކި ސަރުކާރުތަކުން އުވާލުމުގެ ސަބަބުން އެ ފަރާތްތަކަށް ލިބުނު ގެއްލުމާއި ޖޫރިމަނާގެ ގޮތުގައި އެތައް ބިލިއަން ޑޮލަރަކަށް އަރާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތައް ގާނޫނުގެ ބޭރުން އުވާލުމުން ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށާއި އެކަމުގެ ޒިންމާ އުފުލަންޖެހޭ މީހުންނާމެދު އަޅާނެ ފިޔަވަޅެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން ގާނޫނާއި ގަވައިދާ ހިލާފަށް އެގްރީމަންޓުތައް އުވާލުމުން ކޯޓުތަކާއި އާބިޓްރޭޝަނުން މައްސަލަތަކުގައި ކާމިޔާބުނުވުމުން ދައުލަތުން ދައްކަން ޖެހިފައިވާ އަދި ދައްކަން ޖެހިދާނެ ކަމަށް ބެލެވޭ ފައިސާގެ އަދަދުތަކުގެ ވަރަށް ބޮޑު ކަމަށެވެ.

ގާނޫނާއި ގަވައިދުތަކާ ހިލާފަށް އެގްރީމަންޓުތައް އުވާލުމުން ކޯޓުން ނިންމި މައްސަލަތަކުގައި މިހާތަނަށް 882 މިލިއަން ރުފިޔާ ދައްކަން ޖެހޭއިރު އަދި 216 މިލިއަން ރުފިޔާގެ މައްސަލަ އޮތީ ނުނިމި އެވެ.

އާބިޓްރޭޝަނުން ނިންމި މައްސަލަތައް 17.89 މިލިއަން ޑޮލަރު މިހާތަނަށް ދައްކަން ޖެހޭއިރު އަދިވެސް 350 މިލިއަން ޑޮލަރުގެ މައްސަލަ ބާކީ އެބަ އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުން ނަމަ ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ކުރީގެ ސަރުކާރުން އެއްބަސްވުންތައް އުވާލުމުގެ ސަބަބުން ދިވެހި ދައުލަތުން ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޭން މަޖުބޫރުވުން އެކަށީގެންވެ އެވެ.

"މިއިން ގިނަ އެއްޗިއްސަކީ ލޯޔަރުން އަޅުގަނޑުމެންނަށް އެ ލަފާ ދެނީ ސަރުކާރަށް ގެއްލޭނެ އެއްޗިއްސޭ. ވިން ނުކުރެވޭނެ އެއްޗިއްސޭ. އެ ހިސާބުގައި ހުރީ،" ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފަނު ވިދާޅުވީ އިންސާފު ހޯދާ ދޭނެ ކަމަށް ވީ ވައުދުގެ ތެރެއިން އެއްބަސްވުންތައް އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހިފައިވާއިރު ވަރަށް މުހިއްމު ކަމަކާ މެދު ވިސްނަންޖެހިވަޑައިގަންނަވަ އެވެ.

"މިކަން ކުރި ބަޔަކާ ދޭތެރޭ ކިހިނެއްތޯ ހަދާނީ. ހަމަ ކޯޓުތަކަށް ގޮސްގެން ވެސް، އާބިޓްރޭޝަނަށް ގޮސްގެން ވެސް، ވަރަށް ސާފުކޮށް އެކަން ކުރި މީހުން އެބަ ބުނޭ، ތިމަންނަމެން އެކަން ކުރީ، ގާނޫނާ ހިލާފަށޭ،" ރައީސް ވިދާޅުވި އެވެ.

"ވަކީލުން އަޅުގަނޑުމެންނަށް ލަފާ އެދެނީ ސަރުކާރަށް މި ވިން ވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތޭ، ދެން އޭގަ މި ދާން ޖެހެނީ އައުޓް އޮފް ކޯޓް ސެޓްލްމަންޓަކަށް. ދާއިރުގައި އަޅުގަނޑމުން ވަކި ބަޔަކަށް އެހީވީ ކަމަށް، ވަކި ބަޔަކަށް ލާރިތަކެއް ދިނީ ކަމަށް މި ނިންމަނީ. އެކަމަކު މިއީ އެއް ނޫން އަސްލު އިނގޭތޯ. ކަންކަން ވަމުންދާ ގޮތް އަޅުގަނޑު މި ދަންނަވަނީ،" ރައީސް ވިދާޅުވި އެވެ.
ހިޔާލު