Fandiyaaru Didi vaki kurumuge massala mireyge jalsa ga
image
ފަނޑިޔާރު އަބްދުﷲ ދީދީ-- ފޮޓޯ: ސަން
0 ކޮމެންޓް
 

ފަނޑިޔާރު ދީދީ ވަކިކުރުމުގެ މައްސަލަ މިރޭގެ މަޖިލިސް ޖަލްސާގައި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އެމަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމާ މެދު ގޮތެއް ނިންމަން މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފި އެވެ.
މިހާރު ސަސްޕެންޝަނުގައި ހުންނެވި ފަނޑިޔާރު ދީދީ މަގާމުން ވަކި ކުރުމަށް ނިންމާ، އެ މައްސަލަ މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމީ މިއަދެވެ.

މިހާރު ކުރިއަށްދާ މަޖިލީހުގެ ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސްގެ ތެރެއިން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައްސަލަ މިރޭގެ ޖަލްސާއަށް އެޖެންޑާ ކުރިކަން އިއުލާން ކުރައްވާފަ އެވެ.

ފަނޑިޔާރަކު ވަކި ކުރެވޭނީ ޖޭއެސްސީން ނިންމާ ގޮތެއްގެ މައްޗަށް މަޖިލީހުގެ ޖަލްސާގައި ނަގާ ވޯޓެއްގައި ބައިވެރިވާ މެމްބަރުންގެ ތިންބައި ކުޅަ ދެބައި މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށް ގާނޫނު އަސާސީގައި ވެއެވެ.

ޑީޑީއާ ބެހޭ މައްސަލައެއް ޖޭއެސްސީން ބަލަމުން ދަނިކޮށް އަދި ތުހުމަތު ކުރި ކޮރަޕްޝަންގެ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް ޑީޑީ ވަނީ ޖޫން މަހު ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފަ އެވެ. ޑީޑީ އަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފާހަގަވީ ފުލުހުން ބުނެފައިވާ ގޮތުގައި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ތަހުގީގުގެ ތެރެއިންނެވެ.

ޑީޑީގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ޑީޑީ އަށް ވެސް ފައިސާ ލިބިފައި އޮތުމެވެ. ތުހުމަތު ކުރެވޭ މީހާ އާއި ޑީޑީއާ ގާތް ގުޅުމެއް އޮންނަ ކަމަށް މެސެޖްތަކުގެ އިބާރާތްތަކުން އެނގެ އެވެ.

ޖޭއެސްސީން އެ ބޭފުޅެއްގެ ނަން އާއްމެއް ނުކުރެ އެވެ. ނަމަވެސް އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކަމަށް ތުހުމަތު ކުރެވެއެވެ. އެކި ޝަރީއަތްތަކާ ގުޅޭ ގޮތުން ފޯނުން، ދެ ބޭފުޅުން ދައްކަވާފައިވާ ބައެއް ވާހަކަތައް ޖޭއެސްސީގެ ތަހުގީގުގައި ވަނީ އާއްމުކޮށްފަ އެވެ.

ޑީޑީ އަށް ކުރާ ހުރިހާ ތުހުމަތުތަކެއް އެމަނިކުފާނު ދޮގު ކުރައްވަ އެވެ. ޑީޑީ ވިދާޅުވެފައި ވަނީ ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް އަމަލެއް ދުވަހަކު ވެސް ހިންގަވާފައި ނުވާނެ ކަމަށެވެ.
ހިޔާލު