Terrorism aa dhekolhah ufahdhaa action plan ninmumuge masakkaiy fashaifi
image
ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް
0 ކޮމެންޓް
 

ޓެރަރިޒަމާ ދެކޮޅަށް އުފައްދާ އެކްޝަން ޕްލޭން ނިންމުމުގެ މަސައްކަތް ފަށައިފި

ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިން އެންޑް ކައުންޓަރިން ވަޔެލަންޓް އެކްސްޓްރީމިޒަމް ނިންމުމުގެ ގޮތުން ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ) އިން ވޯކިން ސެޝަންތައް ފަށައިފި އެވެ.
އެންސީޓީސީން ބުނީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ސެޝަންތައް ކުރިއަށް ގެންދަނީ ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީގައި ކަމަށެވެ.

"ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިން އެންޑް ކައުންޓަރިން ވަޔެލަންޓް އެކްސްޓްރީމިޒަމް" އެކުލަވާލުވުމުގެ ގޮތުން ބާއްވާ އެ މަސައްކަތު ބައްދަލުވުން އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެ އެކްޝަން ޕްލޭންގެ މަސައްކަތަކީ 2018 މެއި ގައި ފެށިގެން ކުރިއަށްދާ މަސައްކަތެއް ކަމަށް އެންސީޓީސީން ބުނެއެވެ.

އެގޮތުން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ގެންދެވިފައި ވަނީ ތަފާތު މަރުހަލާތަކަކަށް ބަހާލެވިގެން، ބޭރުގެ ތަޖުރިބާކާރުންގެ އެހީއާ އެކުގައި ކަމަށާއި ކޮންމެ މަރުހަލާ އެއްވެސް ކުރިއަށް ގެންދެވިފައި ވާނީ ސަރުކާރުގެ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާތަކާ ވެސް މަޝްވަރާކުރެވިގެން ކަމަށް އެންސީޓީސީން ބުނެއެވެ.

އެންސީޓީސީން އިތުރަށް ބުނީ އަމާޒަކީ މިހާރު ކުރިއަށްދާ މަސައްކަތު ބައްދަލުވުމުގެ ތެރެއިން ނޭޝަނަލް އެކްޝަން ޕްލޭނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް، އަންނަ މަހު އެ ޕްލޭން އިފްތިތާހު ކުރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އިންޑިއާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރު އަދި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެމްބަރުންނާއި އެ ސެންޓަރުގެ ޑައިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވެސް ވަނީ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.
ހިޔާލު