''Badhaludhey vaahaka dhakkan PPM beyfulhun ladhu gannan jehey''
image
އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ބަދަލުދޭ ވާހަކަ ދައްކަން ޕީޕީއެމް ބޭފުޅުން ލަދު ގަންނަން ޖެހޭނެ: ރޮޒައިނާ

ސަރުކާރުން އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް ބާތިލްކުރުމުގެ ސަބަބުން އެ ފަރާތްތަކަށް ދޭންޖެހޭ ބަދަލުގެ ވާހަކަ ދައްކަވަން ޕީޕީއެމް ބޭފުޅުން ލަދުގަންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ހުށަހަޅާފައިވާ 1.7 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓަށް މަޖިލީހުގައި ބަހުސް ކުރައްވަމުން ރޮޒައިނާ މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކަށް ދެއްވި ރައްދެއްގެ ގޮތުގައެވެ. ކުންފުނިތަކަށް ބަދަލު ދީދީ ދައުލަތުގެ ބަޖެޓް ހުސްކޮށްލާފައިވާ ކަމަށް ރޮޒައިނާގެ ކުރިން ވާހަކަ ދެއްކެވި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ އެފަދަ ވާހަކަ ދައްކަން އިދިކޮޅު ފަރާތްތަކުން ލަދު ގަންނަން ޖެހޭނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުން އެތައް ފައިސާ އެއް ދައްކަން ޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ބަދަލު ދޭން ޖެހިގެން އުޅެނީ އާބިޓްރޭޝަން މައްސަލަތަކުގައި އިދިކޮޅު ފަރާތްތަކުން "ހާވާފައިވާ ހަޑީގެ މައްސަލަތައް ސާފު ނުވެގެން" ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުގެ މިނިސްޓަރުން ބޭރު ގައުމުތަކުގެ ކޯޓުތަކުގައި ދޮގު ހެދެމުގެ ސަބަބުން ގައުމަށް ގެއްލުންވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"މިނިސްޓަރުން ވެސް ގޮސް ތަން ތަނުގައި ގަސްދުގައި ދޮގު ހަދާ، ގައުމުގެ އަގު ވައްޓާލާ، ގައުމަށް ގެއްލުންވާ ގޮތަށް އަމަލުކުރީމަ، މުއިއްޒުމެން ފަދަ ބޭފުޅުންގެ ގޭގެއާއި އެއްޗެހި ވެސް ނަގަންވީ، މުޅި ފައިސާ އެކޮށް ނުދެއްކުނަސް ވީވަރެއް ވާނެތާ،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ ބަދަލުގެ ފައިސާ ދިނުމަށް ކޯޓުން ހުކުމް ކޮށްފައިވާ މައްސަލަތަކުގައި ވެސް އެއްވެސް ފަރާތަކަށް ފައިސާ ދީފައި ނުވާނެ ކަމަށެވެ. އަދި އެ މައްސަލަތައް އަލުން ދިރާސާ ކުރުމަށް މަޖިލީހަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ކަންބޮޑުވެގެން އުޅެނީ ގާނޫނާއި އެއް ގޮތަށް މި ސަރުކާރުން އަމަލުކުރާތީ އެވެ. ވޭތުވެދިޔަ ފަސް އަހަރުގައި ބަޖެޓްގައި ޖެހި ކަންކަން އެ ނޫން ގޮތް ގޮތަށް ކުރިއަށް ދިޔަ އިރުވެސް މަޖިލީސް އޮތީ ހިމޭނުން ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

އަދި އިންތިހާބްތައް ގާތްވުމާއެކު ބަޖެޓްގައި ނެތް ކަންތައް ވެސް ތައާރަފްކޮށް ގޮތްތައް ނިންމާފައިވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. މިހެން މިކަންކަން ހުއްޓާ އެމްޑީޕީގެ ސަރުކާރުން ގާނޫނާއި އެއް ގޮތަށް ކަންކަން ކުރަން އުޅުނީމަ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވަނީ ކީއްވެތޯ ރޮޒައިނާ ވަނީ ސުވާލު އުފައްދާފަ އެވެ.

ތަރައްގީގެ ނަމުގައި އެންމެ "ގާ ކޮޅެއް ވެސް ނުހިއްލޭ" ކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ދެއްކެވި ވާހަކައަށް ވެސް ރޮޒައިނާ ވަނީ ރައްދު ދެއްވައިފައެވެ. ރޮޒައިނާ ވިދާޅުވި ގޮތުގައި އެކަން ނުކުރެވޭ ސަބަބަކީ މިދިޔަ ސަރުކާރުން ކުރި ހުރިހާ ކަމެއް އަލުން ރަނގަޅަށް ކުރަން ޖެހުމެވެ.

"ގާ ކޮޅު ހިއްލާނީ ކިހިނެއްތޯ؟ އަޅުގަނޑުމެން ދާއިރާގަ ވެސް މަގު ހެދުމަށް ޕްރޮޖެކްޓް ހަވާލުކޮށްގެން ގޮސް މަގު ހަދަން ބަލާލި އިރު، މިބޭފުޅުން ވަޅުލާފަ ހުރި ހޮޅިތަކުން ލީކުވާތީވެ އަނެއްކާ ޖެހުނީ ހޮޅިތައް ނަގައިގެން އެމަސައްކަތް އަލުން ފަށައިގަންނަން، ދެން ގާކޮޅު ހިއްލާނެ ގޮތެއް ވިދާޅުވެދެއްވާ؟" ރޮޒައިނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރަށް އެއް އަހަރުވީ އިރު އެއްވެސް ކަމެއް ނުކޮށްދެވޭ ކަމަށް ބުނެ އެމްޑީޕީން ކުރި މުޒާހަރާ ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ މި ސަރުކާރުން މިއުޅެނީ އެއްވެސް ކަމެއް ނުވެގެން ނޫން ކަމަށެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭގައި ވެސް 45 ޕްރޮޖެކްޓް ހަވާލުކުރެވިފައިވާ ކަން ރޮޒައިނާ ފާހަގަކުރެއްވިއެވެ.

ސަޕްލިމަންޓްރީ ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް ހަތް މިނަޓް ލިބިލައްވާ އިރު މިއަދުގެ ޖަލްސާގައި ވެސް ބަޖެޓާ ބެހޭ ގޮތުން މެމްބަރުން ވަނީ ގިނަ އަދަދެއްގެ ކަންކަން ފާހަގަކޮށްފައެވެ.
ހިޔާލު