Convention center aa eku Ukulhahuge viyafaari thakah eid eh!
image
އއ. އުކުޅަސް ކޮންވެންޝަން ސެންޓަރު-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
0 ކޮމެންޓް
 

ކޮންވެންޝަން ސެންޓަރާއެކު އުކުޅަހުގެ ވިޔަފާރިތަކަށް އީދެއް!

އއ. އުކުޅަހުގެ ރައްޔިތުންނަށް އިހަކަށް ދުވަހު ލިބިގެންދިޔަ ހަދިޔާއަކީ އެ ރަށުގެ ރައްޔިތުންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދިން ހަދިޔާއެއްކަން ޔަގީނެވެ. އުކުޅަހުގެ ތަރައްޤީގައި ދުވަހަކުވެސް ނާންނަ އާ ސަފްހާއެއް ސަރުކާރުން މި ވަނީ ފަށައިދީފައެވެ.
ރަށުގެ ރައްޔިތުންގެ މުސްތަޤުބަލު އުޖާލާކޮށްދީ، ހުވަފެންތަކަށް އާ ދިރުންތަކެއް ދީފިއެވެ. މި ދައްކަނީ މިހަފްތާގައި އުކުޅަހުގައި ހުޅުވިގެންދިޔަ ކޮންވެންޝަން ސެންޓަރުގެ ވާހަކައެވެ. އުކުޅަހުގައި އެޅިގެންދިޔަ އެ ކޮންވެންޝަން ސެންޓަރަކީ ހަމައެކަނި އާދައިގެ އިމާރާތެއް ނޫނެވެ. ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ، ރަށުގެ ތަރައްޤީ އަށް އިތުރުވެގެންދިޔަ މުހިންމު ބޮޅެކެވެ.އުކުޅަހުގައި ކޮންވެންޝަން ސެންޓަރު ހުޅުވިގެން ދިޔައީ މިދިޔަ ހޯމަ ދުވަހުއެވެ. އުކުޅަހު ކޮންވެންޝަން ސެންޓަރުގައި 400 މީހުންގެ ޖާގައިގެ ހޯލަކާއި އެގްޒެކެޓިވް މީޓިން ރޫމަކާއި ވީއައިޕީ މީޓިން ރޫމަކާއި ދެ ކްލާސް ރޫމާއި ވެއިޓިން އޭރިއާގެ އިތުރުން އަށް ފާހަނަ އާއި ތިން ގުދަން އަދި ކޮންވެންޝަން ސެންޓަރުގެ އިދާރީ އޮފީހެއް ހުރެއެވެ.

ކޮންވެންޝަން ސެންޓަރު ހުޅުވިގެން ދިޔުމާއެކު އެ ސެންޓަރުގައި މި ވަނީ ޓެކް ފެއާ އާއި އިނގިރޭސިވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީން އިންތިޒާމުކޮށްގެން ބާއްވާ ސައިންސްވެރިންގެ ބައިނަލްއަގުވާމީ ކޮންފަރެންސެއް ފަށައިފައެވެ. ހަތަރު ދުވަހަށް ކުރިޔަށްދާ އެ ކޮންފެރެންސްގައި 75 ބޭފުޅަކު ބައިވެރިވެވަޑައިގަންނަވަ އެވެ.

އުކުޅަހު ކޮންވެންޝަން ސެންޓަރަކީ އިންޑިއާ ސަރުކާރުގެ 7.8 މިލިއަން ރުފިޔާ އާއި ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން ޖުމްލަ 20.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރި ތަނެކެވެ. އިމާރާތުގެ މަސައްކަތްތައް އަމީން ކޮންސްޓްރަކްޝަން އާއި ހަވާލުކުރި އިރު 10000 އަކަފޫޓުގެ ކޮންވެންޝަން ސެންޓަރުގެ މައިގަނޑު މަސައްކަތްތައް އެންމެ 23 ދުވަހުގެ ތެރޭގައި ނިންމާލައިފައި ވެއެވެ.ޓެކް ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ޕްރޮފެސާ އުގެއިލް ދެއްކި ވާހަކައިން އެ ރަށުގެ ރައްޔިތުންނަށް އުފާވެރި ހަބަރެއް ލިބިގެންދިޔަ އެވެ. އެގޮތުން އުގެއިލް ވަނީ ކޮންފެރެންސް ބޭއްވިގެން ދާ ކޮންމެ ދުވަހަކު ރަށަށް އެއް މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. ކޮންވެންޝަން ސެންޓަރުން އުކުޅަހަށް ލިބޭނެ ތަރައްޤީ ސިފަކުރައްވަމުން ކައުންސިލް ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ ރަށު ރައްޔިތުންގެ މުސްތަޤުބަލު މިހާރަށް ވުރެ އުޖާލާވެ އުކުޅަސް ތާރީހުގެ ތެރެއަށް ވަދެގެންދާނެ ކަމަށެވެ.ރަށަށް ގިނަ ފައިސާތަކެއް ވަންނާނެކަމަށް ފާހަގަކުރަމުން، ޝައުކަތު ސީއެންއެމް އަށް ވިދާޅުވީ ކޮންފެރެންސް ތަކުގެ ސަބަބުން ރަށު ގެސްޓްހައުސްތަކަށާއި، ރެސްޓޯރެންޓް އަދި ފިހާރަތަކުގެ ވެރީންނަށް ތިޔާގި ކަމެއް ލިބިގެން ދާނެ ކަމަށެވެ. އޭގެ އިތުރުން ޓްރާންސްޕޯޓް ނެޓްވޯކްތައް ހިންގާ ފަރާތްތަކަށްވެސް އެއިން މަންފާ ލިބިގެން ދާނެ ކަމަށް ޝައުކަތު ވިދާޅުވިއެވެ."މި ހުރިހާ ފައިސާ އެއްވެސް ވަންނާނީ ރަށުގެ ރައްޔިތުންގެ ޖީބަށް. އެއީ ގެސްޓްހައުސްތަަކަށާއި، ރެސްޓޯރެންޓް ތަކަށާއި ފިހާރަތަކާއި މި ތަންތަނަށް. އަދި އޭގެ އިތުރުން ޓްރާންސްޕޯޓް ނެޓްވޯކް ވެސް މި އޮޕެރޭޓް ކުރަނީ ރަށުގެ ދެ ފަރާތަކުން. އެ ފަރާތްތަކަށްވެސްް ގިނަ ފައިސާތަކެއް ލިބިގެންދާނެ" ޝައުކަތު ވިދާޅުވިއެވެ.

ތެދެކެވެ. ކޮންވެންޝަން ސެންޓަރު ހުޅުވިގެން ދިޔުމާއެކު ރަށުގެ ވިޔަފާރިވެރިންނަށް ކުރިން ނުލިބޭ ފަދަ ފައިދާތަކެއް ލިބެން ފަށައިފިއެވެ. ހާއްސަކޮށް އުކުޅަހުގެ ގެސްޓް ހައުސްތައް ފާހަގަކޮށްލެވެއެވެ. ގިނަ ގެސްޓްހައުސް ތަކުގައި ހުރީ ޖާގަ ފުލްކޮށެވެ.

"އަޅުގަނޑަކީ ދިހަ ރޫމުގެ ގެސްޓް ހައުސް އެއް ރަން ކުރާ މީހެއް. ދިހަ ރޫމުގައިވެސް ތިބީ ކޮންފެރެންސަށް އައި ބޭފުޅުން. 80 ޑޮލާސް އަށް އަޅުގަނޑުމެން ހަދާފަ އިނީ އެބޭފުޅުންގެ ކެއުމާއި އެއްކޮށް،" އުކުޅަހު ގެސްޓް ހައުސް އެއް ހިންގާ މީހަކު ސީއެންއެމް އަށް ބުންޏެވެ.އެ ރަށު ވެސްޓް ސޭންޑް ގެސްޓް ހައުސް ހިންގާ ފަރާތުން ވެސް ބުނީ ގެސްޓް ހައުސް އޮތީ ފުލްކޮށް ކަމަށާއި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރި މަގުގައި މާކެޓިންގެ ބައި ރަނގަޅުވެ ގެސްޓް ހައުސް އަށް ފާގަތި ދުވަސްތަކެއް ދެކެމުންދާ ކަމަށެވެ.

"ކޮންވެންޝަން ސެންޓަރު ހުޅުވިގެން ދިޔުމާއެކު ގެސްޓް ހައުސް އަށް ރަނގަޅު އާމްދަނީ އެއް ލިބެމުން އެބަދޭ. ގާތް ގަނޑަކަށް ފުލްކޮށް އުޅެނީ،" ޕަގުރޯ ގެސްޓްހައުސްގެ ވެރިޔާ، ލިބެމުންދާ ފައިދާތައް ހިއްސާކުރަމުން ސީއެންއެމް އަށް ބުންޏެވެ.ގެސްޓްހައުސްގެ ސިނާއަތް ނުވަތަ ލޯކަލް ފަތުރުވެރިކަން އެންމެ ފުރިހަމައަށް ހިންގާ އެއް ރަށަކީ ކ. މާފުއްޓެވެ. މާފުށީގެ ރައްޔިތުންނަކީ މިހާރު ރާއްޖޭގައި އެންމެ ފުދުންތެރި އަދި އެންމެ މުއްސަނދި އެއް ބަޔެވެ. އުކުޅަހަކީ ވެސް ލޯކަލް ފަތުރުވެރިކަމަށް މަގްބޫލު ރަށެކެވެ.

އެ ރަށުގައި ހުޅުވިގެން ދިޔަ ކޮންވެންޝަން ސެންޓަރާއެކު، އެ ރަށުގެ ރައްޔިތުންނަށް ވެސް މާފުށި ފަދައިން، އުޖާލާ ކުރިމަގެއް ތަސައްވަރު ކުރެވެން ފަށައިފި އެވެ. ރަށަށް ހާއްސަ ސިނާއަތް ތަރައްގީވާން ފެށުމުން ފައިދާ ވާނީ ގެސްޓުހައުސްތަކަށް އެކަންޏެއް ނޫނެވެ. މުޅި ރަށުގެ އިގްތިސާދަށެވެ. އެއީ ރަށުގެ ރައްޔިތު މީހާގެ ޖީބެވެ.
ހިޔާލު