Fandiyaaru Didi magaamun vakikurumuge mahsala judiciary committee ah
image
ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން ފާސްކުރި ދީދީ.-- ފޮޓޯ: ރާއްޖެ.އެމްވީ/މުހައްމަދު ޝަރުހާން
0 ކޮމެންޓް
 

ފަނޑިޔާރު ދީދީ ވަކިކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް

ސީރިއަސް ގިނަ މައްސަލަތަކެއްގެ ތުހުމަތު ކުރެވިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ، ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިރޭ ފޮނުވައިފިއެވެ.
ފަނޑިޔާރަކު ވަކި ކުރެވޭނީ ޖޭއެސްސީން ނިންމާ ގޮތެއްގެ މައްޗަށް މަޖިލީހުގެ ޖަލްސާގައި ނަގާ ވޯޓެއްގައި ބައިވެރިވާ މެމްބަރުންގެ ތިންބައި ކުޅަ ދެބައި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެގޮތުން މިހާރު ސަސްޕެންޝަނުގައި ހުންނެވި ފަނޑިޔާރު ދީދީ، ފަނޑިޔާރު ކަމުން ވަކިކުރުމަށް ނިންމައި އެ މައްސަލަ ޖޭއެސްސީން މަޖިލީހަށް ފޮނުވީ މިއަދު އެވެ.

ފަނޑިޔާރު ދީދީ އާ ބެހޭ މައްސަލައެއް ޖޭއެސްސީން ބަލަމުން ދަނިކޮށް އަދި ތުހުމަތު ކުރި ކޮރަޕްޝަންގެ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް އޭނާ ވަނީ ޖޫން މަހު ރާއްޖެ އިން ބޭރަށް ވަޑައިގެންފަ އެވެ. ދީދީ އަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފާހަގަވީ ފުލުހުންނާއި ހަވާލާދީ ޖޭއެސްސީން ބުނެފައިވާ ގޮތުގައި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ތަހުގީގުގެ ތެރެއިންނެވެ.

އޭނާގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ދީދީ އަށް ވެސް ފައިސާ ލިބިފައި އޮތުމެވެ. ތުހުމަތު ކުރެވޭ މީހާ އާއި ދީދީ އާ ގާތް ގުޅުމެއް އޮންނަ ކަމަށް ފޯނުގެ މެސެޖުތަކުން އެނގޭ ކަމަށް ވެއެވެ.

ދީދީ އަށް ކުރާ ހުރިހާ ތުހުމަތުތަކެއް އޭނާ ދޮގު ކުރެ އެވެ. ދީދީ ވިދާޅުވެފައި ވަނީ ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް ކުށެއް ދުވަހަކު ވެސް ކޮށްފައި ނުވާނެ ކަމަށެވެ.
ހިޔާލު