Fandiyaaru Didi magaamun vakikuran committee in faaskohfi
image
ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ދީދީ އައްޔަން ކުރުމުގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ފަނޑިޔާރު ދީދީ މަގާމުން ވަކިކުރުމަށް ކޮމިޓީން ފާސްކޮށްފި

ސީރިއަސް ގިނަ މައްސަލަތަކެއްގެ ތުހުމަތު ކުރެވިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެ މައްސަލަ ދިރާސާކުރަން ފޮނުވި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވެސް އޭނާ ވަކިކުރަން ފެންނަ ކަމަށް ނިންމައިފި އެވެ.
ފަނޑިޔާރަކު ވަކި ކުރެވޭނީ ޖޭއެސްސީން ނިންމާ ގޮތެއްގެ މައްޗަށް މަޖިލީހުގެ ޖަލްސާގައި ނަގާ ވޯޓެއްގައި ބައިވެރިވާ މެމްބަރުންގެ ތިންބައި ކުޅަ ދެބައި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެގޮތުން މިހާރު ސަސްޕެންޝަނުގައި ހުންނެވި ފަނޑިޔާރު ދީދީ، ފަނޑިޔާރު ކަމުން ވަކިކުރުމަށް ނިންމައި އެ މައްސަލަ ޖޭއެސްސީން މަޖިލީހަށް ފޮނުވީ އިއްޔެ އެވެ.

ޖޭއެސްސީން ދީދީ މަގާމުން ވަކިކުރަން އިއްޔެ މަޖިލީހަށް ފޮނުވުމުން އެ މައްސަލަ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވީ ރޭ 21:00 ގައި އޮތް މަޖިލީހުގެ ޖަލްސާގަ އެވެ. އަދި ފަނޑިޔާރު ދީދީ މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖުޑިޝަރީ ކޮމިޓީން ވެސް ނިންމާފައިވަނީ ރޭގައި ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުންނެވެ.

ޖުޑިޝަރީ ކޮމިޓީން ވެސް ޖޭއެސްސީގެ ނިންމުމަށް ތާއީދު ކުރުމުން ދެން އޮންނާނީ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމެވެ. އެގޮތުން ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން، މަޖިލީހުގެ ތަޅުމުގައި އެކަމަށް ވޯޓަށް އަހާނެ އެވެ.

ފަނޑިޔާރު ދީދީ އާ ބެހޭ މައްސަލައެއް ޖޭއެސްސީން ބަލަމުން ދަނިކޮށް އަދި ތުހުމަތު ކުރި ކޮރަޕްޝަންގެ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް އޭނާ ވަނީ ޖޫން މަހު ރާއްޖެ އިން ބޭރަށް ވަޑައިގެންފަ އެވެ. ދީދީ އަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފާހަގަވީ ފުލުހުންނާއި ހަވާލާދީ ޖޭއެސްސީން ބުނެފައިވާ ގޮތުގައި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ތަހުގީގުގެ ތެރެއިންނެވެ.

އޭނާގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ދީދީ އަށް ވެސް ފައިސާ ލިބިފައި އޮތުމެވެ. ތުހުމަތު ކުރެވޭ މީހާ އާއި ދީދީ އާ ގާތް ގުޅުމެއް އޮންނަ ކަމަށް ފޯނުގެ މެސެޖުތަކުން އެނގޭ ކަމަށް ވެއެވެ.

ދީދީ އަށް ކުރާ ހުރިހާ ތުހުމަތުތަކެއް އޭނާ ދޮގު ކުރެ އެވެ. ދީދީ ވިދާޅުވެފައި ވަނީ ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް ކުށެއް ދުވަހަކު ވެސް ކޮށްފައި ނުވާނެ ކަމަށެވެ.
ހިޔާލު