Aruham ge maruge mahsalaige Sihru hekinge mauloomaathu olhigen haama kurevijje
image
ދައުލަތުން ދައުވާ އުފުލި މީހުން--
0 ކޮމެންޓް
 

އަރުހަމްގެ މަރުގެ މައްސަލައިގަ ސިއްރު ހެކިންގެ މައުލޫމާތު އޮޅިގެން ހާމަކުރެއްވިއްޖެ

މީގެ ހަތް އަހަރު ކުރިން ލޮރެންޒޯ ޕާކް ތެރޭގައި މަރާލި ހއ. ހޯރަފުށީ ނޫރީގޭ އަހުމަދު އަރުހަމުގެ މަރުގެ މައްސަލާގައި ދަށު ކޯޓުގައި ހެކިބަސް ދިން ސިއްރު ހެކިވެރިންގެ މައުލޫމާތު އޮޅިގެން ދައުލަތަށް ހާމަކުރެއްވިއްޖެ އެވެ.
ޖޫން، 2012 ގައި ގްރޫޕަކުން ތޫނު އެއްޗަކުން ހަމަލާދީ އަރުހަމް މަރާލިއިރު އެ މައްސަލާގައި ދައުލަތުން ވަނީ ހަތަރު މީހަކަށް ދައުވާކޮށްފަ އެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ލ. މާވަށު އެވާބްލޫގޭ މުހައްމަދު ވިސާމާއި އެރަށު އަސަރީގެ މަންސޫރު ޔޫސުފް އަދި ގދ. ގައްދޫ ގުންޒަރު، މުހައްމަދު ސުފްޔާނާއި މއ. ސީނަރީވިއު އާތިފް ރަޝީދުގެ މައްޗަށެވެ.

އޭގެ ތެރެއިން ކުށް ސާބިތުވީ ވިސާމުގެ މައްޗަށް އެކަންޏެވެ. ކްރިމިނަލް ކޯޓުން އޭނާ މަރަން ހުކުމް ކުރި ނަމަވެސް އަނެއް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމާ ކްރިމިނަލް ކޯޓުން ހުކުމް ވެސް ކުރިއެވެ.

އެހެންވެ ތިން މީހުންގެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު ވަނީ އެ މައްސަލަ ދިރާސާ ކުރެއްވިއިރު ސިއްރު ބައެއް ހެކިވެރިންގެ މައުލޫމާތު ދައުލަތުން ހާމަކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޯޓުގައި ހުލާސާ ބަޔާން ހުށަހެޅިއިރު ވެސް ސިއްރު ހެކިވެރިންގެ މައުލޫމާތު ހާމަކުރެވިފައިވާ ކަމަށް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

އެހެންވެ އެކަމުގެ ޒިންމާ ކޯޓުން ނުނަގާނެކަން ފާހަގަކޮށް ފަނޑިޔާރުންގެ ބެންޗުން ވަނީ ދެ ފަރާތުން ވެސް ސިއްރު ހެކިވެރިންގެ މައުލޫމާތު ހާމަނުވާނެހެން ވާހަކަ ދެއްކުމަށް އަންގަވާފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ގިނަ ކަންތައްތަކެއް ފާހަގަކޮށް ތިން މީހުންގެ މައްޗަށް މައްސަލަ ސާބިތު ނުވާ ކަމަށް ނިންމި ނިންމުން ބާތިލުކޮށް އަލުން އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ މީހުންގެ މައްޗަށް އަދަބު ކަނޑައަޅައި ދިނުމަށް އެދިފަ އެވެ.
ހިޔާލު