BREAKING: Fandiyaaru Didi magaamun vaki koffi
image
ފަނޑިޔާރު އަބްދުﷲ ދީދީ--
1 ކޮމެންޓް
 

ފަނޑިޔާރު ދީދީ މަގާމުން ވަކިކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެމްބަރުންގެ ތެރެއިން 72 މެމްބަރުން ވޯޓު ދެއްވީ ދީދީ މަގާމުން ވަކިކުރަން ފެންނަ ކަމަށެވެ. ވަކި ގޮތަކަށް ވޯޓުލާން ބޭނުން ނުވި އެއް މެމްބަރަކު އިންނެވި އެވެ.

ފަނޑިޔާރަކު ވަކި ކުރެވޭނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާ ގޮތެއްގެ މައްޗަށް މަޖިލީހުގެ ޖަލްސާއެއްގައި ނަގާ ވޯޓެއްގައި ބައިވެރިވާ މެމްބަރުންގެ ތިންބައި ކުޅަ ދެބައި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ދީދީ މަގާމުން ވަކި ކުރަން ނިންމާ، ޖޭއެސްސީން އެކަން މަޖިލީހަށް ފޮނުވީ އިއްޔެ އެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ރޭ ނިންމާފައި ވަނީ ދީދީ މަގާމުން ވަކި ކުރުމަށް ފެންނަ ކަމަށެވެ.

ފަނޑިޔާރު ދީދީ އާ ބެހޭ މައްސަލައެއް ޖޭއެސްސީން ބަލަމުން ދަނިކޮށް އަދި ތުހުމަތު ކުރި ކޮރަޕްޝަންގެ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް އޭނާ ވަނީ ޖޫން މަހު ރާއްޖެ އިން ބޭރަށް ވަޑައިގެންފަ އެވެ. ދީދީ އަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފާހަގަވީ ފުލުހުންނާއި ހަވާލާދީ ޖޭއެސްސީން ބުނެފައިވާ ގޮތުގައި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ތަހުގީގުގެ ތެރެއިންނެވެ.

އޭނާގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ދީދީ އަށް ވެސް ފައިސާ ލިބިފައި އޮތުމެވެ. ތުހުމަތު ކުރެވޭ މީހާ އާއި ދީދީ އާ ގާތް ގުޅުމެއް އޮންނަ ކަމަށް ފޯނުގެ މެސެޖުތަކުން އެނގޭ ކަމަށް ވެއެވެ.

ދީދީ އަށް ކުރާ ހުރިހާ ތުހުމަތުތަކެއް އޭނާ ދޮގު ކުރެ އެވެ. ދީދީ ވިދާޅުވެފައި ވަނީ ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް ކުށެއް ދުވަހަކު ވެސް ކޮށްފައި ނުވާނެ ކަމަށެވެ.
ހިޔާލު

އިހުސާނާ

ދެން ވެއްޖެ ނޫންތަ މަހާތިރަށް ގުޅައިގެން މީނަ މާލެ ގެނެެސް ޖިނާއީ ދައުވާ ހިންގާ މީނަ އާ ދޭތެރޭ ފިޔަވަޅު އަޅަން!