Elhigen midhanee judicary islaahu kurumuge bingaa: MP Hisaan
image
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އެޅިގެން މިދަނީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ބިންގާ: ހިސާން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަބްދުﷲ ދީދީ ވަކިކުރެވުމުން އެއީ ޖުޑިޝަރީ އިސްލާހު ކުރުމަށް އެޅިގެންދާ ބިންގާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރު ދީދީ ވަކިކުރުމަށް ހުށަހެޅިފައިވާ މައްސަލައާ ބެހޭ ގޮތުން ބަހުސް ކުރައްވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ އެޅިގެން މިދަނީ ޖުޑިޝަރީ އިސްލާހުކުރުމުގެ ބިންގާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށް ހިސާން ވިދާޅުވި އެވެ.

އެގޮތުން ފަނޑިޔާރު ދީދީގެ މައްސަލާގައި ވެސް ޖޭއެސްސީން އެތައް ދިރާސާއެއްކޮށް އެކުލަވާލަން ޖެހޭ ރިޕޯޓްތައް އެކުލަވާލުމަށް ދުވަސްތަކެއް ހޭދަވި ކަމަށް މަޖިލީހުންގެ ފަރާތުން ޖޭއެސްސީއަށް ކަނޑައަޅާފައިވާ މެމްބަރު ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ފަނޑިޔާރުންނަކީ އިތުބާރު އޮތް ބަޔަކަށް ހެދުމަށްޓަކައި، އެބޭފުޅުންނާ މެދު ފިޔަވަޅު އަޅާނެ މުއައްސަސާއެއް އޮތްކަން ރައްޔިތުންނަށް ގަބޫލުކުރެވެން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންނަށް އެ މުއައްސަސާގެ މަސައްކަތްތައް ފެންނަން ޖެހޭ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރުމަށް ރައްޔިތުން ގޮވާލާ، އަޑު އުފުލާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. މީގެ ކުރިން ގަބޫލުކުރެވިފައި އޮތީ ފަނޑިޔާރުންނަކީ އެމީހުންގެ ގައިގައި އަތް ނުލެވޭނެ ބައެއްގެ ގޮތުގައި ކަމަށް ހިސާން ވިދާޅުވި އެވެ.

ފަނޑިޔާރުން ވެސް މަސައްކަތް ކުރަމުން އައީ އެ ވިސްނުމުގައި ކަމަށާއި އެމީހުން ކުށްތަކަށް ދުވަހަކު ވެސް ޖަވާބުދާރީ ވާން ނުޖެހޭނެ ކަމަށް ފަނޑިޔާރުންނަށް ގަބޫލުކުރެވިފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ފަނޑިޔާރެއްގެ މައްސަލަ ބަލާ ފިޔަވަޅެއް އެޅޭ ކޮންމެ ފަހަރަކު ސިޔާސީ ފަރާތްތަކުގެ އެހީއަށް އެދޭ ކަމަށެވެ. އަދި ސިޔާސީ ފަރާތްތަކުން އެގޮތަށް އަމަލު ކުރުމަކީ ހުއްޓުވެން ޖެހޭ ކަމެއް ކަމަށް ހިސާން ވިދާޅުވި އެވެ.

"މިހާރު ތިބި ފަނޑިޔާރުންގެ ތެރެއިން މިފަދަ މުޑުދާރު އަމަލުތައް ހިންގާ ފަނޑިޔާރުން ވަކިކޮށް، އިސްލާހީ ފިޔަވަޅު އަޅާ، ތަމްރީން ދޭންޖެހޭ ފަނޑިޔާރުން ތަމްރީން ދިނުމަކީ މުހިންމު ކަމެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު މި އެޅިގެން ދަނީ ޖުޑީޝަރީ އިސްލާހު ކުރުމުގެ ބިންގާ،" ހިސާން ވިދާޅުވި އެވެ.

ސްޕްރީމް ކޯޓުގެ ނުފޫޒަކީ ހުދޫދެއް ނެތްގޮތުގައި ފަނޑިޔާރުންނާއި ކޯޓުތަކުގެ މައްޗަށް ފޯރުވޭނެ އެއްޗެއް ނޫންކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވީ މިކަންތައް މިގޮތަށް ބައްޓަން ވެގެން ނޫނީ ސްޕްރީމް ކޯޓާ މެދު ރައްޔިތުންގެ އިތުބާރެއް ނުއުފެދޭނެ ކަމަށެވެ.

ފަނޑިޔާރު ދީދީ މަގާމުން ވަކި ކުރުމަށް ޖޭއެސްސީން ނިންމާ މަޖިލީހަށް ހުށަހެޅުމުން ގިނަ އަދަދެއްގެ މެމްބަރުން ވަނީ ޖުޑިޝަރީ ހަމައަކަށް އެޅުވުމަށް އެއީ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެމްބަރުންގެ ތެރެއިން 72 މެމްބަރުން ވޯޓު ދެއްވީ ދީދީ މަގާމުން ވަކިކުރަން ފެންނަ ކަމަށެވެ.
ހިޔާލު