Badi jehumuge haadhisaa ehgaa 25 maru
image
ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: ސީއެންއެން
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

މެކްސިކޯގެ ބާއެއްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާއެއްގައި 25 މީހުން މަރުވެއްޖެ

މެކްސިކޯގެ ބާއެއްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާއެއްގައި 25 މީހުން މަރުވެ 13 މީހުންނަށް އަނިޔާވެއްޖެ ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.
މިހާދިސާ ހިނގާފައިވަނީ މެކްސިކޯގެ ކޯޓްޒަކޯލްކޮސް ސިޓީގައި ހުންނަ ވައިޓް ހޯސް ނަމަކަށް ކިޔާ ބާއެއްގައެވެ. މިކަމުގެ ޝާމިލްވެފައިވަނީ ގޭންގްތަކަށް ނިސްބަތްވާ ފަރާތްތައް ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

ބަޑި ޖަހަމުން ދިޔަ ވަގުތު ބާ ތެރެއަށް ޕެޓްރޯލް ބޮން ތަކެއްވެސް އުކާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ. އަދި ބަޑި ޖެހި މީހުން ނިކުންނަމުން ހުރިހާ ދޮރުތަކެއް ބަންދު ކުރި ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މެކްސިކޯގެ ރައީސް އަންޑްރެސް މެނުއެލް ލޯޕެޒް ވިދާޅުވީ މިއަކީ ވަރަށް "ލަދުވެތި" ހާދިސާއެއް ކަމަށެވެ. މިހާދިސާއާ ގުޅޭގޮތުން ބޮޑު ތަހުގީގެއް ހިންގާނެކަމަށް ވެސް މެކްސިކޯގެ ރައީސް ވިދާޅުވިއެވެ.

ރައީސް އެންޑްރެސް ވިދާޅުވީ މިފަދަ ހާދިސާތަކާ ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ ބޭފުޅުންނާއި ގުޅުމެއް އޮތްތޯވެސް ތަހުގީގުކުރެވޭނެ ކަމަށެވެ.

މެކްސިކޯގެ ވެރަކުރޫޒް ސަރަހައްދުގެ ގަވަރުނަރު ވިދާޅުވީ ހާދިސާގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތައް ހޯދުމަށް ފުލުހުން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އެފަރާތްތަކަށް އަދަބުދެވޭނެ ކަމުގެ ޔަގީންކަން ގަވަރުނަރު އެރުވިއެވެ.

ގަވަރުނަރު ވިދާޅުވީ މިކަމުގައި ތުހުމަތު ކުރެވޭ ރިކާޑޯ ނަމަކަށް ކިޔާ މީހަކު މިދިޔަ މަސްތެރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރިތާ 48 ގަޑިއިރުތެރޭ އޭނާ ދޫކޮށްލާފައިވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މެކްސިކޯގައި މިފަދަ ހާދިސާތައް ހިނގުން ވަނީ އާންމުވެފައެވެ. ހަމަނުޖެހުންތަކުގެ ސަބަބެއް ކަމުގައި މީޑިއާ ރިޕޯޓްތައް ފާހަގަކުރަނީ އެގައުމުގެ ޑްރަގް ކާޓެލްތަކުގެ މެދުގައި އުފެދޭ މައްސަލަތަކެވެ.
ބަޑި މެކްސިކޯ
ހިޔާލު