Male ge magu thakuga fen boduvumuge massala ah dhaaimee halleh hoadhanee
image
މާލޭގައި ފެންހެދިފައިވާ މަގެއް--
މިއުނާ ހަސަން
1 ކޮމެންޓް
 

މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަނީ

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ވިދާޅުވެއްޖެ އެވެ.
ޝަމާއު ވިދާޅުވީ ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އުނދަގޫ ކަމަށެވެ. އެހެން ނަމަވެސް ފެން ހިންދާ ޕަންޕު ސްޓޭޝަން ގިނަކޮށްފި ނަމަ އާންމު އުނދަގުލަކަށް ނުވާވަ ރަށް އެކަމަށް ހައްލެއް ހޯދޭނެ ކަމަށެވެ.

މާލޭގެ މަގުތަކުގައި ފެން ހެދުމުގެ މައްސަލަ އަކީ އަބަދުވެސް ކުރިމަތިވާ މައްސަލައެކެވެ. ސިޓީ ކައުންސިލުން ބުނާ ގޮތުގައި އެ ކައުންސިލުގެ ބާރުތަށް ނެގުމަށް ފަހު ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމުން މަގުތަކަށް އޮތީ އަޅާ ނުލަ އެވެ.

ޝަމާއު ވަނީ އެހެން ވުމުގެ ސަބަބުން އަނެއްކާވެސް މަގުތަކުގައި ފެންބޮޑުވަމުންދާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ މާލޭގެ ފެން ފަށަލަ ވަރަށް ބޮޑަށް ހަލާކުވެފައި އޮތުމުން، ބިމުގެ އަޑިއަށް ގުދުރަތީ ގޮތުން ފެން ނުހިނދޭ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި ހުސްޓޯމް ވޯޓަ ފެން ހިންދާ ޕަންޕު ސްޓޭޝަންތަކެއް ގާއިމްކޮށްފައިވާ ކަމަށާއި، އެކަމަކު މިނިސްޓްރީގެ ބެލުމުގެ ދަށުގައި މަގުތައް އޮތްއިރު، އެތަކެތި ރަނގަޅަށް ބަލަހައްޓާފައި ނުވުމުގެ ސަބަބުން ގިނަ ޕަންޕުތަކެއް ހަލާކުވެފައި ހުރި ކަމަށެވެ.

ޝަމާއު ވިދާޅުވީ، ކައުންސިލްގެ ދަށަށް އަލުން ބާރުތައް ބަދަލު ކުރުމުން އެ ޕަންޕުތައް ހަދައި، ވާރޭ ވެހުނަސް ނުވެހުނަސް ގަވާއިދުން އެ ޕަންޕުތައް މަސައްކަތް ކުރޭތޯ މޮނިޓާ ކުރަމުންދާ ކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ އާންމު ރައްޔިތަކު ސީއެންއެމްއަށް ބުނީ މަޖީދީމަގު ހެދުމަށްފަހު ދުވަސްކޮޅެއް ވަންދެން މަގުގައި ފެން ބޮޑުވުމުގެ އުނދަގުލާ ކުރިމަތި ލާން ނުޖެހޭ ކަމަށެވެ. އެހެން ނަމަވެސް މިހާރު އަނެއްކާވެސް ކާނުތައް ފުރި މަޖީދީމަގުގެ ބައެއް ހިސާބުތަކުގައި ހިނގަން އުނދަގޫވާ މިންވަރަށް ފެންބޮޑުވާ ކަމަށެވެ.

"މަޖީދީ މަގު ހެދީމަ ހީވި ފެންބޮޑުވުމުގެ މައްސަލަ ހައްލުވީއޭ. އެކަމު މިހާރު އަނެއްކާ ކިރިޔާ ވާރޭ ތިއްކެއް ޖަހާލާއިރާށް އެ އޮންނަނީ ފެންބޮޑުވެފަ. މަޖީދީ މަގު، ސޯސަން މަގު ކަންމައްޗާ ހިސާބުން އެ އޮންނަނީ ވެސް ބޮޑު ފެންގަނޑު ހެދިފަ. އެތާ އެއިންނަ މިސްކިތަށް ނަމާދަށް އަރަން މިޖެހެނީ މާދުރުން މަގު ހުރަސްކޮށްގެން،" އެމީހާ ބުންޏެވެ.

މަޖީދީ މަގުގެ އިތުރުން ސަބުދެލި މަގަކީވެސް ފެށުނިއްސުރެން ވާރޭ ވެހިއްޖެނަމަ ފެންބޮޑުވާ މަގެކެވެ.

ހިރިޔާ ސްކޫލާއި ތާޖުއްދިން ސްކޫލްގެ ދަރިވަރުންގެ އިތުރުން ގިނަ ބަޔަކު ބޭނުންކުރާ ސަބުދެލި މަގުގެ އެއްކޮޅުން އަނެއްކޮށް ފެންބޮޑުވުމުގެ ސަބަބުން، ހާއްސަކޮށް ސްކޫލަށް ދިއުމަށް އެމަގު ބޭނުންކުރާ ކުދިންނަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

ހިރިޔާ ސްކޫލްގެ ބެލެނިވެރިއެއް ސީއެންއެމްއަށް ބުނީ، ސަބުދެލި މަގަކީ ކޮންމެ ދުވަހަކު ސްކޫލަށް ދަރިފުޅު ގެންދަން ހުރަސް ކުރަން ޖެހޭ މަގަކަށް ވާއިރު، ބޯކޮށް ވާރޭ ވެހިއްޖެނަމަ ޕޭވްމަންޓް މައްޗާއެއްކޮށް ފެންހެދިފައި އޮންނާތީ ކުދިން ސްކޫލަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

"ކޮންމެ ދުވަހަކު ސްކޫލަށް ދަރިފުޅު ގެންދަން ހުރަސް ކުރަންޖެހޭ މަގެއް އެއީ، މިހާރު ގާތްގަނޑަކަށް 10 ވަރަކަށް އަހަރު މިވަނީ، ބޯކޮށް ވާރޭ ވެހިއްޖާ ޕޭވްމަންވެސް ބޭނުން ނުކުރެވޭ. ދެން އެހިސާބުގެ އެހެން މަގެއް ވެސް ބޭނުމެއް ނުކުރެވޭ، ވަށާއިގެން ހުރި ހުރިހާ މަގެއްގައިވެސް އޮންނަނީ ފެންހެދިފަ،" އެމީހާ ބުންޏެވެ.

ސީއެންއެމްއަށް މައުލޫމާތުދެމުން ޝަމާއު ވިދާޅުވީ، 468 މަގު މާލޭގައި އޮތްއިރު ވަރަށް ދުވަސް ވަންދެން މަގުތަކަށް އަޅާނުލާ އޮތްނަމަވެސް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މަގުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ޕްލޭންތަކެއް ހެދިފައިވާ ކަމަށެވެ.

މިހާރުވެސް މަގުތައް މަރާމާތު ކުރުމުގެ ކުދިކުދި މަސައްކަތް ކުރަމުންދާއިރު، ބޮޑެތި މަސައްކަތްތަށް އަންނަ އަހަރު ފެށުމަށް ނިންމާފައިވާ ކަމަށް ޝަމާއު ވިދާޅުވި އެވެ.
ހިޔާލު

ދޯރި

މާލޭ ސިޓީ ކައުންސިލުން އަނެއްކާވެސް ބާރުތައް ނަގަންވީއެވެ.އަހަރުވާއިރު ވީ އެއްކަމެއްވެސް ނެތެވެ. މަގު ތަކާއި ޕާކުތައްވެސް ވީރާނާ ވަމުން ދަނީއެވެ. ރަގަޅަށް މެއިންޓައިން ނުކުރާތީއެވެ. ޖުމްހޫރީ މައިދާނުގައި އޮތް ވިނަގަނޑުވެސް އެއްކޮށް މިހާރު ހަލާކުވެއްޖެއެވެ. ނުބަލަހައްޓާތީއެވެ. ސުނާމީ ބިނާއާއި ރަސްފަންނާއި ރަސް ރަނި ދެންވެސް ހުރި ޕާކުތަކުގެ ތަންތަން ދަނީ ހަލާކުވަމުންނެވެ. ބޮކިތައް ހަލާކުވެ ބެންޗުތައް ހަލާކުވެ ލަކުޑި ފްރޭމްތައް ހަލާކުވެ ދަނީއެވެ. ކާނުތައް ސާފު ނުރާތީ ގިނަ މަގުތަކުގައ ފެން ބޮޑުވަނީއެވެ.