7 February thakuraaruviya nudhinumah fas aharuge strategic plan eh
image
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ--
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ހަތެއް ފެބްރުއަރީ ތަކުރާރުވިޔަ ނުދިނުމަށް ފަސް އަހަރުގެ ސްޓްރެޖިކް ޕްލޭނެއް ހޯމް މިނިސްޓަރީން އެކުލަވާލައިފި

ފެބްރުއަރީ 7، 2012 ގައި ހިނގާދިޔަ ފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފަސް އަހަރުގެ ސްޓްރެޖިކް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް މިނިސްޓަރު އޮފް ހޯމް އެފެއާޒް ޝޭހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން މިކަން ހާމަކުރެއްވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމަނިކުފާނާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ޖާބިރު ސުވާލުކުރައްވާފައި ވަނީ ހަތެއް ފެބްރުއަރީގެ ހާދިސާ ތަކުރާރުވިޔަ ނުދިނުމަށް މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުންނެވެ.

މިނިސްޓަރު ވިދާޅުވީ ފަސް އަހަރުގެ ސްޓްރެޖިކް ޕްލޭނެއް އެކުލަވާލާފައިވާ އިރު، އެ ޕްލޭން ތަންފީޒް ކުރުމަށް ބޭނުންވާ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

"ފަސް އަހަރުގެ ސްޓްރެޖިކް ޕްލޭނެއް މިހާރު ވަނީ އެކަށައަޅާ ނިމިފަ. އަދި އެ ޕްލޭން އިމްޕްލިމެންޓް ކުރުމަށް ބޭނުންވާ އެކްޝަން ޕްލޭން މިހާރު ވަނީ ފައިނަލް ކުރުމުގެ މަރުހަލާގެ ތެރޭގަ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

ސްޓްރެޖިކް ޕްލޭންގެ ދަށުން ފުލުހުންނަށް ބޭނުންވާ ތަމްރީންތައް ހޯދައިދިނުމަށް ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް އިމްރާން ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެކަމުގެ މަސައްކަތް ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިވަގުތު ވެސް އިނގިރޭސި ވިލާތުގައި ހުންނެވި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންނަށް އިތުރު ތަމްރީނާއި ހުނަރު ހޯދައިދިނުމަށްޓަކައި ބޭރުގެ ތަޖުރިބާކާރުންނާ މަޝްވަރާކުރެވިފައިވާ ކަމަށެވެ. މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ފުލުހުންގެ އެތެރޭގެ ސަފުތައް ތަރުތީބުކުރެވި، ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސްޓްރެޖިކް ޕްލޭންގެ ދަށުން ފުލުހުންގެ މުއައްސަސާއަކީ ގާނޫނީ ގޮތުން އުފެދިފައި އޮންނަ ސަރުކާރު ނަގަހައްޓާ ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ މުއައްސަސާއެއްގެ ގޮތުގައި ކުރިއަށް ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސްޓްރެޖިކް ޕްލޭންގެ އަސާސްތައް ބިނާވެފައިވަނީ ފުލުހުންނަކީ އިންސާނުންނާ މެދު އޯގަތެރިކޮށް ހިތާ، ރައްޔިތުންނަށް އިސްކަން ދީގެން، ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އިހްތިރާމާއި ލޯބި ލިބޭނެ ގޮތަކަށް ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުމަށް ކަމަށެވެ.

އަދި ފުލުހުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ޒަމާނީ ފެންވަަރުގެ ހިދުމަތަކަށް ހެދުމާއި ޒަމާނީ ޓެކްނޮލިޖީގެ ވަސީލަތްތައް ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން އެންމެ ފުރިހަމަ ހިދުމަތެއް ދިނުން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ވަކި މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅުނު ހިސާބުން ފެށިގެން މިއަދާ ހަމައަށް ފުލުހުންގެ ހިދުމަތްތައް ތަރައްގީކުރުމަށް ވަނީ އުދަނގޫ މަރުހަލާތަކެއް ކަޑައްތުކޮށްފައި ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ހުނަރާއި ގާބިލްކަން ލިބިދީފައިވާ އަދި މަތީ ފެންވަރުގެ ތަލުލީމާއި ތަމްރީން ލިބިދީފައިވާ އެތައް އޮފިސަރުންނެއް މިއަދު ފުލުހުންގެ ތެރޭގައި އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފެބްރުއަރީ ހަތަކާއި ގުޅޭ ގޮތުން މިނިސްޓަރާ މިއަދު ސުވާލުކުރެއްވި އިރު މީގެ ކުރިން ވެސް އިމްރާން ވަނީ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އޭރު އިމްރާނާ ސުވާލުކުރެއްވީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމާ ގުޅޭގޮތުންނެވެ.
ހިޔާލު