Hatheh February ge vaahaka dhahkaa nama gaumuge maslahathu gelleyne: Minister Imran
image
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
2 ކޮމެންޓް
 

ހަތެއް ފެބްރުއަރީގެ ވާހަކަ ދައްކާނަމަ ގައުމުގެ މަސްލަހަތު ގެއްލޭނެ: އިމްރާން

ފެބްރުއަރީ 7، 2012 ގައި ހިނގާ ދިޔަ ކަންތައްތަކުގެ ވާހަކަ މިއަދު ދައްކާނަމަ ގައުމުގެ މަސްލަހަތު ގެއްލި ހަމަނުޖެހުން އުފެދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޝިޔާމް ކުރެއްވި ސުވާލުގައި ވަނީ ހަތެއް ފެބްރުއަރީގެ ހާދިސާއަކީ ބަގާވާތެއްތޯ އާއި އެދުވަހުގެ ހާދިސާގައި އިމްރާންގެ ހިއްސާ އޮތް މިންވަރު އޮޅުންފިލުވާ ދިނުމަށެވެ.

ޖަވާބުގައި އިމްރާން ވިދާޅުވީ އެދުވަހުގެ ހާދިސާގައި އެކި ގޮތްގޮތަށް ހަރަކާތްތެރިވީ ބޭފުޅުން މިވަގުތު މަޖިލީހުގައި ވެސް އެބަ ތިބި ކަމަށެވެ. އަދި އެދުވަހުގެ ވާހަކަ މިއަދު ދައްކާނަމަ އެބޭފުޅުންގެ މެދުގައި އުފެދިފައިވާ އެކުވެރިކަން ގެއްލި ގައުމު ހަލަބޮލިވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ހަތެއް ފެބްރުއަރީގެ ވާހަކަ މިއަދު ދައްކަންވެއްޖެ ކަމަށް ވާނަމަ އަޅުގަނޑުމެންގެ ގައުމުގައި އިތުރަށް ހަލަބޮލިކަމާއި ހަމަނުޖެހުމާއި މަސްލަހަތު ގެއްލުން ފިޔަވާ އިތުރު އެއްވެސް ކަމެއް ނުވާނެ. އެނގިވަޑައިގަންނަވާނެ ފަދައިން މި މަޖިލިސް ތެރޭގައި އެކި ކަންކަމުގަ އެކި ގޮތް ގޮތަށް އެކި ކޮޅުގައި ތިއްބެވި އެތައް ބޭފުޅުން އެބަ ތިއްބެވި،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ގައުމު އެކުވެރި ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެކި ބޭފުޅުންގެ މެދުގައި ގާއިމުވެފައިވާ އެކުވެރިކަން ގެއްލިގެން ނުދާނެ ފަދަ ގޮތަކަށް ގައުމުގެ ކަންކަން ބައްޓަންކުރުމަކީ އެންމެންގެ ވެސް މަސްއޫލިއްޔަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަތެއް ފެބްރުއަރީގެ "ފަސްބައި ނަގާ ކޮނެ ހަދާ" ގައުމަށް ގެއްލުން ލިބިދާނެ ފަދަ ގޮތަކަށް ކަންކަން ބައްޓަން ވެގެން ދިޔުމަކީ އެއްވެސް ބޭފުޅަކު ބޭނުންވާނެ ގޮތެއް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާންގެ ވާހަކަތަކާއި ގުޅިގެން އިދިކޮޅު މެމްބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. ޝިޔާމް ވިދާޅުވީ ހަތެއް ފެބްރުއަރީގައި ޝާމިލުވި ބޭފުޅުން ސަރުކާރުގެ އެންމެ އިސް މަގާމުގައި ތިބުމަކީ އެދުވަހުގެ ވާހަކަ ދެކެވެން ޖެހޭ ކަމެއް ކަމަށެވެ.

"މަސްލަހަތު ގެއްލޭނެ އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ނުފެނޭ. ހަތެއް ފެބްރުއަރީގެ ވާހަކަ ދެކެވެން ޖެހޭނެ. ހަތެއް ފެބްރުއަރީގައި ގެނެވުނީ ބަގާވާތެއްތޯ ސުވާލުކުރެވެން ޖެހޭނެ،" ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާންގެ ވާހަކަތައް ހުރީ އަނެއްކާވެސް ބަގާވާތެއް ކުރަން އުޅޭ ފަދަ ގޮތަށް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް ވަނީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އިމްރާން ކިހާވަރެއްގެ ޒިންމާއެއް ނަންގަވާނަންތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ މައްސަލަ އޮތީ ބަލަން ޖެހޭ މުއައްސަސާތަކުން ބަލައި ނިންމާފައި ކަމަށެވެ.

މިނިސްޓަރު އިމްރާން ވަނީ ހަތެއް ފެބްރުއަރީގައި ހިނގާ ދިޔަ ކަންތައްތައް ދިރާސާ ކުރެއްވުމަށް ދުނިޔޭގެ ފެންވަރުގައި ކޮމިޝަނެއް އެކުލަވާލިކަން ފާހަގކުރައްވައިފަ އެވެ. އަދި ކޮމިޝަނުން އެދުވަހުގެ މައްޗަށް ރިޕޯޓެއް އެކުލަވާލިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެމައްސަލަ ބެލިފައިވާ ބެލުންތަކުގައި އިތުރު މައްސަލައެއް ހުރި ނަމަ އެމައްސަލަ އަލުން މުރާޖައާ ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އިމްރާން އެދިވަޑައިގަތެވެ. އެނޫން ގޮތަކަށް އެމައްސަލައަށް އަނބުރާ ދެވޭނެ މަގެއް ފެންނަން ނެތް ކަމަށް އިމްރާން ވިދާޅުވިއެވެ.

އިދިކޮޅު މެމްބަރުންގެ ސުވާލުތަކަށް ރައްދު ދެއްވަމުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް ވިދާޅުވީ އެސުވާލުތަކަކީ ޒާތީ ގޮތުން ކުރެވޭ ސުވާލުތަކެއް ކަމަށެވެ. ހަތެއް ފެބްރުއަރީގެ މައްސަލައަކީ އެމްޑީޕީއާ ގުޅުން އޮތް މައްސަލައެއް ކަމަށާއި، ނަމަވެސް ފެނިގެން މިދަނީ އެކަން ކުރެއްވި ބޭފުޅުން އެކަމާ ކަންބޮޑުވެގެން އުޅޭ މަންޒަރު ކަމަށް ހަލީމް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކުރެވުނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. ޖާބިރު ސުވާލު ހުށަހަޅުއްވާފައި ވަނީ ހަތެއް ފެބްރުއަރީގައި ހިނގާދިޔަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އެދުވަހުގެ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފަސް އަހަރުގެ ސްޓްރެޖިކް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ސްޓްރެޖްޓިކް ޕްލޭން ތަންފީޒް ކުރުމަށް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ހިޔާލު

ކާފަދ

ޤައުމުގެ މަސްލަހަތަކީ ތިމާ އެރޭ ކާސިމްބޭ ގައިގަ ބައްދާ އޮޅުލިއޮޅުލުން ކަމަށްވާނަމަ އެ ގެއްލޭނެ. ޤައުމު ނޫޅޭ ވެރިކަމަށް ދަހިވެތިވެގެން ޤާިމްބެގެ ލާރިކޮޅަށް ދަހިވތިވެގެންނެއް. ތިބައިގަނޑުގެ ވަރަށް ގިނަ ވާހަކަތައް އުމަރު ނަސީރު ކިޔައިދީފަ އޮތީ

އިމްރާން

އޭ މަ ދެއްކި ވާހަކަ ހަމަޖެހޭ ދޯ؟