Kudakudhinge adhuluge bill committee ah fonuvaifi
image
ރައްޔިތުންގެ މަޖިލިސް--
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ކުޑަކުދިންގެ އަދުލުގެ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

ސަރުކާރުގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުޑަކުދިންގެ އަދުލުގެ ބިލު ބަލައިގަންނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެ ބިލު ބަލައިގަންނަން ފާސްވީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވި 66 މެމްބަރުންގެ އިއްތުފާގުންނެވެ. މަޖިލީހުން ބިލު ބަލައިގަތުމާއެކު، އެބިލު އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

ކުޑަކުދިންގެ އަދުލުގެ ބިލު ގާނޫނަކަށް ވުމުން ބޮޑެތި މީހުންގެ މައްޗަށް ހިންގާ އާންމު ޖިނާއީ އަދުލުގެ ނިޒާމާ މުޅިން ވަކިކުރެވިފައިވާ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމުކުރެވިގެން ދާނެ އެވެ. އަދި ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ބަލަން ހާއްސަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުން ތިބޭ ޖުވެނައިލް ކޯޓެއް ކަނަޑައެޅި މާލޭގައި މިހާރު ގާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގެ އިތުރުން، އެ ކޯޓުގެ ސަރަހައްދީ ޑިވިޝަންތައް ގާއިމުކުރެވޭނެ އެވެ.

މަޖިލީހުން ބިލް ފާސްވެ ގާނޫނަކަށް ވެއްޖެ ނަމަ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރަކީ، އުމުރުން 15 އަހަރު ކަމުގައި ކަނޑައެޅޭނެ އެވެ. މި ބިލުގައި ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭ އުމުރު ބިލުގައި ކަނޑައަޅާފައި ވަނީ، އިސްލާމީ ގައުމުތަކުގައި ކަނޑައަޅާފައިވާ އުމުރަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ބިލުގެ ދަށުން ދާހިލީ ކަންކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި ވަނީ މިނިސްޓްރީގެ ދަށުން ހިނގަމުން ދާނެ ސަރުކާރުގެ އިދާރާއެއް، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި އުފައްދައި، އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތައް ކަނޑައެޅިގެންނެވެ. މީގެ އިތުރުން، މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިން ބަންދުކުރާ މަރުކަޒުތައް ސަރުކާރުން ހެދުމަށް މި ބިލުގައި ލާޒިމްކުރެ އެވެ.
ކުޑަކުދިން ސަރުކާރު
ހިޔާލު