Ali Waheed Limkokwing University ah ziyaari kurahvaifi
image
"ގްލޯބަލީ އިންސްޕިރޭޝަނަލް ލީޑަޝިޕް" ގެ ހާއްސަ އެވޯޑެއް މިނިސްޓަރަށް އަރުވަނީ-- ފޮޓޯ: ޓްވީޓާ
މިއުނާ ހަސަން
0 ކޮމެންޓް
 

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ލިމްކޮކްވިންގް ޔުނިވާސިޓީއަށް ޒިޔާރަތް ކުރައްވައިފި

މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވާސިޓީގެ ދައުވަތަކަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ ޔުނިވާސިޓީގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައިފި އެވެ.
މިނިސްޓަރު އަލީ ވަހީދު ލިމްކޮކްވިންގް ޔުނިވާސިޓީގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވާފައި ވަނީ މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިންނެވެ.

މިނިސްޓަރުގެ ބައްދަލުވުމުގައި، ލިމްކޮކްވިންގް ޔުނިވާސިޓީގެ ނައިބު ރައީސް ޑާތޯ ސްރީ ޓިމޮތީ ލިމްކޮކްވިންގްގެ އިތުރުން ޔުނިވާސިޓީ ހިންގެވުމުގައި އިސް ދައުރެއް އަދާ ކުރައްވާ ފަރާތްތަކާ ވަނީ ބައްދަލުކުރައްވާފަ އެވެ.

އެބޭފުޅުންގެ ރަސްމީ ބައްދަލުވުމުގައި، ރާއްޖޭގެ މިހާރުގެ ސަރުކާރުން ތައުލީމީ އަދި ގާބިލު ޒުވާނުން އުފެއްދުމަށްޓަކައި ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރެއްވި އެވެ.

އަދި މިނިސްޓްރީ އާއި، ފަތުރުވެރިކަމުގެ ސިނާއާތުގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔައެވެ.

މިނިސްޓަރު އަލީ ވަހީދުގެ ޒިޔާރަތުގެ ޝަރަފުގައި، ލިމްކޮކްވިންގް ޔުނިވާސިޓީގެ ރައީސް ޓޭން ސްރީ ޑާތޯ ސްރީ ޕަޑުކާ ޑޮކްޓަ ލިމްކޮކްވިންގްގެ ފަރާތުން، ރާއްޖޭގެ 10 ދަރިވަރުންނަށް އެ ޔުނިވާސިޓީގައި ހިލޭ ކިޔެވުމުގެ ފުރުސަތު ވަނީ ފަހިކޮށްދެއްވާފަ އެވެ.

ލިމްކޮކްވިންގް ޔުނިވާސިޓީގެ ދީލަތި އެހީ ގަބޫލުކުރައްވާ މިނިސްޓަރ އަލީ ވަހީދު ވަނީ ޔުނިވާސިޓީގެ ރައީސްއަށާއި ނައިބު ރައީސްއަށް ޝުކުރު ދަންނަވާފަ އެވެ.

މިނިސްޓަރުގެ ޒިޔާރަތުގައި ތައުލީމީ ދާއިރާގެ އިތުރުން، އަމަލީ ތަޖުރިބާގެ އަލީގައި ދަރިވަރުންނަށް އުނގަންނައިދިނުމަށް އެ ޔުނިވާސިޓީގެ ފަރާތުން ގެންގުޅޭ އުސޫލަށް ވަނީ ތައުރީފު ކުރައްވާފައި ވެއެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ލިމްކޮކްވިންގް ޔުނިވާސިޓީއަށް މިނިސްޓަރު ކުރެއްވި ޒިޔާރަތުގައި، ޔުނިވާސިޓީގެ ދަރިވަރުންގެ ފަރާތުން މެލޭޝިޔާގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ކުލަގަދަ ހަރަކާތްތަކަކާއިއެކު ވަރަށް ހޫނު މަރުހަބާއެއް ވަނީ އަރުވާފަ އެވެ.

އަދި މިނިސްޓަރުގެ ޒިޔާރަތުގައި، ދަރިވަރުންގެ ހާއްސަ ޕުރޮޖެކްޓްތަކާއި، ޔުނިވާސިޓީގެ ހޯލް އޮފް ފޭމް ވަނީ ބައްލަވާލައްވާފަ އެވެ.

ޔުނިވާސިޓީގެ ކުރީގެ ދަރިވަރެއްގެ ހައިސިއްޔަތުން މިނިސްޓަރު ޢަލީ ވަޙީދު މިއަދާއި ހަމައަށް ހާސިލުކުރައްވާފައިވާ ކާމިޔާބު ފާހަގަކޮށް، ޔުނިވާސިޓީގެ ފަރާތުން "ގްލޯބަލީ އިންސްޕިރޭޝަނަލް ލީޑަޝިޕް" ގެ ހާއްޞަ އެވޯޑެއް މިނިސްޓަރަށް ވަނީ އަރުވާފައެވެ.
ހިޔާލު