Judicary committee gai Bishaam ithurufulhu hehdhevi kamuge thuhumathu
image
ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް-- ފޮޓޯ: މަޖިލިސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ޖުޑީޝަރީ ކޮމިޓީގައި ބިޝާމް ދޮގު މައުލޫމާތު ދިންކަމުގެ ތުހުމަތު މެމްބަރު ސިރާޖު ކުރައްވައިފި

ޖުލައި 22 ވަނަ ދުވަހު ޖުޑިޝަރީ ކޮމިޓީއަށް ވަޑައިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ދޮގުމައުލޫމާތު ދެއްވި ކަމުގެ ތުހުމަތު ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރައްވައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލީހުގައި ބަހުސް ކުރައްވަމުން ސިރާޖު ވިދާޅުވީ ބިޝާމް އެންމެ ހިދުކޮޅަކު ވެސް ޕީޖީގެ މަގާމުގައި ބަހައްޓަން ނުޖެހޭ ކަމަށެވެ. އަދި އެކަން ކުރުމަށް ގާނޫނަށް އިސްލާހުތަކެއް ގެންނަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއަދުން މިއަދަށް ވެސް އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ ޕްރޮސެކިއުޓަ ޖެނެރަލް މަގާމުން ވަކިކުރުން. އެއީ ގާނޫނަށް މާ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމެއް ނޫން. އަޅުގަނޑުމެން ޖެހޭނީ އިހްލާސްތެރި، ނަޒާހަތްތެރި ޕްރޮސެކިއުޓަ ޖެނެރަލެއް މަގާމަށް އައްޔަން ކުރަން،" ސިރާޖު ވިދާޅުވި އެވެ.

ނޫސްވެރިޔާ ރިލްވާން ގެއްލުވާލުމުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި ދެ މީހުންނަށް ކުށް ސާބިތުނުވުމުން، އެ މައްސަލަ ޕީޖީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ނުކުރީ ކީއްވެތޯ ކޮމިޓީގެ މެމްބަރުން ބިޝާމާ ސުވާލުކުރެއްވިއެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފް ކުރެއްވި ކަމަށް ޖުޑީޝަރީ ކޮމިޓީގައި ބިޝާމް ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އެކަމުގެ މައުލޫމާތު ކޯޓުން ސާފުކުރައްވާފައިވާ ކަމަށެވެ. އަދި މައުލޫމާތު ސާފުކުރުމުން ޕީޖީ ބިޝާމް ހެއްދެވީ ދޮގުކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ އެކެއްގެ ފަހުން ރައީސް އޮފީހަށް ވަޑައިގަތުމާ ބެހޭ ގޮތުންވެސް ކޮމިޓީއަށް ބިޝާމް އޮޅުވާލާފައިވާކަމަށެވެ. ން ރައީސް އޮފީހަށް ވަޑައިގެންނެވީ ކޮން ބޭނުންމެއްގައި ކަން އެއްސެވުމުން އެއީ، ޑްރަގު ކައުންސިލްގެ ބައްދަލުވުންތަކެއްގައި ބައިވެރިވުމަށް ކަމަށް ބިޝާމް ވިދާޅުވިއެވެ.

ނަމަވެސް ރައީސް އޮފީހުން އެކަން ބެލިއިރު އެކަމާ ބެހޭ ގޮތުންވެސް ބިޝާމް ހެއްދެވީ ދޮގުކަން ހާމަވެގެންދާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ބިޝާމަކީ އެތައް ރައްޔިތުންގެ މައްޗަށް ނުހައްގުން ދައުވާތަކެއް ކޮށްފައިވާ ފަރާތެއްކަމަށެވެ. އެކަން އެހެން އޮއްވާ ބިޝާމް މަގާމުން ދުރު ނުކުރެވިގެން އުޅެނީ ކޮން ބޭނުމަކަށްކަން ވިސްނިވަޑައި ނުގަންނަވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ބިޝާމް ޕީޖީގެ މަގާމަށް އައްޔަންކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ޕީޖީ އޮފީހުން ދާދިފަހުން ވަނީ މަރުގެ މައްސަލައެއްގައި ހުށަހެޅި ސިއްރު ހެކިންގެ މައުލޫތު "އޮޅިގެން" ހާމަކޮށްފައެވެ.
ހިޔާލު