Fen boduvumun Japan ge ethah baeh gedhoru dhookollan jehijje
image
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ފެން ބޮޑުވުމުން ޖަޕާންގެ އެތައް ބައެއް ގެދޮރު ދޫކޮށްލަން ޖެހިއްޖެ

ޖަޕާނަށް ކުރަމުންދާ ގަދަ ވިއްސާރާގައި ފެން ބޮޑުވުމުގެ ސަބަބުން އެގައުމުގެ އެތައް ލައްކަ ބަޔަކު ދިރިއުޅެމުންދާ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުވުމަށް އަންގައިފިއެވެ.
ޖަޕާންގެ އެމަޖަންސީ އޮތޯރިޓީއިން ވަނީ ފެންބޮޑުވެ ކޯރުތައް ފުރިގެން ބަޑުންވާނެ ކަމަށް ބުނެ ޖަޕާންގެ ފުކުއޮކާ، ސާގާ އަދި ނަގާސްކީއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އެ މުއައްސަސާއިން ފުރަތަމަ ނެރިފައިވަނީ އެންމެ މަތީ ދަރަޖަ ކަމުގައިވާ ލެވެލް ފަހެއްގެ ނޯޓިސްއެކެވެ. ނަމަވެސް ފަހުން ލެވެލް ހަތަރަކަށް ވަނީ ބަދަލުކޮށްފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ 870،000 މީހުން އެސަރަހައްދު ދޫކޮށް ދިޔުމަށް ވަނީ އެދިފައެވެ. ޖަޕާނަށް ކުރަމުންދާ ވިއްސާރާގައި ކޮންމެ ގަޑި އިރަކު ހަތަރު އިންޗީގެ ވާރޭ ވެހޭކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

ވިއްސަރާވެ ފެންބޮޑުވުމުގެ ސަބަބުން އޮޔާދިޔަ ކާރެއްގެ ތެރޭގައި އުމުރުން ދުވަސްވީ ފިރިހެެނެއް މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. އަދި އިތުރު ދެހާދިއްސާއެއްގައި ދެމީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއްވެފައެވެ.

ފެނބޮޑުވުމުގެ ސަބަބުން އެގައުމުގެ އެއްގަމު ދަތުރުފަތުރު ކުރުން ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. އެސަރަޖައްދުގެ ރެއިލްވޭ ސްޓޭޝަންތައް އޮޕަރޭޓްކުރުން ވަނީ ހުއްޓާލައިފައެވެ.

ޖަޕާންގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝިހިޑެ ސުގާ ވަނީ، މިފަދަ ހާލަތްތަކުގައި ސަރުކާރުން އަންގާ އެންގުންތަކަށް ސަމާލުވުމަށް އެދިފައެވެ. އަދި އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ޖުލައި މަހު ކްޔޫޝޫގައި ދިރިއުޅެމުންއައި އެއް މިލިއަނެއްހާ ރައްޔިތުންވެސް އެސަރަހައްދު ދޫކޮށްދިއުމަށް ވަނީ އަންގައިފައެވެ. އެއްދުވަސްތެރޭ ކްޔޫޝޫއަށް ވަނީ މަސް ދުވަހުގެ ވާރޭ ވެހިފައެވެ.
ހިޔާލު