Bodu teacher maruvee aailaa salaamai kuran masahkai kuranikoh!
image
ޑިންގީ ބަންޑުންޖަހާލުމުގެ ހާދިސާގައި މަރުވި ބޮޑު ޓީޗަރު (ވ).
1 ކޮމެންޓް
 

ބޮޑު ޓީޗަރު މަރުވީ އާއިލާ ސަލާމަތްކުރަން މަސައްކަތް ކުރަނިކޮށް!

ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫ އަށް ދަތުރުކުރަނިކޮށް އިއްޔެ ޑިންގީ އެއް ބަންޑުން ޖަހާލައިގެން މަރުވި ފަސް މީހުންގެ ތެރޭގައި ހިމެނޭ ނޮޅިވަރަމް ސްކޫލުގެ އެންމެ ގިނަ ދުވަސްވީ ޓީޗަރު ހުސެއިން އަބްދުﷲ (ބޮޑު ޓީޗަރު) މަރުވީ އޭނާގެ އާއިލާ ސަލާމަތްކުރަން އުޅެނިކޮށް ކަން އެނގިއްޖެ އެވެ.
ޑިންގީ ބަންޑުންޖަހާލި ވަގުތު އޭގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރެއިން ފަސް މީހުން މަރުވި އިރު، ބާކީ ތިބި ފަސް މީހުން ވަނީ ސަލާމަތްވެފަ އެވެ. އަދި އެ ކަން ހިނގި ވަގުތު ކަންތައް ވެގެން ދިޔަ ގޮތް ސަލާމަތްވީ މީހުންނާ ހަވާލާދީ އެ މީހުންގެ ގާތް މީހުން ވަނީ މީޑިއާ ތަކަށް ކިޔައިދީފަ އެވެ.

އެގޮތުން އެ ހާދިސާގައި ސަލާމަތްވީ މީހުންގެ ބައެއް މީހުން "ސީއެންއެމް" އަށް ބުނީ، މަތި ހިޔާކޮށް ކުޑަ ލޯންޗެއް ގޮތަށް އޮތް ޑިންގީ ބަންޑުން ޖަހާލީ ކޮޅިގަނޑުގައި ޖެހުމުން އޭރު ލޯންޗާ އެންމެ ކައިރީގައި އޮތް ހަނިމާދޫ ހިމަކޮޅާއި ދިމާލުން ފަޅަށް ވަންނަން އުޅެނިކޮށް ކަމަށެވެ. އަދި ބަންޑުންޖަހާލި ވަގުތު ޑިންގީ ތެރެއަށް ލޮނު ވިއްސާތީ ހުރީ ގެގަނޑުގެ ވަށައިގެން ހުންނަ ސަތަރިތައް ވައްޓާލާފައި ކަމަށް ވެއެވެ.

- އިއްޔެގެ ހާދިސާގައި މަރުވި ކުޑަ ކުއްޖާ

އެ ހާދިސާގައި ސަލާމަތްވީ މީހުންނާ ހަވާލާދީ ބައެއް މީހުން ބުނީ ލޯންޗް ބަންޑުންޖަހާލުމުން އެންމެންވެސް މަސައްކަތް ކުރީ ސަތަރިގަނޑު ހަލާކު ކޮށްލައިގެން މައްޗަށް އެރުމަށެވެ. އެގޮތުން ސަތަރިގަނޑު ހަލާކު ކޮށްލައިގެން މައްޗަށް އެރުނީ ހަ މީހުންނަށް ކަމަށް ވެއެވެ. އެއީ ސަލާމަތްވި ފަސް މީހުންގެ އިތުރުން ބޮޑު ޓީޗަރަށެވެ.

ނަމަވެސް އެންމެންނަށް މައްޗަށް ނޭރޭކަން އެނގުމުން ބޮޑު ޓީޗަރުން އަލުން ޑިންގީ އާ ދިމާލަށް ފީނައިގަތީ އެވެ. އެކަމަކު އެއަށް ފަހު އެނބުރި އޭނާ މައްޗަކަށް ނާރަ އެވެ. ބައެއް މީހުން ގަބޫލުކުރާގޮތުގައި ބޮޑު ޓީޗަރު މައްޗަށް އެރުމަށް ފަހު ލޯންޗުގައި އޭނާގެ އާއިލާ ތާށިވެފައި ތިބިކަން އެނގުމުން އަލުން އަޑިއަށް ދާންވީ އިރު، ލޯންޗްގައި ތާށިވެފައި ތިބި ހަތަރު މީހުން ވެސް ތިބޭނީ މަރުވެފަ އެވެ.

- އިއްޔެގެ ހާދިސާގައި މަރުވި ގުރައިޝާ

ބޮޑު ޓީޗަރު މަރުވީ އެ މަންޒަރު ފެނުމުން ލިބުނު ކުއްލި ޝޮކުން ކަމަށް ވެސް ބައެއް މީހުން ގަބޫލުކުރެ އެވެ. އެކަމަކު ހޮސްޕިޓަލުގެ މަސްދަރުތަކުން އެނގިފައިވާ ގޮތުގައި މަރުވި އެންމެންނަށް ވެސް ވަނީ ވަރަށް ބޮޑަށް ލޮނު ބޮވިފަ އެވެ. އަދި ސަލާމަތްވީ މީހުންނަށް ވެސް ތިބީ ވަރަށް ބޮޑަށް ލޮނު ބޮވިފައި ކަން ހޮސްޕިޓަލުން ވަނީ ހާމަކޮށްފަ އެވެ.

ބޮޑު ޓީޗަރުގެ އިތުރުން އެ ހާދިސާގައި މަރުވީ އޭނާގެ އަންހެނުން މަރިޔަމް މަނިކެ އާއި އެ ދެ މީހުންގެ ހަމައެކަނި އަންހެން ދަރިފުޅު ފާތުމަތު ގުރައިޝާ އަބްދުﷲ، އަދި އޭނާގެ ހަމައެކަނި ދަރިފުޅު އީރާ ހަސަން ޝިފާޒްގެ އިތުރުން އައިޝަތު އަލީ އެވެ.

- ބަންޑުން ޖަހާލި ޑިންގީ

އެ ހާދިސާ އިން ސަލާމަތްވީ ފަސް މީހުންގެ ގާތް މީހުން ބުނާ ގޮތުގައި އެ މީހުން ވެސް ސަލާމަތްވީ ކިރިޔާ އެވެ. ސަތަރިގަނޑު ހަލާކުކޮށްލައިގެން ލޯންޗް ތެރެއިން ނިކުންނަން ލިބުނު ހަނި ފުރުސަތުގެ ބޭނުން ނުހިފުނު ނަމަ އެކަކު ވެސް ސަލާމަތް ނުވީސް ކަމަށް އެ މީހުން ދެކޭ ކަމަށް، ގާތް މީހުން ބުނެ އެވެ.

ހިތާމަވެރި ހާސިދާ އިން ސަލާމަތްވީ ފަސް މީހުން ވެސް މިހާރު ވަނީ ފަރުވާ އަށް ފަހު ހަނިމާދޫ ސިއްހީ މަރުކަޒުން ދޫކޮށްލާފަ އެވެ. އެ އެންމެންގެ ހާލު ރަނގަޅު ނަމަވެސް، އަދިވެސް އެ މީހުން ތިބީ އެ ހާދިސާ އާ ގުޅިގެން ފުން ހިތާމައެއްގައި ކަމަށް އެ މީހުންގެ ގާތް މީހުން ބުނެ އެވެ.
ހިޔާލު

ލޯބަލި

ބޮޑު ލޯންޗެއްގެ ފޮޓޯއެއް ޖަހާފަ ޑިނގީއެކޯ ލިޔުނީމަ ކޮންމެ ކަމެއްގައިވެސް ދިވެހިން ފަރުވާކުޑަކަމާ ވަރިހަމަކަން ބޮޑުކަމުގެ މިންވަރު ވަރަށްސާފު!