Baeh zuvaanun siyaasee nuvaan ulheythee dheravey: Raees Nasheed
image
އެމްޑީޕީ ޔޫތު ކޮންގްރެސް އަށް ތައްޔާރުވާން ބޭއްވި ވޯކްޝޮޕްގައި ރައީސް ނަޝީދު (މ).-- ފޮޓޯ: އެމްޑީޕީ
0 ކޮމެންޓް
 

ބައެއް ޒުވާނުން ސިޔާސީ ނުވާން އުޅޭތީ ދެރަވޭ: ރައީސް ނަޝީދު

ބައެއް ޒުވަނުން ސިޔާސީ ނުވާން އުޅޭތީ ދެރަވާ ކަމަށާއި، ޒުވާނުން ސިޔާސީ ވުމަކީ "ސަޅި ކަމެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މާދަމާ ފަށާ އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް އަށް ތައްޔާރުވުމުގެ ގޮތުން މިއަދު ފެށި ވޯކްޝޮޕްގައި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ބައެއް މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޒުވާނުން ސިޔާސީ ވާން ޖެހޭ ކަމަށެވެ. އަދި އެއް ކަމެއްގައި ދޫނުދީ ދެމިތިބުމަށް އެމްޑީޕީގެ ޒުވާނުންނަށް އެމަނިކުފާން ވަނީ ސަނޭހަތެރިވެފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ވީހާވެސް ގިނަ މީހުންގެ ބައިވެރިވުން އޮތުމަކީ ޑިމޮކްރަސީއެއްގައި މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ސިޔާސީ ހަރަކާތުގައި ބައިވެރިވާ މީހުންނަކީ އެންމެ ޑިމޮކްރެޓިކް މީހުންނަށް ނުވެދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް މައުމޫން އާ ސިޔާސީ ޕާޓީއެއް ހައްދަވާތީ އެކަމާއި ގުޅޭގޮތުން އެ މަނިކުފާނުގެ ނަން ވިދާޅުނުވެ، ހުދުމުހުތާރު ވެރިކަމެއް ދަމަހައްޓަން މަސައްކަތްކުރި ބަޔަކު ޕާޓީއެއް އުފައްދަންއުޅޭކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ކުރެއްވި ސުވާލެއްގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ ކުރިން މީހަކު އުޅުނުގޮތް ފަހުން ބަދަލުވެދާނެ ކަމަށެވެ. އެގޮތުން ޖަރުމަނުގެ ހުދުމުހުތާރު ވެރިކަން ވެއްޓި އާ ދައުލަތެއް އުފެދުނު ގޮތާއި، ޖަޕާނުގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތަކީ އެފަދަ މިސާލުތައް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ބައިބައިވާނެ ފަދަ އެއްވެސް ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ މަނިކުފާނު ހުންނަވާނީ އެމްޑީޕީގައި ކަމަށާއި، ޕާޓީއާ ވަކިވެގެން ނުދާނެ ކަމަށް ވިދާޅުވި އެވެ.

މާދަމާ ފަށާ އެމްޑީޕީ ޔޫތު ކޮންގްރެސްގައި އެ ޕާޓީގެ ޒުވާނުންގެ ގޮފި ހިންގާނެ ގޮތް ކަނޑައަޅާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
ހިޔާލު