Vaahaka: Riveli
image
ވާހަކަ: ރިވެލި--
ފަތުހުﷲ އަހުމަދު
3 ކޮމެންޓް
 

ވާހަކަ: ރިވެލި

ގިތެޔޮ އަޅައިފި އެއްޗަކުން ވަސްފިލުވުމަކީ ފަސޭހަކަމެއް ނޫނޭ ބުނެ އަމާޒުވާ ވިހަ ހަމަލާތަކަށް އޭރަކު، އަހަރެން އަޅައެއް ނުލަމެވެ. ކުއްޅަވަކުގައި ދުވާ ވަހާއި އޭގެ ރަހައާ ގުޅުމެއް ނެތްކަމަށް ބުނާ މީހުންނަށް އަހަރެން ތައުރީފުކުރާ ހިތްވަނީ ކީއްވެ ކަމެއް ޚުދު އަހަންނަކަށް ވެސް ނުވިސްނެއެވެ. މިސުރު ބޯކަބަލަކީ ކޮން އެއްޗެއް ކަމެއް މިސުރު މީހުންނަށް ނޭނގެޔޭ ބުނާތީ އަހަރެން ގާތަށް އަންނަނީ ޒާތެއްގެ ހިންޏެކެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އަހަރެން އަޅައި ނުލާނެ ދެ ކަމެއް އޮންނާނެއެވެ. އެއީ، އަހަރެންގެ މިޒާޖާއި އަހަރެން ލޯބިކުރާ އަހަރެންގެ ގޮތްގަނޑެވެ.
އެއްބަޔަކު އަހަރެން ސިފަ ކުރަނީ މިސުރު ބޯކިބަލުގެ ގޮތުގައެވެ. އަނެއް ބަޔަކު އަހަންނާ ދިމާ ކުރަނީ ކުއްޅަވަކެއްގެ ލަގަބު ދެމުންނެވެ. ރައްޓެހިން އަހަންނާ ދިމާކުރަނީ ގިތޮޔޮ ހުސްކުރި ފުޅީގެ ކުރީގައިވާ ތިން އަކުރު ބޭނުންކޮށް ގެންނެވެ.

އެއީ އަހަރެން ސިފަކުރަން އެކި މީހުން ބޭނުންކުރާ ކޯޑުތަކެވެ. އެކި މީހުން ގެންގުޅޭ ފާހަގަތަކެވެ. ކޮންމެ ގޮތަކަށް ނަން ކިޔުނަސް އަހަންނަކީ އަހަރެންނެވެ. ޒަމާން ކޮންމެ ފަދަ މުސީބާތެއް ގެނަޔަސް ސިންގާއަކީ ސިންގާކަމަށް ޚުދު އަހަރެން ވެސް އެއްބަސްވަމެވެ. އަހަންނަށް އެ ވިސްނުން ލައިދިން މީހަކީ ޖިނާއެވެ. މުޙައްމަދު ޖިނާހެވެ. އެއީ އަހަރެންގެ މި ދާއިރާއަށް ފައްކާކޮށްދިން އަހަރެންގެ ބަޠަލެވެ. އަހަރެންގެ ފިލްމުގެ ޑައިރެކްޓަރެވެ.

އާއެކެވެ. އަހަންނަކީ ވަރަށް ތަފާތު މީހެކެވެ. އަހަރެން ގަޔާވާނީ ކޮން ކަމަކާ ކަމެއް ކުރިން އަންދާޒާކޮށްލުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ބައެއް ފަހަރު މީހަކު ބުނެލާ އެންމެ ލަފުޒެއްގައި އަހަރެން ތާށިވެދާނެއެވެ. އަނެއްބައި ފަހަރު ވައިރޯޅިއެއް ބީހިލާ ގޮތަކުން ވިންދުތައް އަވަސްވެދާނެއެވެ. މިއީ ކީއްވެވާ ގޮތެއްކަން ނޭނގި ހުއްޓާ ހިތުގެ ވަހުމުތައް ދެނެގަތް މީހަކީ ޖިނާއެވެ.

އޭރު އަހަރެންގެ އުމުރުން ވީ އެންމެ ބާވީސް އަހަރެވެ. އަހަރެން ދުވަހުގެ ވަޒީފާއަކީ ޔުނިވަރސިޓީގެ ނަންބޯޑު ބަލަން ދެއިރު ދެ ދަޅަޔަށް ހިނގުމެވެ. ދެ ނަމާދު ވަގުތުގެ ޒިންމާއަކީ އޮންލައިން މަންސަތަކުގައި މާފޮޅުވުމެވެ. އަށަކުން ދިހައަކަށް އޮންނަނީ ފޮތި ފިހާރައިގެ ވަތްގަނޑު ހުޅުވާ ލެއްޕުމެވެ. ޖިނާ ދިމާވީ ފޮތި ފިހާރައިންނެވެ. އޭނާއަކީ އަހަރުމެންގެ ފިހާރައިން ފޮތި ހުސްކުރާ މީހެކެވެ. އަންހެން ކުދީންގެ ހަށިގަނޑުން މިންނަގައިގެން އޭނާ އެ ހޯދަނީ ހާދަ ބޮޑު މަޝްހޫރުކަމެކެވެ. މުޅި މީޑިއާގައި އޮންނަނީ އޭނާގެ މޮޅުކަމުގެ ވާހަކައެވެ.

"އަސްލު އަހަރުމެން ވެސް ޖެހޭނެ ދޯ ތިކަމުގައި ބައިވެރިކުރުވަން،" އަހަންނަށް ދިމާކޮށްލެވުނީ ޖިނާއާއެވެ. "އަހަރުމެން މިކަހަލަ ފޮތި ނުވިއްކާނަމަ ތި މަޝްހޫރު ކަމެއް ނުލިބުނީސް ދޯ. މަށަށް ވެސް ނިކަން މިން ބަލަން ދަސްކޮށްދީބަލަ."
"ބޭނުން ވެގެންތަ؟ ނޫނީ ހަމަ ޖެއްސުމަށްތަ؟" ޖިނާ އަހަންނާ ކައިރިވެލަމުން ވައި އަޑުން ބުނެލިއެވެ.

"ބޭނުން ވެސް ވެގެން. ސަމުސާ ދިމާކުރަން ނޭނގިގެން." އަހަރެންގެ ވާހަކަ ބައްޓަން ކުރީ ޖިނާގެ ވާހަކަދެއްކުމުގެ ރާގަށެވެ.
"މައްސަލައެއް ނެތް. މަގޭ ގާތު ދެން ހެވޭ ނުބުނާތި. އޯކޭ." ޖިނާ ހޭންފެށިއެވެ.

އެރެއިން ފެށިގެން އަހަރެން އަކުރު އަޅަމުން ދިޔައީ ޖިނާ އަޅައިދިން ފޮޅުވަތުގެ މަތީގައެވެ. އަމިއްލައަށް ލިޔަން ދަސްވަންދެން ޖިނާ އަހަރެންގެ އަތުގައި ހިފަހައްޓައިގެން ލިޔަން ދަސްކޮށްދިނެވެ. އޭނާގެ ތަޖުރިބާގެ އެހީގައެވެ. މޮޅެތި އުކުޅުތައް އަހަންނަށް އޭނާ ކިޔައިދެއެވެ. ބަސްކޮށާރު ދަސްކޮށް ދިނެވެ. ޖިނާގާތުން ދަސްވެނިވާކަން މާ ގިނަ ދުވަހެއް ނުނެގިއެވެ.

ދުވަސްކޮޅެއް ނުވަނީސް ޖިނާ ފެން ދިން ހުރިހާ ގަހެއް ހެދި ފޯދެން ފެށިއެވެ. ހުށަހެޅުންތަކާއި ފުރުޞަތުތައް ގަޔާ ދިމާއަށް އުދުހެމުން އަންނަށް ފެށިއެވެ. އަހަންނަށް ރީތިވީ ދުނިޔޭގެ ކުލަތަކެވެ. ބޭނުންވީ ތަޖުރިބާ ކުރާށެވެ. ބަގީޗާގެ ތެރޭގައި އުދުހެމުން ފަހަރަކު މަލެއްގެ ރަހަ ބަލާށެވެ. މީވާ ސަޅިކަމެކޭ ހިތަށް އެރިއެވެ. ދުވަސްކޮޅެއް ނުވަނީސް އަހަންނަކީ މުޅި ޔުނިވަރސިޓީއަށް މަޝްހޫރު މީހަކަށް ވެއްޖެއެވެ. މާލެތެރެއަށް ނަންވިދައިލައިފިއެވެ. ސަލާންތައް އޮހެން ފަށައިފިއެވެ. އަހަރެންގެ ހިތަށް އެރިއެވެ. ފުއްޓަތްކެއް ޖަހައިލާ އިރަށް މަސްއައިން އެކުގައި އޮޑިއާ ދިމާއަށް ކެހޭހާ އަހަރެން މޮޅީ ހެއްޔެވެ؟ ނޫނީ އަހަރެންގެ އެދެރު އެހައި ވަރަށް އަހަންނަށް އުނގަނައިދިނީ ހެއްޔެވެ؟

އަހަންނަށް އަހަރެންގެ ދުނިޔޭގައި އުދުހި އުޅެވެން ފެށުނެވެ. އަހަންނާ ޖިނާގެ ގުޅުން ކެނޑި ދެމެދުގައި ފާރެއް ރޭނުނީ ވެސް މިކަމުގެ ތެރޭގައި ކުނި ޖެހިގެންނެވެ. އަމިއްލައަށް އެދުމުގެ ފާޓުފުޅާވުމުންނެވެ. އަމިއްލަ އައިނުގެ ނަންބަރު އޮޅި އަމިއްލަ ސައިޒު ވެސް ހަނދާން ނެތުނީމައެވެ. މަގުބޫލު ވުމަކީ ވެސް އުނދަގޫ ކަމެކެވެ. ވަކީން ޚާއްޞަކޮށް އަހަންނަށް މަގުބޫލުވެވުނީ މުޅީން އެހެން ދާއިރާއަކުންނެވެ. އަމިއްލަށް ފޮށީގައި ބާރަށް ބައްދަން ޖެހޭ ކަހަލަ ދާއިރާއަކުންނެވެ. ކުއްޅަވަކުގެ ވަހާއި އޭގައިލާ ރަހަ ތަފާތުވާ ބީދައިންނެވެ. މިސުރު މީހުންނަށް މިސުރު ބޯކިބާ ހުންނަ ކަން ނޭނގޭ ހެންނެވެ.

ޖިނާއާ ކުނި ޖެހި މާ ގިނަ ދުވަހެއް ނުވަނީސް އަހަރެންގެ ވަސް މާލެތެރެއަށް ނުބައިވާން ފަށައިފިއެވެ. ނަސީބަކުން އެއީ ބޮޑު ޗުއްޓީއަށް ފައި ކުރުކޮށްލި ދުވަސްވަރެވެ. ލޯމަތިން ގެއްލި، އަހަރެންގެ ވަސް މާލެއިން ކަނޑުވައިލަން ފުރުސަތެއް ލިބުނީ އެހައި ހިސާބުންނެވެ. އަހަރެން އަމާޒު ހިފީ ރަށާ ދިމާއަށެވެ. އަހަރުމެންގެ އަތޮޅަކީ އެއް ފަސްގަނޑަކަށް ހިކިފައި ނެތަސް އެތައް ރަށެއްގެ ޗޭނަކަށް ހަދައިފައިވާ ރަށެކެވެ. ހަވީރު ފިންޏަށް ބުރު ޖެހުމަކީ އަހަރުމެންގެ ސަގާފަތެކެވެ. ދަންވަރު އެކެއް ދޭން ޖަހަންދެން ފިނިބުރު ޖެހުން ދިގުދެމިގެން ދެއެވެ.

ފިނިބުރު ޖެހުން ވެފައިވަނީ މަޖާޒަކަށެވެ. ކުރަނީ އެހެން ކަމެކެވެ. ޖަހަނީ އެހެން ސަކަރާތެކެވެ. ހިލެނީ އެހެން މެޓައެކެވެ. އަހަރެންގެ ޒުވާންކަމުގެ ރަންޒަމާން ފެށުނީ ތަފާތު ދާއިރާއަކުން ދަސްވެނިވެގެންނެވެ. އަންހެން ކުދީންގެ ހިތުގައި ޓަކި ޖަހައިލަންވީ ދޮރު އަހަންނަށް ދެނެގަންނަށް އުނދަގުލެއް ނޫނެވެ. އަހަންނަށް އޮންނާނީ ޝައުޤުވެރިވުމެވެ. ހިތުގައި ޝައުޤުވެރިކަމެއް އުފެދުމެވެ. ބައެއް ފަހަރު ބުނެލާ ދެރަ ބަހަކުން އެ ޝައުޤުވެރިކަން އުފެދިދާނެއެވެ. އަނެއްބައި ފަހަރު މޫނު މައްޗަށް ގެންނަ ނުރުހުމުގެ ހަރަކާތަކުން އެކަން ވެދާނެއެވެ.

އަހަރެންގެ ކާމިޔާބުގެ ތަރި މެދު އުޑުގައި ފިޔަޖަހައިތާ އެތައް ދުވަހެއްވިއެވެ. އަހަރެންގެ ދުރުމީގައި އެކި ދުވަހު އެކި ތަރި ބެބުޅިއެވެ. ކާމިޔާބުކަމުގެ ލިސްޓަށް އެމުނި ގެތިފައިވަނީ ކިތައް ތަރިކަމެއް ގުނާން ވެސް ނޭނގެއެވެ. ގިނައީ މުޅީން އަލަށް އުފަންވި ތަރިތަކެވެ. ބައެއް ފަހަރު ފަޒާގައި އެކި ފަހަރު ބަޅުޅާ ފަނޑުވެފައިވާ ތަރިތައް ވެސް އަހަރެންގެ ދުރުމީގެ ލެންސަށް ހެޔޮވަރު ވިއެވެ.

އެއީ ޖައްވަށް ފިނިކަން އަތްގަދަކޮށްފައިވާ ރެއެކެވެ. އަހަރެން ނުކުތީ ފިނިބުރެއް ޖަހައިލުމަށެވެ. ރައްޓެހިންގެ ފޯނުން ޖަވާބު ނުދިނުމުން ނިންމީ އެކަނި ނަމަވެސް ވަދު ދަމައި ލުމަށެވެ. ފަހަރުގައި ފެނުމަތިން ހެޔޮވަރުގެ މަހެއް ވަދުގައި ހިފައިފާނެތާއޭ ހިތްބުނެލިއެވެ. ބޮޑު މަގުގެ މެދާ ހަމައަށް ދެވުނު އިރަށް ގައިން ހީބިހި ނަގަން ފަށައިފިއެވެ. ފިނިވެގެންނެވެ. ކަތުރު ކަށިގަނޑުގެ ޒިންމާ އުފުލަން ފަށައިފިއެވެ.

އަހަންނަށް ކުއްލި ސިހުމެއް ލިބުނީ މަގުގެ މެދުން އަތް ހިއްލައިގެން ހުރި މީހާއަށް ސައިކަލްގެ އަލި ފޯރުމުންނެވެ. އަލި އެޅިފައި ހުރީ އެމީހާގެ އުނަގަނޑުން ތިރިއަށެވެ. ސައިކަލުގެ އަލިގަނޑު މައްޗަށް ހިއްލައިލީމެވެ. ހައިރާންވެ ބަސް ހުއްޓޭހާ ވިއެވެ. އެ ކުއްޖާއާ ހަމަ ދެވުމާއެކު އަހަރެން މަޑުކޮށްލީމެވެ.

"އައްސަލާމް އަލައިކުމް، މީ ނިޔާޒު، އެކަނިތަ؟ ރަށުކޮޅަށް ދާން ބޭނުންވެފަ ހުރި ހެން ހީވާތީ މި މަޑުކޮށްލީ؟" އަހަންނަށް ބަލައިލެވުނީ އެ އަންހެން ކުއްޖާގެ މޫނަށެވެ.

ބަދަލުގައި އެ ކުއްޖާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އަހަންނަށް ކަޅި ޖަހައި ނުލައި އެ ކުއްޖާގެ މޫނަށް ބަލަން އިނދެވުނެވެ. އެހައި ރީތި މޫނެއް ދުވަހަކު ވެސް އަހަރެން ނުދެކެމެވެ. އޮމާން ދެ ކޯތާފަތެވެ. މަޑުމަޑު ހުދުކުލައަކުން ދިއްލިފައިވާ އޮމާން ހަންގަނޑެކެވެ. އުނަގަނޑާހަމައަށް އޮތް ފަން އިސްތަށިގަނޑުވަނީ ކަންފަތުގައި އަޅުވާލެވިފައެވެ.

"އަހަރެން ގެން ގޮސްދެންތަ؟" އަނެއްކާ ވެސް އަހަރެން ވާހަކަދައްކަން ފެށީމެވެ.

އެ ކުއްޖާގެ މުޅި ހަށިގަނޑަށް ބަލައިލަމުންނެވެ. އެއާއެކު ނާރުތަކުން ސިކުނޑިއަށް ސިގުނަލުތަކެއް ފޮނުވަމުން ދިޔައެވެ. މަޑުމަޑުން ލާނެތް ގޮތަކަށް ލޯ މަރައިލައި ދަތް ދޮޅީގައި އަތް ކާއްތައިލެވުނެވެ. ބޮލަށް ތިލަވަމުން ދިޔަ ޚިޔާލުތަކުގެ ސަބަބުން ސިކުނޑި ފުރެމުން ދިޔައެވެ.

"ވައި ޖައްސައިލަން ބޭރަށް ނުކުމެ މި އުޅެނީ. ހަނދުމަހުގެ ފަނަރަ އެއީ އަހަރެންގެ ރެޔަކީ،" އެ އަންހެން ކުއްޖާގެ ހިމަ އަޑު އިވިގެން ދިޔައެވެ. "އަހަންނަކީ އިބާ."

"އޯހ. އިބާ. ރީތި ނަމެއް. ނަމާއެއް ވަރަށް އިބާ ވެސް ރީތި. ތިހާ ރީތި ކުއްޖެއް އަހަރެން ދުވަހަކު ވެސް ނުދެކެން،" އަހަންނަށް ހިނިތުންވެލެވުނެވެ. "އަހަރެން އިބާއާއެކު މަޑުކޮށްލަންތަ؟"

"މިއީ އެންމެންގެ ތަނެކެއްނު. އަހަރެންގެ އަމިއްލަ ތަނެއް ނަމަތާ ހުއްދަ ހޯދަން ޖެހޭނީ." އިބާ ހިނިތުންވެލިއެވެ.

"ތި ކަހަލަ ވިސްނުން ހުރިހާ ކުދީންގެ ނުހުންނަނީ ކީއްވެބާއޭ އަހަރެން ހިތަށް އަރާ،" އަހަރެން ސައިކަލު މަގުގެ އެއް ފަރާތުގައި ޕާކުކޮށްލީމެވެ. "ވާހަކަދައްކައިލަން ވަރަށް ޝައުގުވެރިވެއްޖެ. އަހަރެންގެ ރަހައާ ވަރަށް ގުޅޭ ރަހައެއްތި."
"އާން. އެންމެންގެ ވިސްނުން އެއްގޮތެއް ވެސް ނުވާނެ. އެންމެންގެ މަގުސަދު ވެސް އެއް ގޮތެއް ނުވާނެތާ ދޯ،" އިބާ ހިނިތުންވެލިއެވެ. "އާއްމުކޮށް އަހަންނަކީ ދައުވަތު ދޭ މީހެއް ނޫން. އަހަރެންގެ ދައުވަތު އެއްވެސް މީހަކު ބަލައި ނުގަނޭ."
"ހީވަނީ ވަރަށް ހިތި ތަޖުރިބާއެއް ކޮށްފައިވާހެން. ހިއްސާކޮށްލައިދީފިނަމަ ވަރަށް ރަނގަޅު. އޭރުން އިބާއަށް ވެސް ހިތްހަމަ ޖެހުމެއް ލިބިގެންދާނެ ކަމަށް މި ބަލަނީ." އަހަރެން އިޝާރާތްކޮށްލީ މަގުގެ އެއްފަރާތަށެވެ.

އަހަރެން ބޭނުންވީ އެ ދިމާ އަތިރިމައްޗަށް ނުކުންނާށެވެ. ހަނދުގެ އަލިން ފެންވަރާށެވެ. އަހަރެންގެ އިޝާރާތްތައް އިބާ ދެނެގަތެވެ. އަހަންނާ އެކު އޭނާ ހިނގައިގަތެވެ.

"ތަޖުރިބާއަކީ ހިއްސާކުރެވޭ އެއްޗެއް ނޫން ދޯ. ތަޖުރިބާއަކީ ލިބޭ އެއްޗެއް. ހާސިލުކުރާ އެއްޗެއް. ތަޖުރިބާއަކީ ހޯދާ އެއްޗެއް. ތަޖުރިބާ ކުރެވިފައިވާ މީހެއްގެ ވާހަކަތައް އަޑު އެހިދާނެ. އޭނާއަށް ވެސް، އެ ކުރެވުނު ހުރިހާ ތަޖުރިބާއެއް ކިޔައި ނުދެވޭނެ." މާނަފުން ބަސްތަކެއް ހިމަނައިގެން ބޮޑެތި ވާހަކަތަކެއް އިބާ އަމުނައިލިއެވެ.
ހައިރާން ކަމާއެކު އަހަންނަށް ބަލަން ހުރެވުނީއެވެ.

"ކީކޭ ބުނާނީ؟ ފިލޯސަފީ ގަޑިއަކަށް ކަން ނޭނގެ މި ވަދެނީ." އަހަރެން އިބާއާ ގާތަށް ޖެހިލީމެވެ.

އޭރު އަހަރުމެންނަށް ތިބެވުނީ ތުނޑީގައެވެ. އަހަރުމެން ތުނޑިއަށް ނުކުތުމާއެކު ކަނުނިތައް ހޮރުތަކާ ދިމާއަށް ދުވެގަތެވެ. ހީވީ ބިރެއް ފެނިގެން ދުވެފިލަން އުޅުނުހެންނެވެ. ބައެއް ކަކުނި ދިޔަރެސް މަތީ ދެ ކޮޅަށް ދުވެލަ ދުވެލާ ތިއްބެވެ. އަހަރެން ބޭނުންވީ ފުރުސަތެކެވެ. ސިކުނޑީގައި ދެތިން ޚިޔާލެއް ދުވެލިއެވެ. ކުއްލިއަކަށް އަރިއަޅައިލިއެވެ. އަރިއަޅައިލި ގޮތުން އަހަރެންގެ ހަށިގަނޑުގެ ބުރަ އިބާއާ ވީ ފަޅިއަށް އަމާޒުވިއެވެ.

އަހަންނަށް ހިފުނީ އިބާގެ ކޮނޑުގައެވެ. އިބާގެ ދެ ކޮނޑުގައި ހިފުނު ގޮތުން، އިބާ ވެސް އަރި އަޅައިލިއެވެ. އަހަންނާ ދިމާއަށެވެ. އެއާއެކު ދެމީހުން އެކުގައި ވެއްޓުނެވެ. އިބާގެ މޫނު އަހަރެންގެ ދަތްދޮޅީގައި ޖެހުނެވެ. ކުއްލި ހަރަކާތަކާއެކު އިބާ އަހަރެން ގައިގައި އޮޅުލައިގަތެވެ. އަހަރެން ފުރުސަތުގެ ބޭނުން ހިފީމެވެ. ނޭނގޭ ކަމަށް ހެދިގެން އޮވެއެވެ. އިބާގެ މޫނާ ދިމާއަށް އަހަރެން މޫނު އަނބުރައިލީމެވެ. އެއާއެކު އިބާގެ ނޭވާތައް އަހަރެންގެ ތުންފަތަށް އެޅެމުން ދިޔައެވެ. އަހަރެންގެ ތުންފަތް ހަރަކާތްކޮށްލިއެވެ.

އަހަންނަށް ކުރެވެމުން ދިޔައީ މުޅީން އެހެން އިހްސާސްއެކެވެ. ހީވީ މުޅި މީހާ އެކުގައި ލުއިވެ ފަޒާގެ ތެރޭގައި އުދުހެވޭ ހެންނެވެ. ހަށިގަނޑުގައި ހުރި ބަރުހެލިކަން އެކުގައި ކެނޑިގެން ދިޔަހެންނެވެ. އަހަންނަށް ދެ ލޯ މަރައިލެވުނެވެ. ފޫޅާ ދިމާއިން ހޫނުކަމެއް އިހުސާސް ވާހެން ހީވުމުން ދެ ލޯ ހުޅުވައިލެވުނެވެ. އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. މޭމައްޗަށް ބަރުކަމެއް އިހުސާސްކުރެވުނެވެ. މޭމައްޗަށް ބަލައިލެވުނެވެ. ފެނުނީ ހިޔަންޏެކެވެ. ދެފަހަރަކު ކަޅި ޖަހައިލެވުނެވެ. މޭމަތިން ފެނުނު ހިޔަނީގެ ސިފަ ބަދަލުވިއެވެ. އެއީ ބިރުވެރި ސިފައަކަށް އިން ހައިވާނެކެވެ. ހަށިގަނޑު ގުޑުވާލަން އުޅެއުޅެ އެކަމެއް ވެސް ނުވިއެވެ. އަހަންނަށް ބަލައިލެވުނީ އިބާ ކޮބައިތޯއެވެ. އިބާ ފެންނާކަށް ނެތެވެ. އަހަންނަށް އިބާއޭ ކިޔައި ގޮވާލެވުނެވެ.

މޭމަތީގައި އިން ހައިވާނު އަހަންނާ ދިމާއަށް ބަލައިލިއެވެ. އެ ސޮރުގެ ދެ ލޯ ފެނުނީ އެ ވަގުތުއެވެ. ބޮޑު ބޮޑު ދެ ލޮލެވެ. ދެ ލޯ ހީވަނީ އަނގުރު އަލިފާން ގަނޑެއްހެންނެވެ. އެ ސޮރު ދޫ ބޭރަށް ނެރެލިއެވެ. ދެ ކަފިވެފައިވާ ހިމަ ދުލެކެވެ. ދޫ ބޭރަށް ނެރެލި ވަގުތު އަނގައިގެ ތެރެއިން ލޮނދިތައް ބޭރަށް ނުކުންނަމުން ދިޔައެވެ. ދޫ ނެރެލައި އެ ސޮރުގެ އަމިއްލަ ތުންފަތުގައި ޖައްސައިލަމުން ލަސްލަހުން އެތެރެއަށްލިއެވެ. އެއާއެކު ތުންފަތުގެ ބޭރުގައި ދުލުގައި ހުރި އޮލަ ލޮނދިތައް އުނގުޅުނެވެ.
"ތި ކޮން އެއްޗެއް؟" އަހަރެން ބިރުން ތުރުތުރު އަޅާން ފެށިއެވެ.

"މީ އިބާ. އިބާގެ އަސްލު. ކަލޭ ބުނަމެއްނު، ކޮންމެ ފަދަ މުސީބާތެއް މެދުވެރި ވިޔަސް ސިންގާވާނީ ސިންގާއަށޭ. އެހެންވީމަ އިބާވާނީ އިބާއަށް. ކޮންމެ ސިފައެއްގައި ވިޔަސް އިބާވާނީ އިބާއަށް،" އެ ސޮރުގެ އަޑު އިވެމުން ދިޔައީ ދެ އަޑު އެކުވުމުން އަންނަ ފަދަ ގޮތަކަށެވެ.
"އަހަރެން ފޫޅަށް ކީއްތި..؟" އަހަންނަށް ބުނެވުނީ އެހައި ހިސާބަށެވެ.

އެ ސޮރު ތުންފަތުގެ މަތީގައި ހުރަހަށް އަމިއްލަ ޝަހާދަތް އިނގިލި ޖައްސައިލިއެވެ. އިނގިލި ތަކުގައި ހުރީ ހިމަ ދިގު ނިޔަފަތި ތަކެކެވެ. އާދަޔައިގެ އިންސާނެއްގެ އިނގިލިތަކަށް ވުރެ އިނގިލިތައް ދިގުވެފައި ހިމައެވެ.

"ކަލޭއަށް އޮތް ހަދިޔާ މި ލައިދިނީ. ދެން އެ ހަދިޔާ ހިފައިގެން އަބަދަށް އުޅޭ. ގިތެޔޮ އަޅާފައި ހުންނަ އެއްޗެހިން ވަސް ފިލާނެ އެތައް ގޮތެއް ހުންނާނެ. މި ވެސް އެއް ގޮތް." އެ ސޮރު ބާރުބާރަށް ހޭންފެށިއެވެ.

ދެން ވީ ނުވީއެއް އަހަންނަކަށް ނޭނގުނެވެ. ދެން ލޯ ހުޅުވާލެވުނު އިރު އަހަރެން އޮތީ ސަރަހައްދީ ހަސްފަތާލުގައެވެ. ހެނދުނު ތުނޑިމަތީ ހޭނެތިފައި އޮއްވާ ބަޔަކަށް ފެނިގެން އަހަރެން ގެނައީކަމަށް ދައްތަ ކިޔައިދިނެވެ.

"އަސްލު ކިހިނެއްތަވީ؟" ސުވާލުގެ ނަޒަރުން ދައްތަ ސުވާލުތައް ބަންޑުންކޮށްލިއެވެ.

އަހަންނަށް ވީ ގޮތެއް އެކަކަށް ވެސް ނޭނގެއެވެ. ބައެއް މީހުން ކިޔައި ގޮތުން އަހަރެން ޖިންނި މޮޔަވީއެވެ. އަނެއް ބަޔަކު ބުނާ ގޮތުން އަހަންނަށް ބަޔަކު ހަމަލާ ދިނީއެވެ. ފޫޅާ ދިމާއިން ވަރަށް ފުންކޮށް ކަނޑައިގެން ގޮސް ހުރިކަމަށް އެމީހުން ބުނެދިނެވެ. ޑޮކުޓަރުން އިތުރު ތަހުލީލު ކުރަމުންދާ ކަމަށް ބުނެދިނެވެ. އަހަރެންގެ ބަނޑުގެ ސްކޭނެއް ހެދުމުން އެމީހުން ހައިރާންވީ ކަމަށް ދައްތަ ކިޔައި ދިނެވެ. ގޮތް ނޭނގޭ އެއްޗެއް ބަނޑުގައި އޮތް ކަމަށް ޝައްކުކުރާކަމަށް ބުނެދިނެވެ. އެކަމަކު އެބުނާ އެއްޗެއް ކަށަވަރު ކުރާން ދެވަނަ ފަހަރަށް ސްކޭން ކުރި އިރު އެ ނުފެނުނު ކަމަށް ބުނެދިނެވެ. އަހަރެން ބަނޑުގައި އަތް ޖައްސައިލީމެވެ. އާދަޔާ ޚިލާފު އެއްވެސް ކަމެއް ފާހަގައެއް ނުކުރެވުނެވެ. މަޑުމަޑުން ފޫޅު ކައިރީގައި ޝަހާދަތް އިނގިލި ޖައްސައިލީމެވެ. ހީވީ ހޫނުކަމުން ފިހިދާނެހެންނެވެ. ކުއްލިއަކަށް ފަހަތަށް އަތްދަމައިލެވުނެވެ. އެ މަންޒަރު ދައްތައަށް ވެސް ފެނުނެވެ. އަހަރެން ބާރު ބާރަށް ހަޅޭއްލަވާ ގަތީމެވެ.

ކުއްލިއަކަށް ބަނޑުގައި ރިއްސައިގަތެވެ. ބަނޑު ތެރޭގައި ދެ ކޮޅަށް އެއްޗެއް ދުވާހެން ހީވަމުން ދިޔައެވެ. ބައެއް ފަހަރު އެ ދުވާ އެއްޗެއް ބަނޑުގެ ހަންގަނޑުން މައްޗަށް ހިއްލިފައި ހުރެއެވެ. އަހަންނަށް އެ މަންޒަރު ފެންނަން ވެސް ފެނެއެވެ. ކުޑަކުއްޖެއްގެ މޫނުގެ ސިފައިގައެވެ. ބައެއް ފަހަރު ޖަނަވާރެއްގެ މޫނުގެ ގޮތުގައެވެ. އެ ސިފަތައް ބަނޑުން ބޭރަށް އުފުލިފައި ހުރެއެވެ. ނަމަވެސް، އެ މަންޒަރު ފެންނަނީ އަހަންނަށް އެކަންޏެވެ. އެހެން މީހުންނަކަށް އެކަމެއް ނުފެނެއެވެ.

އަހަންނަށް ދޭތެރެ ދޭތެރެއިން ފާޑެއްގެ ބާރުގަނޑެއް އަރައެވެ. ފުން ނިންޖަކުން ނިދައިލެވޭހެން ހީވެއެވެ. ހޭވެރި ނުވެވި އެތައް އިރަކު އޮވެވޭކަން އެނގެއެވެ. އަހަންނަކީ މޮޔައެއްގެ ނަމުގައި މުޅި ރަށަށް އަޑު އަރައިގެން ދިޔައެވެ. ޖިންނި މޮޔަވާ ވާހަކައެވެ. މި ވޭނުގައި އުޅެމުން އުމުރުގެ ސާޅީސްފަސްވަނަ އުފަންދުވަސް މި ގުނަނީއެވެ.

އިބާގެ ވާހަކަދައްކާ އިރަށް އެންމެން ފަށަނީ ހޭށެވެ. އެމީހުންނަށް ނުފެނުނަސް އަހަންނަށް އިބާ ފެންނަން ވެސް ފެނެއެވެ. އަހަންނަށް އުނދަގޫވާ ކޮންމެ ދުވަހަކު އިބާ އަހަރެންގެ ގާތަށް އައިސް އެހީތެރިވެދެއެވެ. އެ ވޭނުން މިންޖުކޮށްދެއެވެ. އޭނާ އަހަންނަށް އަޅައިލައެވެ. ނަސޭހަތް ދެއެވެ. ވިސްނައިދެއެވެ. އަބަދުވެސް އޭނާ ބުނާ ވާހަކައެއް އޮވެއެވެ.

'ގޯސްކަމެއް ތަކުރާރު ކުރާނަމަ، އެ ގޯސްކަން ތިމާގެ ހަޔާތުގެ ރިވެލީގެ ގޮތުގައި ފެންނާނެ' ކަމަށް ބުނާ ވާހަކައެވެ. އަހަންނަށް ވެސް މި ވީ އެހެން ކަން ނޭނގެއެވެ. އިބާ މިވީ އަހަރެންގެ ކުށުގެ ރިވެއްޔަކަށެވެ. ސުވާލަކީ އިބާއަކީ ކާކު ހެއްޔެވެ؟ އިބާގެ ގޮތުގައި އެ އުޅެނީ ކާކު ހެއްޔެވެ؟ މި ސުވާލަށް ދޭނެ ޖަވާބެއް އަހަންނަށް ނުލިބުނެވެ.

(ނިމުނީ)
ހިޔާލު

ދޮން އާދަނު

މިވާހަކަ ކިޔުމަށްފަހު މާކެޔޮޅުކަމު ދާން ބިރުގަނެއްޖެ... ނިންމައި ނުލައި އެއީ ޖިނާ ނޫނީ އެކުސް އެއްގެ ބަދަލު ހިފުމަކަށް ހެދި ނަމަ... ހެހެ.. ވަރަށް

އޮބި

ކޮން ނަމެއް ކިޔާ ފޮންޓަކުން ނަން ލިޔެފަ ތި އޮތީ

މީހާ

ރިވެލި އޭގެ މާނަ އަކީ ކޯބައިތޯ؟